ރަނގަޅަށް ހާރުކެވިއްޖެނަމަ.....
24 އޭޕްރިލް 2021 | ހޮނިހިރު 12:56
ކުރު ވާހަކަ

ރާޝިދަކީ ޢާއްމު މަސްމަހުވެސް ކެއުމައް އާދަޔާ ޚިލާފު ފޯރިއެއް ހުންނަ މީހެކެވެ. އެހެން ކަމުން ރޯދަމަހު އެކަންވަނީ އެތައް ދަރަޖައެެއް މައްޗަށް ޖެހިފައެވެ. ތެދުތެދަށް ދަންނަވާނަމަ، އިރުއޮއްސުނީއްސުރެ ފަތިސްވާންދެން އެއްވާކަމަށް ކާލަކާލާ، ބޯލަބޯލާ ހުރުމަކީ ރާޝިދު، ވަރަށް ޝައުޤުވެރިކަމާއެކު ކުރާކަމެކެވެ. އަރުތެރެއަށް ގޮހޮރަށް އެއްޗެއް ވައްޓާ ނުލާ މާގިނައިރު ވަންޏާ ރާޝިދު ބޮލަށް ގޮތްވެ ކާލިއަޅާލުން މީ ރާޝިދަށް ވާނެ ގޮތްގޮތް ކަން ރާޝިދުގެ އަނބި ސަމްސިއްޔާ ވަރަށް ރަނގަޅަށް ހުންނަނީ އެނގިފައެވެ. އެގޮތުން އަތްދަބަހުގައި އަބަދުވެސް ޒާތްޒާތުގެ ވަގުތުން ހަފާލެވޭ ނަޓްސް ފަދަ ތަކެތި ހުސްނުކޮށް ބަހައްޓަން ސަމްސިއްޔާ ހަނދާން ކުރެއެވެ. ރާޝިދާއެކީ އެކުގައި މަސައްކަތް ކުރާ އެންމެނަށްވެސް އަންގާފައި އޮންނާނީ އޮފީހަށް ގަޑިޖެހިގެން އަންނަ މަގުމަތީގައިވެސް މީހަކު ސައިތައްޓެއް ދޭން ގޮވައިވިއްޔާ ގަޑިޖެހުނަސް އަންނަންވާނި ސައި ބޮއެގެން ކަމަށެވެ. އެކަމަކު ވިއްސާރަ ވަގެން އަނބިމީހާ ދަރިފުޅު ބަލިވެގެން އޮފީހަށް ނާދެވުން ނުވަތަ ލަސްވުން ރާޝިދަށް ގަބޫލުކުރަން ވަރަށް ދަތި ވާނޭ ކަމުގައި ރާޝިދު އޮންނާނީ އަންގާފައެވެ. އަދި ސައެއް ބޮއެގެން އަންނަންވެގެން އޮފީހަށް އައުން ލަސްވެއްޖެނަމަ، އަންނަމުން ރާޝިދަށް ވެސް ދިހަވަރަކަށް ރުފިޔާގެ ހެދިކާ ހިފައިގެން އައިއްސި ކަމަށް ވަންޏާ އެމީހެއްގެ ޑިގު އެދުވަހަކު އެއެރީއެވެ. ރާޝިދު އެދުވަހު އެމީހަކަށް ޚާއްސަ ނަޒަރަކުން ބަލާނެއެވެ. މިހެންކަމުން، ރާޝިދު ގާތުގައި ތިބޭ މީހުން ތިބެނީ މަސައްކަތުގައި ވަރަށް އުފަލުން މަސައްކަތް ކުރާ ހިތުންނެވެ. އެއީ ރާޝިދުގެ މާލިމީ ކަމުގެ ދަށުގައި އެއްވެސް މީހަކު ބަނޑުހައިވެގެން ހުންނާކަށް ނުޖެހޭނެތީއެވެ.

މިހެން އުޅެނިކޮށް ރާޝިދު ބައްޔެއްވެގެން ޑޮކްޓަރަށް ދެއްކުމުން އެކި ގޮތްގޮތަށް ބެލުމަށްފަހު ލަފާދިނީ ރާއްޖޭން ހެދެން ނެތް ޓެސްޓް ތަކެއް ހުރުމުން ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ދާށެވެ.  އެހެންކަމުން ރާޝިދު އަވަސްވީ ފަރުވާއަށް އިންޑިޔާއަށް ދާށެވެ. އިންޑިޔާއަށް ދިޔައީ ޝައުބާން މަހެއްގެ 25 ވަނަ ދުވަހުއެވެ. ދެދުވަހު ޓްރިވެންޑްރަމުގައި މަޑުކޮށްލުމަށްފަހު، ދެން ދިޔައީ ދަތުރުގެ އަސްލު މަންޒިލް ކަމުގައިވާ މެޑްރާސްއަށެވެ. މެޑްރާސްގައި ރާޝިދުގެ ދެމަފިރިންނާއި ދެކުދިންތިބީ ވަރަށް އޯގާތެރި ދެމަފިރިއެއްގެ ގާތުގައެވެ. އަރީފު އާއި ޖަމީލާއެވެ. ރާޝިދު ޑޮކްޓަރަށް ދެއްކުމުން ހަދަން ޖެހުނު ޓެސްޓް ތަކަށް ފަހު، ޑޮކްޓަރ ލަފާ ދެއްވީ ރާޝިދު އޮޕްރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އަރީފު އާއި ޖަމީލުވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދީ ކަންކަން ރޭވުމުގައި ވަރަށް ގާތުން ރާޝިދުއާ އާއިލާއަށް އެހީވިއެވެ.

ރާޝިދުގެ އޮޕަަރޭޝަން ﷲގެ އިރާދަފުޅާއެކު ވަރަށް ކާމިޔާބު ކަމާއެކުނިމި، ހޮސްޕިޓަލުން ގެޔަށް ދޫކޮށްލިއިރު، ރޯދަމަހުން 1 ހަފުތާ ހިނގައްޖެއެވެ. ރާޝިދު ގެޔަށް ބަދަލުވުމާއެކު، އިރުއޮއްސޭ އިރަށް ތައްޔާރުކުރާ ސުފުރާމަތި މުޅިން "ރޫފަ" ހެޔޮވެ "މުއްސަނދި" ވެއްޖެއެވެ. އަރީފަކީވެސް، ރާޝިދުވަރު ނުވިޔަސް ކެއުމަށް ފޯރި ހުންނަ މީހެއްކަމުން މިފަދަ ބަދަލެއް އައުން އެއީ ހައިރާންވާންވީ ކަމެއް ނޫނެވެ. ދެމީހުންގެ ދެ އަނބިންވެސް ތިބެނީ މިކަމުގައި ހަމަ އެންމެ ކުރީ ސަފުގައެވެ. ފިރިންނާ އަތުގުޅާލާފައެވެ.

އެއްދުވަހެކެވެ. އާދައިގެ މަތީން ހެނދުނު 10:30 އެހާއިރު، ރާޝިދާއި އަރީފް ކުރޮޅީގައި ނައްޓާލައިފިއެވެ. މާރުކޭޓަށްގޮސް، މަހާއި، ތަރުކާރީއާއި، މޭވާއާއި އަދިވެސް އޭތިމީތި ގަތުމަށެވެ. އެއްދުވަހު ގަންނަ ތަކެތި އަނެއް ދުވަހަށް ހުރެގެން ނުވާނެ ކަމުގައި ރާޝިދުވެސް އަރީފުވެސް ޤަބޫލުކުރެއެވެ. ކޮންމެއަކަސް އެދުވަހުވެސް ރާޝިދުމެން ގެޔަށް އައީ ކުރޮޅިއަށް ނުތަކާ ވަރަށް ތަކެތި އަރުވައިގެންނެވެ. ކުރުނބާއާއި ސައްކޭލެވެ. އަލަނާސިއާއި އާފަލެވެ. އޮރެންޖާއި އަންނާރެވެ. ދޮންފަޅޮލާއި ކުންނާރެވެ. ކަދުރާއި މޭބިސްކަދުރެވެ. ކުކުޅުމަހާއި ގެރިމަހެވެ. ފަރުމަހާއި ތަރުކާރީގެ ހުރިހާ ބާވަތެކެވެ.

އިރުއޮއްސުމާއެކު ކެއުމުގެ ބުރު ފަށައެވެ. ފުރަތަމަ ރޯދަ ވީއްލުމެވެ. ދެން ތަރާވީސްދަމުގެ ކެއުން ގަނޑެވެ. 10 ޖަހާލީމާ ޑިގު ކުޅެން ފަށައެވެ. އޭރު އަތުޖެހޭ ފަށުގައި، ފާޑުފާޑުގެ ފަނިޖަގުޖަގާއި މޭވާގެ ބާވަތްތަކާއި، އަދި އިތުރަށް ބަދަނާއި ސަނާމުގާއި ހަނާކޮށްފައިވާ ސައްކޭލު އޮތް، ތަށިތަށީގައި ހުރެއެވެ. ކުޅެމުން ދާއިރު އެއްބައިގައި ތިބެނީ ރާޝިދުގެ ދެމަފިރިންނެވެ. އަނެއްބައިގައި އާރިފުގެ ދެމަފިރިންނެވެ. ރާޝިދު ދެކުދިން ތިބެނީ ސަޕޯޓްކުރާށާ ލިބޭ މާކްސް ނޯޓް ކުރާށެވެ. ކަމުން ކުޅެމުންގޮސް ޑިގުބުރު ނިންމާލަނީ އާއްމުގޮތެއްގައި ހާރު ކާންވީމައެވެ.

އެއްރެޔެކެވެ. ޑިގު ކުޅެ ނިންމާފައި ހާރާ ކުރިމަތިލިއެވެ. ފުރަތަމަ ކާންއެރީ އާދައިގެމަތިން ރާޝިދާއި އަރީފެވެ. ތަށިތައް ހުސްވާލެއް އަވަސްކަމުން ހީވަނީ، ދެދުވަސް ވަންދެން އެއްގޮތަކަށްވެސް ކާއެތިކޮޅެއް ނުލިބިފައި ތިބި ދެމީހުން ހެނެވެ. މިކަމުގައިވެސް ކުރީގައި އުޅެނީ ރާޝިދެވެ. އެންމެފަހުން، ހާރުކައި ނިމުމުން، ރާޝިދު، ބަނޑުގައި އަތްއަޅައި، ގުދަންއޮވެގެން އަތްދޮންނަ ތައްޓާދިމާއަށް ހިނގައިގެންފިއެވެ. "ބަލަބަލަ ތިޔޯ" އަރީފު އަހާލިއެވެ. "ކީއްވެ ގުދަށް އޮވެގެން ތިޔަދަނީ؟" – "އަރީފު، ބުނަން! މިއީ ރަނގަޅަށް ހާރު ކެވިއްޖެކަމުގެ ނިޝާނެއް! ހަމަ ކައިނިމިގެން ސީދާ ތެދަށް ހުރެ އަތްދޮންނަން ދަންޏާ އޭގެމާނައަކީ ރަނގަޅަށް ހާރު ނުކެވެނީއޭ! މިގޮތަށް ބަނޑުގައި އަތްއަޅައިގެން، ގުދަށްއޮވެގެން އަތްދޮންނަ ތައްޓާހަމައަށް ދެވިއްޖެނަމަ ޝައްކެއްނެތް، އެހެރީ ރަނގަޅަށް ހާރުކެވިފަ! ދެންވެސް ދަސްކުރާތި! އޮޅުވާނުލާތި!" ރާޝިދު އޭރުހުރީ މަތިނޭވާ އަރާ، ވައިލެވިލެވިއެވެ. ކުކުރާ މުގުރާވަރުން ހީވަނީ އެހެން ކަމެއް ހެންނެވެ. 

(ނިމުނީ)

0%
އަންތަރީސް ވެއްޖެ
33%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
67%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved