ފޮނިރަހަދޭ ސާޅީސް އަށްލާރި
10 މެއި 2021 | ހޯމަ 10:34
ކުރު ވާހަކަ

މިއީ މާލޭގައި އިހުގައި އުޅުނު ފޮޓޯ މޫސާފުޅާބެހޭ ވާހަކައެކެވެ. އޭނާގެ ދިރިއުޅުމުގައި ހިނގައިފައިވާ ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ކަމަކާ ގުޅިފައިވާ ވާހަކައެކެވެ.

ހެނދުނު ފަތިހާ ގެއިން ނުކުމެ، ގޭގެއަށް ޞަލަވާތް ކިޔަވަން ހިނގުމާއި މަޣްރިބް ނަމާދުން ފައިބައިގެން ޞަލަވާތް ކިޔަވަން ހިނގުމަކީވެސް މޫސާފުޅުގެ އާދައެކެވެ. އަދި ޢަޞުރު ނަމާދުން ފައިބައިގެން ޤައުމީ ހޮޓަލަށްގޮސް ބައިކަޅު ޖަހާލުމަކީ އޭނާގެ ކަށީގައި ހިފާފައިވާ ވަރުގަދަ އާދައެކެވެ.

އެގޮތުން މޫސާފުޅުގެ އާދައިގެ މަތިން ބައިކަޅު، ޖަހާލަން ޤައުމީ ހޮޓަލަށް ދިޔަ ދުވަހެކެވެ. ދެތިން ރައްޓެއްސަކު ސައިބޯން ތިބި މޭޒެއްގެ ދޮށުގައި ހުރި ހުސް ގޮނޑިއެއްގައި މޫސާފުޅު ޖައްސާލިއެވެ. ހަމަ އިށީނުމާއެކު ސައި ބަހައްޓާ (މިހާރުގެ ނަމުންނަމަ ވެއިޓަރު) އައިސް ކާތަކެއްޗާއި ބޯތަކެތި އަތުރާލިއެވެ. އެހެން ނަމަވެސް މޫސާފުޅު އޭނާގެ އާދައިގެ މަތިން ބައިކަޅުގެ އިތުރަށް ބޭނުން ކުރީ ކުޅި ބޯކިބާ ބުރިއަކާއި ފޮނިބޯކިބާ ބުރިއަކާއި މެދުގުޅައަކާއިއެވެ. އޭގެ ޖުމުލަ އަގަކީ އޭރުގެ ރޭޓުން ނަމަ އެންމެ ސާޅީސްއަށްލާރިއެވެ.

މޫސާފުޅު ކޮށިގަނޑު (މިހާރުގެ ނަމުންނަމަ ކައުންޓަރު) ކައިރިއަށް ފައިސާ ކަނޑަން ހިނގައްޖެއެވެ. "އައްދެ، މީނީ ސޭޓު ބަދަލުވެފަ!" މޫސާފުޅަށް  ބުނެލެވުނެވެ. "ކޮބާ ކުރީގެ ސޭޓު ނަޖީބު؟" އޭނާ އަހާލިއެވެ. "ނަޖީބު ސަކަރާތްވެގެން ވަކިކޮށްފި! މިހާރު މީނީ މަ!" "އާނ އާނ! އިދުރީސްވެސް ތީ އަހަރެން ދަންނަ މީހެކޭ! އެނގިދާނެތާ!" މޫސާފުޅު މިހެން ބުނެލަމުން ފަންސާސް ލާރި (ބައި ރުފިޔާއެއް) ދިއްކޮށްލިއެވެ. އޭގައި ހިފުމަށްފަހު އިދުރީސް، މޫސާފުޅަށް މެޓައެއް ދިނެވެ. "މީ ކޯޗެއް؟" މޫސާފުޅު އަހާލިއެވެ. "ބާކީ ލާރިތީ!" އިދުރީސް ބުނެލިއެވެ. މޫސާފުޅު ކުޑަކޮށް ވިސްނާލިއެވެ. ނަމަވެސް ބަހެއް ނުބުނެ ސޭޓު ދިން އަލަނާސި މެޓާ ޖީބަށް ލައިގެން ނުކުމެގެން ދިޔައީއެވެ.

އިދުރީސްގެ ސޭޓު ކަމުގައި އެއް ދުވަސްވެސް ވައްޓާނުލާ، މޫސާފުޅު ޤައުމީ ހޮޓަލުން 24 ދުވަހު ޖެހިޖެހިގެން ސައިބުއި އިރު އަތުގައިވަނީ 24 މެޓާ ޖަމާވެފައި ވެއެވެ. އެހެނީ ކޮންމެ ދުވަހަކުވެސް ސައި ބޮއެ ނިމިގެން މޫސާފުޅު ސޭޓަށް ދެނީ ފަންސާން ލާރި އެވެ. ކޮންމެ ދުވަހަކުވެސް މުސާފުޅު ކަނީ އެކައްޗެއްކަމުން ބިލަށް ސާޅީސްއަށްލާރި ކަނޑާފައި ބާކީ ދެނީ ލާރީގެ ބަދަލުގައި އެއްކަލަ އަލަނާސި މެޓައެވެ.

އެއްރެކެވެ. މޫސާފުޅު ގެ އަނބި އަމީނާ އަށް މިމެޓާތައް ފެނިގެން ސުވާލު އުފައްދައިފިއެވެ. " މުސާފުޅާ މީ ކޮންހާ އަލަނާސި މެޓާތަކެއް؟ މިހާރު މެޓާވެސް ކާން ފެށީތަ؟ ނޫނީ އެހެން ކުއްޖަކަށް މެޓާ ކާންދެނީތަ؟ އަހަރެންވެސް މުސާފުޅާ އިނދެގެން އުޅޭތާ ސަތާރަ އަހަރުވީ މޫސާފުޅު މެޓާކާން ތިހާ ވަރު ހުންނަކަމެއް މަށަކުވާ ނުދެނަހުރިން!" މޫސާފުޅު އައިސް އަމީނާ ގެ ކޮނޑުގައި ހިފާލާފައި ކައިރީގައި ބޭންދުމަށްފަހު "އަމީނާ އަބަދުވެސް ބުނަމެއްނު، ކަމެއްވާއިރަށް ކަމުގެ ދެކޮޅު ނުބަލައި ފަންކާއެއް އެނބުރި ނުގަންނާށޭ! އޭރުން ކަމަކު ނުދާނޭ! އަބަދުވެސް ބުނަމެއްނު ރީތިކޮށް އަހާލާށޭ! އަހާލީމަ ކިޔައިދޭނަމޭ! އާނ އަޑުއަހާ! ތިޔައި އެހެރަ ގައުމީ ހޮޓަލުން އަހަރެން ސައިބޮއެފަ ބިލަށް ފައިސާ ދެއްކުމުން ބާކީ އޮންނަ ލާރި މަށަށް ދީފަޔޯ! ފުރަތަމަ ދުވަހު މިމެޓާ ދޭއިރަށް މައަހައިފިން މި ކޯއްޗެންހޭ! ހަމަ އަހާ އިރަށް ބުނެފި ތިޔައީ ބާކި ލާރިއޭ! އެއީ މި ވީގޮތަކީ އަމީނާ!" އަމީނާ އަޑު އަހަން އިނދެފަ "އެހެންދޯވަނީ! މިހާރު ބާކީ ލާރީގެ ބަދަލުގައި ދެނީ މެޓާތަ؟ ދެންތީ ކީއްކުރާ އެއްޗެއް! ކިހާ ބޮޑު އިސްރާފެއް މޫސާފުޅާ! އުކާލާ ތިޔަ މެޓާތައް! އެސޮރަށްވެސް އަހަރެން މިހާރު ތިޔަކަހަލަ އެއްޗެހި ނުދެން، އެސޮރުގެ ދަތްފަނިކާތީ!" މޫސާފުޅު ޒާތަކަށް މޫނު ހަދާލާފައި "ނޫނޭ އުކައެއް ނުލާނަން! މި އިސްރާފެއްނުވާނެ! އަމީނާ ހުރޭ ބަލަން، މަ މިއަށް ހާދާ ގޮތް!"

އާދަކާދައިގެ މަތިން ޖެހިގެން އައި ދުވަހު (25 ވަނަ ދުވަހުވެސް) މޫސާފުޅު، ސައިބޯން ދިޔައީ ޤައުމީ ހޮޓަލަށެވެ. 2 ބުރި ބޯކިބަލާއި މެދުގުޅައާއި ބައިކަޅު އަރުން އެތެރެ ކޮށްލުމަށްފަހު، ފައިސާ ކަނޑަން ހިނގައްޖެއެވެ. "ސާޅީސްއަށްލާރި!" އިދުރީސް ބުނެލިއެވެ. "އެހެންދޯ! އަން މިއޮތީ ސާޅީސްއަށްލާރި ލާރި!" މޫސާފުޅު މިހެން ބުނަމުން ފާއިތުވެދިޔަ 24 ދުވަހު އެ ހޮޓަލުން ދީފައިވާ 24 މެޓާ އިދުރީސް ކުރިމައްޗަށް އަޅާލިއެވެ. "އޭ މީ ކޯޗެއް؟" އިދުރީސް ނިތްކުރިއަށް ރޫ އަރުވާލިއެވެ.

"ތިޔައީ ސާޅީސްއަށްލާރި! ކޮންމެ ދުވަހަކު 2 ލާރީގެ ބަދަލުގައި 24 ދުވަސް ވަންދެން މެޓާ ދިންއިރު އަހަރެން ނޫނެކޭ ބުނިންތަ؟ ނުބުނަމެއްނު! އަހަރެން އެއްޗެކޭ ނުބުނީ މިއީ ބާކީ ލާރިއޭ އިދުރީސް ބުނީމަ! އެދުވަހު އެއީ ލާރިއަށްވެފާ މިއަދު ކީއްވެ ވަކި އެހެން އެއްޗަކަށް ވާންވީ؟ މަމިދަނީ! ތިޔަ މެޓާ ތަކަކީ ސާޅީސްއަށްލާރި! ރަނގަޅަށް ގުނާލާތި އެންމެ މެޓައެއްވެސް މަދުތޯ! "މޫސާފުޅު ނުކުމެގެން ދިޔުމުން، އިދުރީސް މެންދުރު ކާޅެއްހެން އަނގަ ހުޅުވިފަ އިނދެ "ނާފަހެ! މޫސާފުޅު ބުންޏަސް ތެދެއްވާނީ ތެދަށް! މިމެޓާތައް ހަމަވާނީ ސާޅީށްއަށްލާރިއަށް! ކުރާނެ ކަމެއް ނެތް! މިޖެހުނީ މިވާހަކަ ގަބޫލުކުރަން! މުސާފުޅުބެ ފުރަތަމަ ދުވަހުވެސް އަނގައިން ނުބުނެ  މަޑުމަޑުން ދިޔަ ގޮތުންވެސް މަގޭ ހިތަށް އެރި މީނާ މަށަށް ކޮންމެވެސް ލަގާއެއް ދޭނޭ! ދެކިބަލަ ހަދާލިގޮތް ސާޅީސް އަށް ލާރިއަށް ހުސް މެޓާ ދީފައި އެދިޔައީ!"  

(ނިމުނީ)   

24%
އަންތަރީސް ވެއްޖެ
59%
އުފާ ވެއްޖެ
6%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
6%
މޮޔަވެއްޖެ
6%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved