ވަރަށް ބަރާބަރު ޕިޔޯނެއް
2 މެއި 2021 | އާދީއްތަ 13:05
ކުރު ވާހަކަ

ޢަބްދުލް މަންނާނަކީ އޭނާ ވަޒީފާ އަދާކުރާ އޮފީހުގެ އެންމެ އިސްވެރިޔާއެވެ. އެންމެންގެ ބޮހެވެ. މީހުން އޭނާ ޖެހިލުންވާފަދަ ސިފަތަކެއް ލިބިގެންވާ އާދަޔާ ޚިލާފު ޝަހުސިއްޔަތެކެވެ. އެއްދުވަހެކެވެ. އޮފީހުގެ މަސައްކަތް ވަރަށް ގިނަ ދުވަހެކެވެ. މަންނާނުވެސް ހެނދުނު އޮފީހަށް ވަޑައިގަތް ގޮތަށް، އެއްކަމެއް ނިންމަވާފައި އަނެއްކަމެއް ނިންމަވާފައި، ދުވަސް ހޭދަ ކުރައްވަނީއެވެ. ބޭރަށް ކީއްކުރަން، ފާޚާނާއަކަށް ވަދެވަޑައިންނަވާނޭ ވަގުތެއްވެސް ލިބިވަޑައެއް ނުގަންނަވައެވެ.

މަންނާނު، މަސައްކަތުގައި އުޅުއްވަމުން ވަރަށް ޚާއްސަ ބައްދަލުވުމެއްގެ މަތީން ހަނދުމަފުޅުވެގެން، އަތުގައި އޮތް ގަޑިއަށް ބައްލަވާލެއްވުމާއެކު ޗަކެއް ޖެއްސެވުނެވެ. "އަނެއްކާ އަނެއް ކަންތައް ޖެހުނީ! މިއޮއް ފަދަ ދުވަހު އެހުއްޓުނީ ގަޑި!" އަމިއްލަފުޅަށް ވިދާޅުވިއެވެ. ދެން އަމިއްލަފުޅަށް މަސައްކަތް ފެއްޓެވިއެވެ. ފުރަތަމަ އެކަމާ ކުރިމަތިލީ ހުރިހާ ކަމެއް ދަންނަ، އެ އޮފީހުގެ ސެކްރެޓަރީއެވެ. ގައިން ދާހިއްލާ ދާއޮބުނު އިރުވެސް އޭނާއަކަށް އެކަމެއް ނުވެއެވެ.

"އަވަހަށް ބޮޑުގާމަތީގޭ ކުޑަސީދީ ގެނޭ!" އެހިސާބުން މަންނާނުގެ އޯޑަރު އައެވެ. "ރަނގަޅުވާނީ މަންނާނު ވިދާޅުވިއްޔާ! އޭރުން ސަލީމް ޕިޔޯނު ވަރަށް ބާރަށް ދާނެ!" ސެކްރެޓަރީ ދެންނެވިއެވެ. ދެން ސަލީމު ޕިޔޯން އައުމުން މަންނާނު ވިދާޅުވިއެވެ. "ވަރަށް އަވަހަށް ބޮޑުގާ-" މިހިސާބަށް ވިދާޅުވެވުނު ތަނާ، "އާދެ، އަޅުގަނޑަށް އެނގިއްޖެޔޭ، މައްސަލައެއް ނޯންނާނެ! ބަރާބަރުވާނެ، ވަރަށް އަވަސްވާނެ!" ގޮވަމުން ސަލީމް ޕިޔޯނު ނުކުމެގެން ހިނގައްޖެއެވެ. ތެދެކެވެ. ސީދީ ހޯދަން މާބޮޑެއް ނުވާނެއެވެ. އެއީ އެންމެން ދަންނަ، އެންމެ މޮޅަށް އަތުކުރީ ގަޑިހަދާ މީހާއެވެ.

ސީދީ ހޯދަން ސަލީމު ނުކުތް ފަހުން ދެގަޑިއިރު ވެގެން ދިޔައިރުވެސް އެއްވެސް ޚަބަރެއް ނުވުމުން، މަންނާނުގެ ހިތްޕުޅު ހަމަނުޖެހިގެން، ޕިޔޯނު ކުޑޭއަށް ވިދާޅުވިއެވެ. "ޕިޔޯނު ކުޑޭ ގޮސް ސީދީ ހޯދައިގެން އަވަހަށް އަންނާށެވެ!" ޕިޔޯނު ކުޑޭ ބޯޖެހިތާ ނަގޫ ޖަހަމުން ދަތުރަށް ފެށިއެވެ. ކުޑޭ ހިތަށް އެރިއެވެ. ޕިޔޯނު ސަލީމަށް ވުރެ އަވަހަށް ސީދި ހޯދައިގެން ވާނީ ގެންނާށެވެ. މިދެމީހުން މެދު އަބަދުވެސް ވާދަވެރިކަން ވަރަށް ބޮޑެވެ. އަބަދުވެސް ތިބެނީ އެކަކު އަނެކަކަށް ކޯޅިކޯޅިއެވެ.

މާގިނައިރެއް ނުވެ، ސީދީ ގޮވައިގެން ކުޑޭ އަތުވެއްޖެއެވެ. އަދި މަންނާނުގެ ގަޑިކޮޅު ހަދާ ދިނުމަށްފަހު އެނބުރި ހިނގައްޖެއެވެ. އޭރުވެސް ހުޝިޔާރު ޕިޔޯނު ސަލީމު ދައްކާވެސް ނުލައެވެ.

މެންދުރު އޮފީސް ބަންދުވާން ފަސްވަރަކަށް މިނިޓު ވެފައި ހުއްޓާ، އެއްކަލަ ޕިޔޯނު ސަލީމުގެ އެއްވެސް ޚަބަރެއް ނުވުމުން މަންނާނުވެސް އަދި ސެކެޓްރީވެސް ވަރަށް ކަންބޮޑުވެއްޖެއެވެ. "ސެކެޓްރީ ނިކަން އަވަހަށް ދޭބަލަ އެ ސަލީމު ފެނޭތޯ ބުރެއް އަޅާލާފަ އަންނަން، މިހާރު އޮފީސް ބަންދު ކުރާ ގަޑިވެސް ކައިރިވެއްޖެ!" މަންނާނު ކުޑަކޮށް ކަންބޮޑުވެ ހާސްވެފައި ހުރި ގޮތަކަށް ބުނެލިއެވެ. "ކުރީ ފަހަރުވެސް، ވީގޮތް ސެކެޓްރީއަށް އެނގޭނެ އަދި ހަނދާނުން ފިލާހާ ދުވަހެއް ނުވޭ! މި ސަލީމަކު ދިޔަގޮތަށް ނައިސް ލަސްވެގެން އެންމެ ފަހުން ކަމާބެހޭ ފަރާތަށް ގުޅައިގެންނެއްނު އޭނާ ހޯދީ؟ ނޫންތަ ސެކެޓްރީ؟" މަންނާނު އިތުރަށް ބުނެލިއެވެ. "އާދެ ހަމަ ތެދުފުޅެއް، އެފަހަރުވެސް އަޅުގަނޑު ހުރީ ސަލީމު ހޯދަން ދުއްވާ ދުއްވާ ގޮތްވަޅު ބޮޑުވެފައި! މިފަހަރު އަނެއްކާ ތިޔަ ސަލީމު ކިހިނެއްބާ ތިޔަ ހެދީ!" ސެކެޓްރީ ބުނެލިއެވެ.

ވަރަށް ގިނައިރު ހޯދުމަށް ފަހު ޕިޔޯނު ކުޑޭއާއި ސެކެޓްރި އައިސް ވަނީ ވަރަށް ވަރުބަލިވެގެންނެވެ. "ބޮސް އަޅުގަނޑުމެން ނުހޯދާ ނުބަލާ އެއްވެސް ތަނެއް މިހާރު ނުހުންނާނެ! ދެން އަޅުގަނޑަށް ފެންނަނީ އަވަހަށް ކަމާބެހޭ ފަރާތަށް ދަންނަވަން!" ވަރުބަލިވެފައިވާ ސެކެޓްރީ ބުންޏެވެ. "އެގެއަށް ދިޔައިންތަ؟ ކީކޭ ސަލީމު އަންހެނުން ބުނީ؟" މަންނާނު ކުޑަ ރުމާލުން މޫނު ފޮހެލަމުން އަހާލިއެވެ. "ސަލީމު އަންހެނުން ހަދީޖާ ބުނީ ސަލީމު ހެނދުނު އޮފީހަށް ނުކުތް މީހާ އަދި ގެއަށް އެނބުރި ނާންނަކަމަށް! އަޅުގަޑުމެން އޭނާ ނުފެނިގެން އުޅޭކަން އެނގުމުން ހަދީޖާ މާބޮޑަށް އެކަމާ ހާސްވީ ވަރުން އެނާ ވަގުތުން އަނބުރައި ގަނެގެން އެތަނަށް ވެއްޓިއްޖެ! އަނެއްކާ އެކަމާވެސް ތެޅިފަ އަޅުގަނޑުމެން މިއައީ! ވަރަށް މަސައްކަތުން ބޮޑު ފިޔައެއް ފަޅައިން ނޭފަތުގައި ޖައްސައިގެން އޭނާ ހޭއެރީ!" ސެކެޓްރީ ވަރުބަލިކަމާއެކު އޭނާގެ މޭޒުކައިރި އިށީނދެލަމުން ބުންޏެވެ.

އެވަގުތު ސަލީމު ޕިޔޯނު ތެޅެމުން ފޮޅެމުން އައިސް އޮފީހަށް ވަދެއްޖެއެވެ. އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ވަރުބަލިވެ ގުނބުހިލިފައެވެ. މުންޑުން އަރުވާ ޖަހާފައިހުރިއިރު، އެ އަރުވާގެ ތެރޭގައި ކޮންމެވެސް އެއްޗެއް އޮތްކަން އެނގެއެވެ. ސަލީމު، އެއެއްޗެއް ނަގަމުން މަންނާނަށް ދެންނެވިއެވެ. "އަޅުގަނޑު ވަރުބަލިކޮށްފި! މުޅި ރަށުގައި ހިނގައިގެންވެސް މިޖޯޑު ނުނީއްޔަކާ ނުލިބުނު! މާރުކޭޓުގައިވެސް ނެތީ! އަކަމަކު ހިތަށް އެރީ ހުސްއަތާ އޮފީހަކަށް ނުވަންނާނަމޭ! މިހެން ހިތާ ހަމަ ރަތްދައްކާ އަވީގަ ދުއްވީ! ކީއްތޯކުރާނީ! ބޮޑުގާދޫނި ހަމަ މަދީ! އަޅުގަނޑަށް ލިބުނީ މިޖޯޑު އެކަނި!"  މިހެން ބުނަމުން ސަލީމު ބޮޑުވެފައި، މޭ ފުއްޕާލިއެވެ.    

0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved