ސީނު ނުކިޔާ ދަތުރު
5 މެއި 2021 | ބުދަ 11:05
ކުރު ވާހަކަ

މިސްރުގެ ”އަލްމުބާޙިޘު“ ކިޔާ ބޯޓުން މާލޭގެ ބަނދަރު ސާވޭ ކުރުމަށް ކުރި ދަތުރުގައި މިސްރުގެ ވަރަށް މަޝްހޫރު އަދީބެއް ކަމުގައިވާ ޑރ. ޙުސައިން ފައުޒީ މާލެ ވަޑައިގެން ކީރިތި މަހާރަދުންގެ ފައިވާންޕުޅު ހިފާން ބޭނުންފުޅުވިއެވެ.

ފައުޒީއަކީ މުސްލިމް ބޭކަލަކަށްވާތީ "މުއްދަތުލާގައުގަނޑަށް" އަރާވަޑައިގަންނަވާކަށް ނުޖެހުނެވެ. (މުއްދަތުލާ ގައުގަނޑަކީ، ބަނޑޭރިގޭ ދެކުނުފަރާތު ފާރުބޭރު ކައިރީގައި މެދުޒިޔާރަތްމަގަށް އޮންނަ ވަރަށް އުސް ބޮޑު ގަލެކެވެ.) މުސްލިމެއް ނޫންނަމަ، މިގަލަށް އަރުވާ ސައްޔިދު ބޭކަލަކު އޭނާގެ ކަނާތުގައި ވާތްޕުޅުން ހިއްޕަވައިގެން ހުންނަވައި ސަލާމަތަށް ކިޔަވައި ވިދާޅުވާނެއެވެ. މިފަހަރު ދިމާވީ ސައްޔިދު މޫސާ މާފަތްކިލެގެފާނާއެވެ. މި ކިލެފާނަކީ ރާއްޖެއަށް މާލެއަށް މުޞީބާތެއް ދިމާވާ ކޮންމެ ފަހަރަކު ސަލާމަތަށް އެދި ދަންނަވާ އިސް އިމާމެވެ.

ކޮންމެއަކަސް ޑރ.ފައުޒީ އެއިރު ތިއްބެވި ފަންސަފުރަދާނައިންނާއިގެން ރަދުންގެ ފައިންޕުޅު ހިފާން މަތިގެއަށް އެރުއްވިއެވެ. އެއިރު ބުދުހާ ގޮނޑިކޮޅުގައި ރަދުން އިންނެވިއެވެ. ދެފަރާތްޕުޅުގައި ވަޒީރުން ރަސްމީ ހެދުންކޮޅުގައި ތިއްބެވިއެވެ. ޑރ.ފައުޒީ އަރިހުގައި މަތިގޭ ކަޓިކަރާ މައްޗަށް އަރާވަޑައިގަތީ ވަޒީރުލްޚާރިޖިއްޔާ ޙަސަންފަރީދު މަނިއްޕުޅެވެ. އިނގިރޭސިބަހާއި ފަރަންސޭސިބަހާއި ޢަރަބިބަހާއި އަދި ކުޑަކޮށް އުރުދޫބަހާއި ފާރިސީބަސް މަނިއްޕުޅު ދެނެވަޑައިގަންނަވާ ކަމަށް ވެއެވެ. ކަޓިކަރާމަތިން ރަދުން އަރިހުގައި ބޭފުޅުން ވެދެވަޑައިގަތީ ބޮޑުކޮޓަރިކޮޅަށެވެ. މިތާނގައި އަލުން ރަދުންނާއި އެންމެ ބޭފުޅުން އިށީނދެވަޑައިގަތީއެވެ. އެއީ ކަޓިކަރާމަތިން މެހުމާނާއި ރަދުން ބައްދަލުކުރައްވާސަލާންކުރައްވާ އެއްސެވުމަށްފަހުގައެވެ. މިކަން ހިނގީ ޙަސަންފަރީދުގެ ތަރުޖަމާކަމުގެ ތެރޭގައި ޢަރަބިބަހުންނެވެ.

ބޮޑުކޮޓަރިކޮޅުގެ ތެރޭގައި އިށީނދެވަޑައިގެން ހަމަޖެހުމަށްފަހު ޑރ.ފައުޒީއަށް އިވިވަޑައިގަތީ ނިކަން މަޑުމަޑުން ރަދުން ޞިމް ޞިމް ޞިމް“ މިހެން ތިންފަހަރު ވިދާޅުވެލެއްވި އަޑެވެ. ދެން ޙަސަންފަރީދު ޢަރަބިބަހުން ވަރަށްދިގު ތަރުޖަމާއެއް ކުރެއްވިއެވެ. އޭގައި ބަންޑާރައިން އެވިދާޅުވަނީ މިޞްރު ރަސްގެފާނު ކޮންޙާލުކޮޅެއްގައި ހުންނެވިތޯ އާއި އަދި މިޞްރަކީ ވަރަށް އިހުޒަމާނުއްސުރެ ރާއްޖެއާއި ގުޅުންހުރި ތަނެއް ކަމުގައެވެ. އަދި ރާއްޖޭގައި ތިބި ގިނަ ދަންނަ ބޭކަލުންނަކީ ޖާމިޢުލްއަޒްހަރުގެ ދަރިވަރުން ކަމެވެ. ކޮންމެ އަހަރަކު އެއްފަހަރު ދިވެހިންގެ ބަޔަކު ހައްޖަށްދާން މިޞްރަށް ދާ ކަމަށެވެ. މިގޮތުން މިޞްރަކީ ދިވެހިންގެ އެންމެ ގާތް އަޚުން ތިބިތަނެވެ. އަދި ދިވެހިރާއްޖޭގެ ދިދައަކީ މިޞްރު ދިދައާއި ހިޖާޒުކަރައިގެ ދިދައާއި ނަމޫނާއަކަށް ބަލައިގެން އުފައްދާފައިވާ ދިދައެކެވެ.

މިހިސާބަށް ވާހަކަފުޅު ދާއިރަށް ވަރަށްރީތި ރަންކުލައިގެ ކުދި ތަބައްކޮޅު ތަކެއްގައި ފިނިހިއްޕެވުން ގެނެސްފިއެވެ. ދެން މި ފިނިހިއްޕެވުން ނިންމަވައި ބިލެތްމީރު ކުރައްވައި ހެއްދެވުމަށްފަހު ޙަސަންފަރީދު ބަންޑާރައިންގެ އަރިއަހުން އެދިވަޑައިގަތީ މާދަމާ ހެނދުނު މުބާޙިޘުގައި ކުރަންވެފައިވާ ސާވޭގައި ޑރ.ފައުޒީ ނައިފަރަށް ވަޑައިގަތުމަށް ހިރިޔާފާތުރާ ދަށުން ހުއްދައަށެވެ.

މިދަތުރުގެ އާރުކާޓީއަކަށް ފޮނުއްވީ ކަސްޓަމުގެ ސަރުޖަނެކެވެ. މީނާގެ އަތުގައި ޢަބްދުﷲ ފަހުމީއަށް ޙަސަން ފަރީދުގެ އަމިއްލަފުޅު ސިޓީފުޅެއް ފޮނުއްވިއެވެ. އަދި ސަރުޖީނު ކައިރީ ޙަސަންފަރީދު ވިދާޅުވީ ސިޔާސަތާބެހޭ އެއްވެސް ވާހަކައެއް ޑރ.ފައުޒީއާއި ޢަބްދުﷲ ފަހުމީ ނުދެއްކެވުމަށް މިސިޓީގައި ވާނޭކަމެވެ.

އަނެއްދުވަހު ހެނދުނު "އަލްމުބާޙިޘު" މާލެއިން ފުރައިގެން ވަރަށް ނިޔާމަ ދަތުރެއްގައި ނައިފަރަށް ހިނގައްޖެއެވެ. ދެން ޢަބްދުﷲ ފަހުމީއާއި ޑރ.ފައުޒީއާއި ކަސްޓަމް ސަރުޖަނު ބައްދަލު ކުރެއްވިއެވެ. އަދި މެހްމާންދާރީ އަދާކުރެއްވިއެވެ. ޢަބްދުﷲ ފަހުމީ، ރޭގަނޑުގެ ފަރިއްކޮޅެއް ޑރ.ފައުޒީއަށް ދެއްވިއެވެ. އެފަރީއްކޮޅުގައި ބޯޓުގެ ކެޕްޓަނާއި ބައެއް އޮފިސަރުންނާއި ނައިފަރުގެ ވެރިން ބައިވެރިވިއެވެ. ފަރިއްކޮޅަކަށް މުޅިން ހުރީ ދިވެހި ތަކެއްޗެވެ. އެންމެ ނަންހުރި ރިހައަކަށްހުރި ކަންނެލިބަނޑަށް ހަވާދު އަޅައިގެން ނައިފަރު މީހުން ކައްކާ ރިހައެކެވެ. ލޮނުތަކެއްޗާއި ފަލަމަޑިއާއި ދޮންކެޔޮ ފަދަ ބައެއް ފޮނިތަކެތި ހުއްޓެވެ.

ފަރިއްކޮޅުން ނިމިގެން ޑރ.ފައުޒީ އާއި ބޯޓުގެ އޮފިސަރުން ނައިފަރުގެ ބަނދަރުގައި އޮތް "އަލްމުބާޙިޘު" އަށް އަރާވަޑައިގަތީއެވެ. މެހްމާނެއްގެ ގޮތުން ޢަބްދުﷲ ފަހުމީވެސް މެއެވެ. ބޯޓުން ފަހުމީއަށް އެރުވީ ނާރިނގު ފަންޏާއި މޭބިސްކަދުރާއި އެކަހަލަ ބައެއް މީރު ތަކެއްޗެވެ. މި ފިނިހިއްޕެވުން ނިމިގެން ވަކިވުމުގެ ސަލާމް ކުރައްވާފައި ފަހުމީއާއި ކަސްޓަމު ސަރުޖަނު ނައިފަރަށް ފޭބެންނެވީއެވެ. ބޯޓު ނައިފަރު ބަނދަރުން އާރުކާޓީއާއެކު މާލެއަށް އައީއެވެ. ދެން ކަސްޓަމް ހުއްދަ ލިބިގެން ބޯޓު މާލެއިން ފުރައިގެން ދިޔައީއެވެ. ސަރުޖަނު ބާލާފައެވެ. ސާވޭކޮށްގެން ދެން ބޯޓު ދާނީ މިޞްރަށެވެ.

ސަރުޖަނު ކަސްޓަމުން ޙަސަންފަރީދު ފައިންޕުޅު ދެކެން މާފަންނުގެއަށް ދިޔައެވެ. އެމަނިއްޕުޅަކީ އެދުވަސްވަރު ދައުލަތް ހިންގެވުމުގެ ޢަމަލީވެރިޔާއެވެ. މާފަންނުގެއިން ޙަސަންފަރީދު ފައިންޕުޅު ދެކެފައި ކުރިދަތުރު ނިމުނީކަމަށް ދެންނެވިއެވެ. ތިމަންނަ އެންގިގޮތަށް ހުރިހާކަމެއް ހިނގިހޭ ޙަސަންފަރީދު އެއްސެވިއެވެ. އޭނާ ދެންނެވީ އާދޭހެވެ. ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ. ސިޔާސަތާބެހޭ އެއް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަން އެނގުނީ ކިހިނެއްހޭ އެއްސެވީމާ އޭނާ ދެންނެވިކަމަށްވަނީ ޑރ.ފައުޒީއާއި ފަހުމީ ވާހަކަ ދައްކަވާއިރު އަޅުގަނޑު ކައިރީގައި ހުންނަމެވެ. އޭގެ ދެކަލުން އެއްގޮތަކަށްވެސް ”ސީނު ކިޔައިގެން ވާހަކައެއް ނުދައްކަވައެވެ.

ޙަސަންފަރީދު އޭނާއާއި ސަލާމް ކުރެއްވުމަށްފަހު ވިދާޅުވިކަމަށްވަނީ ކަލެއަށް ދަތުރު ތިހިރީ ފުރިހަމައަށް ކުރެވިފައެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ފިލާފައެވެ.

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved