28 އޭޕްރިލް 2021 | ބުދަ 13:22
ކުރު ވާހަކަ

ރޯދަމަހުގެ ރެޔެކެވެ. ހާރު ކެއުމަށް ރުޅިގަދަ އަލީ މޭޒު ދޮށުގައި އިށީން ތަނުން އަލީ އަށް ބަތްތަށިން ވަހެއް ދުވައިފިއެވެ. އަނގައިން ވެސް ނުބުނެ ފާޑަކަށް މޫނު ހަދައިން އިނދެ ކައި ނިންމާލައިފިއެވެ. ހާރުބަތްތަވާ ކުޑަކޮށް ދުންގަނެފައި ހުރުމުން، އެކަމާ އަންހެނުންދެކެ އައި ރުޅިގަނޑު މުޅިން މައިތިރި ނުވަނީހެވެ. އެކަމަކު އަލީގެ ހިތަށް ކުޑަކޮށް ފިނިކަމެއް ލިބުނީވެސް ބޯތަށްޓެއްގެ ސަޔާ، އެޔާވާނެ ހެދިކާ، އަރުން އެތެރެ ކޮށްލެވުމުންނެވެ. އަލީގެ އަނބި ޝަރީފާވެސް ހުރީ ސިހިސިހި އެވެ. ނަމަވެސް ބާރަށްވެސް މަޑުންވެސް އެއްޗެއް ނުބުނެ އަލީ ނިދަން ވަނުމުން ހިތާ ހިތާ ޝުކުރު ކޮށްލައިގެންނެވެ.

އަނެއް ދުވަހު އަލީއަށް ނިދާ ހޭލެވުނީ 10ޖަހާ ބޮޑުވި ފަހުންނެވެ. ދުވަސްވަރަކީ ކުޑަކޮށް ވިއްސާރަ ދުވަސްވަރެކެވެ. އެގޮތުން ހިސާބަކަށް ފިނި ވައިރޯޅި ބާރުދުވަހަކަށް ވީމާ ވީގޮތަކަށްވެސް ވެދާނެއެވެ. ހޭލެވުމުން އިރުކޮޅަކު އެނދުމަތީ އޮވެލުމަށްފަހު އަލީ ވަނީ ފާޚާނާ އަށެވެ. ފާޚާނަކޮށް ނިމިގެން އަލީ އައިސް އެނދުމަތީ އިށީނީ ކުޑަކޮށް ކިޔަވާލާށެވެ. އެކަމަކު އަލީ އަށް ހަމަޖެހިލައިގެން ކިޔަވާލަން އިނދެވޭ ވަރެއް ނުވިއެވެ. އެގެޔާ ޖެހިގެން ހުރި ގޭގައި ވަޑާންކުރާ އަޑު ގަދަކަމުން އެއްގޮތަކަށްވެސް އަލީއަށް ކިޔެވުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެހެންވީމާ އަލީ ކިޔެވުން މެދުކަނޑާލާ އަލީ އެނބުރުނީ އެހެން ކަމެއް ކުރުމަށެވެ. އަޑުގަދަ ކަމުން ބޮލަށް އުނދަގޫވާތީ ކެތްނުވެގެން އެކަމުގެ ޝަކުވާގެ ސިޓީ ރަށު އޮފީހަށް ލިޔުމަށެވެ. ސިޓީ ލިޔަން ފެށިތާ އިރުކޮޅެއް ނުވެ އުޅެނިކޮށް، ކޮޓަރިން ގިފިއްޔަށް ނުކުމެވެން ހުރި ދޮރުގެ ލައްޕާފައިވާ ދޮރުފަތް ވަޔާ ޖެހުނު އަޑު ވަރަށް ބާރަށް އިވުނެވެ. އެއަޑަށް އަލީ އެދިމާ ބަލައިލިއެވެ. އަނެއްކާވެސް އިރުކޮޅަކުން ދޮރުފަތް ހަމަ އެހާ ބާރަށް ވަޔާ ޖެހިއެވެ. އަލީ ފުންމައިގެން ތެދުވެގެންގޮސް ރަނގަޅަށް ދޮރުފަތް ލައްޕާލިއެވެ. އެހެންނަމަވެސް، އެއީ އެތެރެއިން ތަންޑުއެޅުވޭ ދޮރަކަށް ނުވާތީ އަނެއްކާވެސް ވަޔާ ދޮރުފަތް ޖެހިއެވެ. އަލީގެ ބުއްދި ދިޔައީ އުދުހިގެންނެވެ. "ނިކަން ރަނގަޅަށް ވަޔާޖެހިޔަދޭނަމޭ" އައި ރުޅީގައި ބުނަމުން، އެދިޔަގޮތަށްގޮސް ދޮރުފަތުގައި ހިފައި، "ދޮރާ ޖެހޭޖެހޭ" ގޮވަމުން ދެއަތަށް ހަލުވަމުން ދޮރުފަތް ނައްޓުވާލައި އަތުކޮޅަށް ހޫރާލިއެވެ.

ދެން އައިސް ހަމަޖެހިލައިގެން އިނދެ ސިޓީ ލިޔެ ނިންމާލައިފިއެވެ. ސިޓީ ލިޔެ ނިންމާލުމަށްފަހު އަނެއްކާވެސް ނިދިގަނޑެއް ޖަހާލަން އަލީ އޮށޯތެވެ. އަރާމު ނިދި ގަނޑެއް ޖަހާލުމަށްފަހު އަލީ އަށް ތެދުވެވުނީ އަޞުރުން ފޭބިފަހުންނެވެ. ހޭލެވުމާއެކު އަލީ އަވަސްވެގަތީ އަވަހަށް މިސަކިތަށް ދިޔުމަށެވެ. އެހެން ހިތައި ވުޟޫ ކޮށްލައިގެން ގެއިން ނުކުތެވެ. އެޒަމާނުގައި އާއްމު ގޮތެއްގައި، ރަށްފުށުގައި މަގުމައްޗަށް ކުކުޅުތައް ދޫކޮށްލާފައި އޮތުމުން އޭގެ ނަޖިހަށް އެރިދާނެތީ އަލީ ވަރަށް ބަލައިގެން ދަނިކޮށްވެސް، އޭނާ އަރައިގެންހުރި ފެން ފައިވާނުން ކުކުޅުގެ ނަޖިހަށް އެރިއްޖެއެވެ. އަލީ ނުރުހުމުގެ ހޫނއެއް އަޅުވާލުމަށްފަހު، އެނބުރި ގެއަށް އައިސް ފައިވާން ދޮވެގެން އަނެއްކާވެސް މިސްކިތަށް ދާން ނުކުތެވެ. މިފަހަރު އަލީ ހިނގަނީ ވަރަށް ފަރުވާތެރިކަމާއެކީ އެވެ. ތަންގަނޑަކަށް ހިނގުނުތަނާ މިފަހަރުވެސް ފައިވާނުން ކުކުޅުގެ ނަޖިހަށް އެރުނެވެ. ވަރަށް ގަދައަށް ރުޅި އައިސްގެން، ދެދަތްޕިލާ ކާރުވަމުން ގެއަށް އައިސް ފައިވާން ދޮވެލައިގެން އަނެއްކާވެސް ނުކުމެއްޖެވެ. ވަރަށް ބަލަމުން އެކި ދިމަދިމާއަށް ކަޅިއުކަމުން ދަނިިކޮށް މިފަހަރުވެސް ހަމަ އޭގެ ތަފާލަކަށް އެރިއްޖެއެވެ. އަލީ ރުޅިއައިސްގެން އަލިފާންވިއެވެ."ނިކަން ރަނގަޅަށް އެރުނަދޭނަމޭ" ބުނަމުން އެނަޖިސްތަކުގެ މަތީގައި، އަރާހުރި ފައިވާނުގެ ފުންނާބު، ވަރަށް ބާރަށް ދެއަތުން ކާއްތަން ފެށިއެވެ. ކާއްތަމުން ގޮސް ފައިވާނުގެ ފުންނާބު ފޫދިޔައީމާ "މިހާރު ހުންނާނީ ރަނގަޅަށް ނަޖިހަށް އެރިފަޔޭ" ބުނަމުން އެފައިވާން ކިބަޔާ، ދެން އޮތް ކިބަވެސް އަތުކޮޅަށް ހޫރާލުމަށްފަހު، އެހުރި ޕަވަރުގައި ގެޔަށް ދިޔުމަށް މިޞްރާބު ޖެހިއެވެ.

ގެޔަށްގޮސް އޭނާގެ އަނބި ޝަރީފާއަށް ގޮވަމުންވަދެ ކޮޓަރީގައި ޖައްސާލިއެވެ. "ޝަރީފާވެސް، ދަރިއަކުވެސް ފެންނާކަށް ނެތް! ކޮބައިބާ އެވެރިން؟ އަލަމާރިވެސް މިހިރީ ކުރިންހުރި ތާކުނޫންހެން ހީވަނީ! އެނދުވެސް މިހިރީ ހާދަރީއްޗަކަށް ތަންމަތި އަޅާފަޔޭ! ޔަޤީން، މިއީ ޝަރީފާ އަހަރެން ސިއްސުވާލަން ކުރި ކަމަކަށްވާނީ! ވަރިހަމަ ނިދާލާނީ! ރޯދަ ވީއްލަންވީމަ ގޮވާނެއެއްނު!" އަލީ އެނދަށް އަރައި ބިތްދޮށަށް އެނބުރި އޮވެ، އަނެއްކާވެސް ނިދީއެވެ.

"މަންމާ ބައްޕަ ކީއްވެ މިއަދު މާކުރިން ގެޔަށް އައިސް ނިދާފަ އެއޮތީ؟" ހުޝާމް، އޭނާގެ މަންމަ ގާތު އަހާލިއެވެ. "ނުދެނަހުރިން ބައްޕަ އައިކަމެއް! ގައިމު ދެންމެ ދަރިފުޅާއެކެ ކަރަޔެއް ގަންނަން ބޭރަށް ދިޔައިރުވެސް ބައްޕައެއް ނާދޭ! އަނެއްކާ އަދި ކިރިޔާ ގަޑިން ފަހެއްނު އެޖެހީ! "މިހެން ބުނަމުން ހުޝާމުގެ ދެމައިންގޮސް އެކޮޓަރިއަށްވަދެ ބޮކި ދިއްލާލިއެވެ. ހުޝާމްގެ މަންމަ ދޮންމަނިކެ ސިއްސައިގެން ގޮސް "އޭ! މީ ކާކު؟ މީ ހުޝާމުގެ ބައްޕައެއް ނޫން! އޭ ތެދުވޭ! މީއެއްކަލަ އަލީ! ކީއްވެ މިގެޔަށް ވަދެ މިއޮތީ؟" ދޮންމަނިކެގެ އަޑަށް އަލީ ފުންމައިގެން ތެދުވިއެވެ. "އަހަންނަށް މިވަދެ އޮވެވުނީ އެހެން ގެޔަކަށްދޯ! ދެރަކަމަކީ މިވަރު ވީއިރު ދޮންމަނިކެމެން ކަހަލަ ރައްޓެހިން، ކުރިން އަންގާ ނުލިކަން! މަމިދަނީ، މަނޫޅެން ކޮންމެހެން މިގޭގައި އޮންނާކަށް! މަމިދަނީ!" އަލީ މިފަހަރުވެސް ރުޅިއައީ ދޮންމަނިކު ދެކެއެވެ.       

(ނިމުނީ)

14%
އަންތަރީސް ވެއްޖެ
57%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
14%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
14%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved