22 އޭޕްރިލް 2021 | ބުރާސްފަތި 13:16
ކުރު ވާހަކަ

މާލޭގައި މީގެ ސާޅީހަކަށް އަހަރުކުރިން ހުޅުވި ކާނިވަލެކެވެ. އިހުގެ މުސްކުޅި ނަމެއްކިޔާ ވަރަށް ބޮޑުގޯއްޗެއް (ބިމެއް) ގައެވެ. މިކާނިވާ ހުޅުވީވެސް އޭރު ރާއްޖޭގައި ހުރި އެންމެ ފޯރާ، އެންމެ ނުފޫޒުގަދަ މީހާއެވެ. ކާނިވަލުގެ ވެރިޔާ ޔޫސުފު މާހިރު (އަސްލު ނަމެއް ނޫން) ގެ އަތްދަށުން އެކަން ހިންގުމުގައި އިސްވެ އުޅެނީވެސް އެފަދަ ޕަވަރުހުރި އަމުރުވެރި މީހުންނެވެ. މުޅި ކާނިވަލް ކޮންޓްރޯލް ކޮށް ބަލަހައްޓަނީ، މާހިރުގެ ލަފާގެ މަތިން މިދެންނެވި އަމުރުވެރި ޓީމުންނެވެ. މިޓީމުގެ އިސްވެރިއަކަށް ހުންނަނީ މާހިރުގެވެސް ސެކްރެޓަރީ އިބްރާހިމް އަދީމު އެވެ. ދުވަސްވަރަކީ މާލޭގައި ކާނިވާ ހުޅުވައިގެން ހިންގުމުގެ މޫސުމީ ދުވަސްވަރެކެވެ. އެގޮތުން ހުރިހާ ގޮތަކުންވެސް މާހިރު މި ހުޅުވާ ކާނިވާ ފެންވަރު ރަނގަޅު ވެފައި މޮޅުވާން ޖެހޭނެ ކަމަށް މާހިރު ވަނީ އޭނާގެ ޓާސްކްފޯސް ޓީމަށް އަމުރު ކޮށްފައެވެ.

މާހިރުގެ ފައްކާބޮޑު ހަވޭއްޔެއްފަދަ ގޭގައި ގެންގުޅޭ އެކިފެންވަރުގެ މުވައްޒަފުން ކާނިވަލުގައި އެކިއެކި މަސައްކަތުގައިވެސް އަވަދިނެތި އުޅެންޖެހެއެވެ. ޑިއުޓީ ބަހައިގެންނެވެ. މާހިރުގެ ގޭގެ ޑިއުޓީ ނޯންނަ ވަގުތު ކާނިވަލުގައި އުޅެންޖެހޭ ގޮތަށެވެ. މިހެން މިކަންތައް ހިނގާތާ ހަފްތާއެއް ވީތަނާ ކާނިވަލަށް ވަދެނުކުމެ އުޅުމުގައި އޮޅުން ބޮޅުން ކުރިމަތިވާތީ، ހުރިހާ ސްޓާފުންނަށް ފޮޓޯޖެހި އައިޑެންޓިޓީ ކާޑެއް ހަދަން ޖެހިއްޖެއެވެ. ބޭނުމަކީ، އޮޅުވާލައިގެން ވަންނަ މީހުންނަށް ޗާންސް ނުދިނުމެވެ.

ވަރަށް އަވަހަށް ހުރިހާ ސްޓާފުން އެއްކޮށްފައި "މާހިރު ވިދާޅުވެގެން، ހުރިހާ އެންމެންގެ އައިޑީ ކާޑު ހަދަން ޖެހިއްޖެކަމުގައި" އަދީމް އެންގެވިއެވެ. "އެހެންވީމާ މިކާޑު ހެދުމަށްޓަކައި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޮންމެމީހަކުވެސް، ރަނގަޅަށް މޫނު ފެންނަބުރި ފޮޓޯއެއް ގެނެސްދޭތި!" އަދީމް އިތުރަށް ބުނުއްވިއެވެ.

އަދީމް އެންގެވި މުއްދަތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ބުރި ފޮޓޯއެއް ގެނެސް އަދީމު އާއި ހަވާލުކުރިއެވެ. ނަމަވެސް މާހިރުގޭގެ ބަނޑޭރިއަކަށް އުޅޭ (ކާނިވަލްގެވެސް ބަނޑޭރި) އާދަމްފުޅުބޭ ފޮޓޯއެއް ނުގެނެއެވެ. އެކަމާ އަދީމް ސުވާލުކުރުމުން "އަދި ހަމަ މިއުޅެނީ ތިކަން ނުވެގެންނޭ" އާދަމްފުޅުބޭ ނަންގަތެވެ. އެންމެން ފޮޓޯ ގެނައިއިރު އާދަމްފުޅުބޭ ފޮޓޯ ނުގެނައީމަ އަދީމް އެކަމާ ހިތްހަމަނުޖެހިފައި ހުރުމުން އަނެއްކާވެސް ފޮޓޯ ގެނައުމަށް އާދަމްފުޅުބެއަށް 7 ދުވަސް ދީފިއެވެ. ހަމަ އެއާއެކެ، "މިވާހަކަ ދަންނަވައިފިއްޔާ ވަރަށް ގޯސްވާނެކަމަށް." އަދީމް އާދަމްފުޅުބެއަށް ހަނދާންކޮށްދިނެވެ.

އާދަމްފުޅުބެ މިފޮޓޮއެއް ނަގަން ޖެހުނު ފަހުން ގެއަށް ގޮސް އުޅެނީ ފާޑަކަށެވެ. "އަޅެ ގައިމު މަގޭ އާދަމްފުޅަށް ކޮންމެވެސް ކަމެއް ވެއްޖެ! މިހާރު މަށަށް އާދަމްފުޅު ކޮންމެވެސް ކަމަކާ ވަރަށް ފުންކޮށް ކަމަކާ ވިސްނާކަން އެނގޭ! ބުނެބަލަ އާދަންފުޅާ، ކިހިނެއްތަ ވެގެންތަ ތިޔަ އުޅެނީ؟!.. " އާދަމް ފުޅުގެ އަނބި ދޮން ކަމަނަ ވަރަށް އަސަރުގައި އަހާލިއެވެ. "ކަމަނާ... މިވާހަކަ ކަމަނަ ގާތު ބުނަން ފަށާނެ ގޮތެއްވެސް މަށަށް ނޭނިގިފަ މިހުންނަނީ! މިއުޅެނީ މާހިރު އަނގައިގެން މޫނު ފެންނަ ގޮތަށް ބުރި ފޮޓޮއެއް ނަގަން އަނގައިގެން!" އާދަނު ވަރަށް ގޮތަކަށް ބުންޏެވެ. "ކީކޭ މޫނު ފެންނަ ގޮތަށް ބުރި ފޮޓޮއެކޭ؟!" ކަމަނަ ވެސް އިނީ ބުނާނެ އެއްޗެއް ނޭނިގި ބަސް ހުއްޓިފައެވެ.

ދެވަނައަށް ދިން މުއްދަތުގައިވެސް އާދަމްފުޅުބޭ ފޮޓޯ ނުގެނައުމުން އަދީމް އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. "އާދަމްފުޅުބޭ އަބަދު ކަަންތައްތަކުގައި މަޖާވެގެން އުޅުނަސް، އަދި އެންމެން ހެއްވާ، ސަމާސާ ވާހަކަ ދައްކާ އުޅުނަސް، މިކަންތަކުގައި ސަމާސާއެއް ނޯންނާނެ! މިހާރު އާދަމްފުޅުބެއަށް ދެފަހަރު ވަގުތު ދެވިއްޖެ! އެކަމަކު އެހެން އެންމެން ފޮޓޯ ގެނައިއިރު، އަދިވެސް ކަލެއަކަށް ފޮޓޯއެއް ނުގެނެވުނު." އަދީމް ވަރަށް ބޮޑަށް ރުޅިދުރުވެފައި އަނެއްކާވެސް އެއް ހަފްތާގެ މުއްދަތު އާދަމްފުޅުބެއަށް ދެއްވިއެވެ. "މިފަހަރު ފޮޓޯ ގެނެވެންވާނެ. ނުގެނައީ ވިއްޔާ ހަމަދަންނަވާނީ! އަހަންނަށް ވަރިހަމަ މަދެކެ އާދަމްފުޅުބޭ ކިތަންމެ ވަރަކަށް ރުޅިއަޔަސް! އާނ އެހެންޏާ މިހާރު ކިހާ ދުވަހެއް ފޮޓޯ ގެންނާށޭ ކިޔާތާ!" އަދީމްގެ ވާހަކައިން އޭނާ ދެން އާދަމްފުޅުބެއަށް އިތުރު ވަގުުތު ނުދޭނެކަން އެނގެއެވެ. 

ފަހުން ދިން މުއްދަތު ނިމުމުން އަދީމް، އާދަމްފުޅުބެއާ ބައްދަލުކޮށްފައި ގެނައި ފޮޓޯ ކޮބައިތޯ ސުވާލުކުރެއްވިއެވެ. "މިފަހަރު ނުދީފިއްޔާ ހަމަ ދަންނަވާނީ! މިމައްސަލައިގައި އާދަމްފުޅުބޭ ވަޒީފާއިން ވަކިކުރިޔަސް މަދެކެ ރުޅި ނާންނާތީ!" "އަޅުގަނޑު އެއްގޮތަކަށްވެސް ފޮޓޯ ނުގެންނާކަންނޫން.. ވާގޮތަކީ އަދީމަށްވެސް އެނގިލައްވާނެ އަޅުގަނޑު މީ މުސްކުޅިއެއްކަން! މިހާރު އުމުރުން 62 އަހަރު! ވީމާ ތިޔަ ވިދާޅުވާގޮތަށް ބުރި ފޮޓޯއެއް ނަގަން ހަމަދަތީ! މޫނު ފެންނަގޮތަށް ވިއްޔަ! ތަންކޮޅެއް ޒުވާން ދައުރުނަމަ ތިހުންނަނީކީ ކަންތަކެއްނޫން!"

އެވަގުތު އަދީމް ހިނިއައިވަރުން އެތާ ނުހުންނެވިގެން އަނގަމަތީ ކުޑަރުމާ އަޅުއްވައިގެން، އެކަހެރި ފަރާތަކަށް ސޮއްސާ ލެއްވިއެވެ.

(ނިމުނީ)

50%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
25%
ރުޅި ގަދަ ވެއްޖެ
25%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved