ކިޔުނު އެއްޗެއްވެސް ނެތް! ނުކިޔޭ އެއްޗެއްވެސް ނެތް!
26 އޭޕްރިލް 2021 | ހޯމަ 11:25
ކުރު ވާހަކަ

ކުޑަކޮއި މުޙައްމަދުފުޅަކީ ނޫސްކިޔުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބޭކަލެކެވެ. ރާއްޖޭގައި ނުކުންނަ ކޮންމެ މަޖައްލާއެއް ކޮންމެ ނޫހެއް ހަމަ ގަވާއިދުން ބައްލަވާ، ކިއުއްވައެވެ. މިކަމަށް މުޙައްމަދުފުޅު ދެއްވާފައިވާ އަހުމިއްޔަތެއްގެ ސަބަބުން، އޭނާ އުޅުއްވާ އޮފީހަށް އެދުވަސްވަރު ނުކުތް "މޫންލައިޓް" އަށް އޯޑަރު ދެއްވާފައިވެއެވެ. އަދި ދެންވެސް ނުކުންނަ ނޫހެއްނަމަ، އެނޫހަކާއި، މަޝްހޫރު މަޖައްލާ "އާބާރު" އޭނާގެ ގެޔަށް ގަތުމުގެ އިންތިޒާމު ހަމަޖައްސަވާފައިވެއެވެ.

މުޙައްމަދުފުޅު ނޫސް ކިއުއްވާ ގޮތާއި އެކަމުގައި ބަހައްޓާ "ފަރުވާތެރިކަން" އެއީ، އޭނާގެ ގޭތެރޭގައިވެސް، އަދި އޮފީހުގައިވެސް ޢާއްމު ވާހަކައެކެވެ. ނޫސް ލިބުމާއެކު ފުރަތަމަ ކިޔުއްވާނީވެސް އޭނާއެވެ. އެހެން މީހެއްގެ އަތުގައި ނޫސް ޖެހޭނީ އޭގެ ފަހުންނެވެ. މަޖާކަމަކީ މުޙައްމަދުފުޅު ނޫސް ކިއުއްވާ ނިމިގެން އަތުން ދޫކޮށްލެއްވިޔަސް، އަދި އެހިސާބުން އެކަން ނިމުމަކަށް ނާންނާތީއެވެ. ފަހަތުގައި ވަރަށް އާދަޔާ ޚިލާފުކަމެއް އޮންނާތީއެވެ. އެންމެންވެސް ހީނހީނފައި އެވާހަކަ ދައްކައެވެ. ނަމަވެސް، ސިއްރުންނެވެ. އެއީ މުޙައްމަދުފުޅަކީ އޮފީހުގެ މެނޭޖަރުކަމަށް ވާތީ، މުވައްޒަފެއްގެ ފަރާތުން އޭނާ ރުޅި ދުރުވެދާނެ ކަމެއް ނުކުރުމަށްޓަކައެވެ. އެއްފަހަރަކު އެއޮފީހުގައި އުޅުނު މުވައްޒަފަކަށް މުޙައްމަދު ފުޅު ނޫސް ކިޔުއްވުމުގައި ގެންގުޅުއްވާ އުސޫލާ ގުޅޭގޮތުން، ސައިގަޑީގައި ކެންޓީނުގައި ތިބެގެން މަލާމާތް ކުރިކަން އެނގިގެން އެނާ ވަނީ އޮފީހުން ވަކިކޮށްފައެވެ.

ވަކިކުރިކަމުގެ ޗިޓުގައި ބަޔާން ކޮށްފައިވަނީ މާފުނުކުރެވޭ ވަރުގެ ކުށެއް އޭނާ ކުރިކަމަށް ލިޔެ ސޮއި ކުރުވާފައެވެ.

އެއްދުވަހެކެވެ. ހެނދުނު އޮފީސް ހުޅުވުމާއެކު، މުޙައްމަދުފުޅު ވަންނަވައި، ފުރަތަމަވެސް ހިއްޕެވީ (އާދައިގެ މަތިން) ކުރީ ދުވަހުގެ "މޫންލައިޓު" ގައެވެ. ދުރުވެ ބޮޑު ގޮނޑީގައި ޖައްސާލިއެވެ. އައިނު އެޅުއްވުމަށްފަހު ނޫސް ކިޔަން ފެއްޓެވިއެވެ. އޭރު ވަށައިގެން ސެކްރެޓެރީންނާއި ކާތިބުން ތިއްބެވެ. މުޙައްމަދުފުޅު ކިއުއްވާ ނިމުނީމާ ނޫސް ހޯދުމުގެ ބޭނުމުގައިއެވެ. މުޙައްމަދުފުޅު، އޭނާ ކިއުއްވާ ސްޓައިލުގައި ނޫސްކިއުއްވަން ފައްޓަވައިފިއެވެ. "މޫންލައިޓް – ވޮލިއުމް 4 – ނަމްބަރު 110 ...." ނޫހުގެ ނަމުން ފެށިގެން ނަންބަރާއި ވޮލިއުމްއާއި ހަފްތާގެ ދުވަހާއި ދެ ތާރީޚާއި ނަކަތައާއެކު ކިއުއްވާ، އޭގެފަހުން ފުރަތަމަ ސުރުޚީއާއި އެސުރުޚީގެ ދަށުގައިވާ ޚަބަރު ކިއުއްވައެވެ. އެންމެ އަކުރެއް ދޫނުކުރައްވައި މޫނު މަތީ ޞަފްޙާ މުޅިން ނިންމެވުމަށްފަހު ދެވަނަ ޞަފްޙާއަށް ފައްޓަވައެވެ. ކޮންމެއަކަސް އޭރުވެސް ނޫސް ކިޔާހިތުންތިބި މުވައްޒަފުން އެތަނުން ދުރަށް ނުގޮސް ތިއްބެވެ. މުޙައްމަދުފުޅު، ދެއްވިއިރަކުން ކިޔާލުމުގެ އުންމީދުގައެވެ.

ދެވަނަ ޞަފްޙާ ނިންމެވުމަށް ފަހު ތިންވަނަ ޞަފްޙާއަށް ބަދަލުވެއްޖެއެވެ. އޭރުދެން ބޯޖެހުމާއި، ބޯހޫރުމާއި، ފުއްޓަކި ޖެހުމާއި، ގޮށްމުށް ކަވާފައި މޭޒުމަތީ ޖެހުމާއި މިބާވަތުގެ ކަންތައް ފެށިގެން ހިނގަމުން ދެއެވެ. އެއީ، އެޚަބަރެއްގެ ނުވަތަ އެވާހަކައެއްގެ ދިލްޗަސްޕުކަން ހުންނަ މިންވަރެއްގެ މައްޗަށް، ބޭއިޚްތިޔާރުގައި މުޙައްމަދުފުޅަށް ކުރެއްވޭ ކަމެކެވެ. ދޮޅުގަޑިއެއްހައިއިރު ފަހުން، 12 ވަރަކަށް ޞަފްޙާގެ އެނޫސް އެންމެ  އަކުރެއް ފިއްޔެއްވެސް ވައްޓައިނުލާ ކިޔައި ނިންމެވުމަށްފަހު، އެތާއިން އޮފީހުގެ ސެކްރެޓެރީ ބާރީގެ އަތަށް ނޫސް ދެއްވިއެވެ. "ކުދިންނޭ! ނޫސްކިއަން ވާނެ! ގިނައިން ކިޔަން ވާނެ! އެއީ ވަރަށް މަޢޫލޫމާތު މުއްސަނދިވާ ކަމެއް! އަދި 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގައިވާ ހުރިހާކަމެއް ތިމާއަށް އަންގައިދޭ އެންމެ މުހިއްމު ވަސީލަތަކީ ނޫސް! ރަނގަޅަށް ބަރާބަރަށް ނޫސްކިޔާ މީހަކަށް އެލިބޭ ފައިދާގެ ވާހަކަ ދެއްކުމެއްނެތް!" ކޮންމެއަކަސް މުޙައްމަދުފުޅު މިހާރު އެއިންނެވީ މުޅިނޫސް ކިއުއްވުމަށް ފަހު، ވަރަށް ހިތްހަމަ ޖެހިގެންނެވެ. މިހާރު ނޫސް ކިޔަމުން އެގެންދަނީ ސެކްރެޓަރީ ބާރީއެވެ. އޭނާ ކިއަނީ ފުދޭވަރަކަށް ބާރަށެވެ. "މޫސުން ނުބައިވުމުގެ ސަބަބުން، އުތުރު އަތޮޅެއްގެ ބައްތެއްޔެއް ދޮރުކަނޑުން ބޭރުވެ ގެއްލިއްޖެ!" ބާރީ ކިއާލިއެވެ. "އޭ ތިޔައީވެސް ތީގައި އޮތް ޚަބަރެއް؟ ކިޔާބަލަ، ކިޔާބަލަ! އަހަރެން ތިޔަ ޚަބަރެއް ނުދެކެމޭ!" މުޙައްމަދުފުޅު މިހެން ބުނުއްވުމުން، ބާރީ އެޚަބަރު ކިޔާދީފިއެވެ. އަނެއްކާވެސް ކުރިއަށް ދަނީއެވެ. "އަރުވާލާފައިތިބި 45 މީހުންނަށް، ރައީސް މަޢާފު ދެއްވައިފި!" ބާރީ ކިޔާލިއެވެ. "އޭ، ތިހެންވެސް އެބައޮތްތަ؟ ކިޔާލަބަލަ، ކިޔާލަބަލަ! ބަލަ ތިޔައީ އަހަރެން ނުދެކޭ ޚަބަރެކޭ! "އެޚބަރުވެސް ބާރީ ކިޔައިދީފިއެވެ. އަނެއްކާވެސް އެހެން ޚަބަރެކެވެ. "އދ. މަޖްލިސްގެ ސެކްރެޓަރީ ޖެނަރަލް، ޔޫރަޕުގެ 3 ޤައުމަކަށް ދަތުރުފުޅެއް ފައްޓަވައިފި!" "ތިހެންވެސް ތީގައި އެބައޮތް؟ ބަލަ މަށެއް ނުދެކެމޭ! ކިޔާލަބަލަ، ކިޔާލަބަލަ!" ބާރީ ޚަބަރުވެސް އެކީގައި ކިޔައިދީފިއެވެ. "ޖަޕާނުގެ ހޯންޝޫ އާއި ހިކައިޑޯ އަށް ގުގުރައިފާ ހޮނުއަޅައިފި!" "ހޮނުއެޅީއޭ؟ ގުގުރީއޭ؟ ތިހެންވެސް ތީގައި އެބައޮތް؟ އަވަހަށް ތިޚަބަރު ކިޔައިދީ!" ބާރީ އެކަންވެސް ކޮށްފިއެވެ. މިއީ، އަކުރެއްވެސް ފިއްޔެއްވެސް ވައްޓައިނުލައި، މުޅިނޫސް އެއްކޮޅުން އަނެއްކޮޅަށް ކިއުއްވާ، މުޙައްމަދުފުޅުގެ ކޮންމެ ދުވަހެއްގެ ހާލެވެ. އެކީގައި ކިއުއްވައެވެ. އެކަމަކު ކިއުއްވުނު ތަނެއް އޮންނަކަމަކަށްވެސް ނުވެއެވެ.

(ނިމުނީ)                                                

33%
އަންތަރީސް ވެއްޖެ
67%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved