މާވެވުން ގެރިނެގުން
21 އޭޕްރިލް 2021 | ބުދަ 11:58
ކުރު ވާހަކަ

މާވެވަކީ މައްޗަންގޯޅިއަށްވާ ހިސާބުގައި އޮންނަ ވެވެކެވެ. މާވެވޭ ކިޔެނީ މާލޭގައި ހުރި ހުރިހާ ވެވުތަކަށްވުރެ އެވެވު ބޮޑުވީމައެވެ. މިވެވުގެ ސިފައަކީ މާލޭގެ އެހެންވެސް ވެވުތަކުގައި އޮންނަ ސިފައެވެ. އާނުކަނޑާ ތިންފޫޓު އަޑިއަށްކޮނެ ފެނުއަޑީން ބިންގަނޑުގައި ވެވުގެ ފޫ އޮންނަ ސިފައެވެ. އާނުކަނޑާ ތިންފޫޓް އަޑިއަށްކޮނެ ފެނުއަޑީން ބިންގަނޑުގައި ވެވުގެ ފޫ އޮންނަ ސިފައަށް ވަރަށް ހިމުންކޮށް ގައު އަތުރަނީއެވެ. މިއީ އެންމެ ފަރުވާބަހައްޓައިގެން ކުރަންޖެހޭ އެއްކަމެކެވެ. މިތަޅުން ނުވަތަ ފޫ ފެންގަނޑުތެރޭގައި ރަގަޅަށް ރޭވުމަށްފަހު ވަށްބުރަށް ގައުކަނޑާ އަތުރަނީއެވެ. އަތުރާނީ ތަޅުމުގެ ބޭރުކައިރިއާއި އެއްވަރަށެއެވެ. ތަޅުމަކީ ފުލެވެ.

ދެން މިވަށްބުރަށް ރޭވި ގައުތައް ފެންމައްޗަށް ގާތްގަނޑަކަށް ހައެއްކަ އިންޗިވަރަށް އުފުލާނެއެވެ. އެންމެ އަޑީ ފުލަކީ ތަރާގަޑެވެ. ފެންމައްޗަށް ރޭވި ބުރުގެ ވަށައިގެން ގާތްގަނޑަކަށް ދެފޫޓް ފުޅާމިނުގައި ތަޅުމެއް އޮންނާނެއެވެ. މީހުން ވުޟޫކުރުމަށާއި އަދި ފެންގަނޑަށް އެރި ފެންވެރުމަށް މިތިލަވަތް ގައު ބޭނުންކުރާނެއެވެ. ދެން އެއްދިމާއަކުން އޮންނާނީ ހަރުފަތް ބަރިއެވެ. ހަރުފަތްބަރީގެ ފުޅާމިން ދެފޫޓެއްވަރުވާނެއެވެ. މިގޮތަށް ހައެއްކަ ހަރުފަތް ވެވަށް އެރޭ ދިމާއިން އޮންނާނެއެވެ. އެއީ ސިޑިއެވެ. ދެން ހަރުފަތްތަކުގެ ދެކޮޅު ކައިރިން ގައުބުރިއެއް އެތުރިފައިވާނެއެވެ. އަޑިއަށް ކަނޑާ ފައްތާފައެވެ. ހަރުފަތްތަކުގެ ދެކޮޅު ގަދަކުރު ފަކުރުމަށްޓަކައެވެ. ހަރުފަތްތަކުގެ އެންމެ މަތި ފައިތަޅާ ވެވުގެ މަތީތުންފަތާ ހަމަވާނެއެވެ. ކޮންމެ ދެ ހަރުފަތް ދޭތެރެ ދިހަވަރަކަށް އިންޗި ހުންނާނެއެވެ. ވެވަށް ފައިބާ އަދި އަރާނީ މިހަރުފަތްބަރީންނެވެ.

އަށްކަނަށް އޮންނަ މިވެވުގެ އުތުރުބިތުގައި ކޮށާ ކަނޑައިގެން ދެ ހަތަރެސްކަން ފޫޓުވަރުގެ ސިއްކައެއް ހަދާފައިވެއެވެ. އެ ސިއްކައިން އަންގައިދެނީ ވެވު ބިނާކުރުމަށް އެންގެވި ރަސްކަލެއްގެ ނަންފުޅެވެ. މިވެވުގައި އޮންނަނީ ޢުމަރުވީރު ޖަލާލުއްދީން އިސްކަންދަރު މިގޮތަށެއެވެ. މިއީ ފެންގަނޑުގެ ޑަޔަމީޓަރުގައި ތިރީހަކަށް ފޫޓު، ފުންމިނުގައި ދޭއްބައި ތިންފޫޓު (އުނަގަނޑާއި ހަމައަށް) ހުންނަ މިވެވީ ބިނާކުރެއްވި އިރު ރެނދަލިކުރެއްވި ރަދުންނެވެ. މީހުން ނޭރި ގިނަދުވަސް ވަންޏާ ހިތި އަޅާނެއެވެ. މިހިއްޗަކީ ފެންގަނޑުމަތީގައި ދުވާ ވަޅުފެހިކަހަލަ އެއްޗެކެވެ. އަދި އެއްކަމެއް ހަނދާނަށް އަތުވެއްޖެއެވެ. ވެވުގެ އުތުރުފަރާތަށް އިސްކަމެއް ދެވިފައިވާ ސަބަބެވެ. އެއީވެސް ދެތިން ހަތަރުހާސް އަހަރުގެ ކުރީގެ ހިތްކަށަވަރުކަމާ ގުޅޭ ކަމެކެވެ.

މާލޭގައި އިހު ހުންނަ ވެވު - ވަޅަށް ރޯގާ މޫސުމުގައި ”ފަންޑިތަވެރިކަމުގެ“ ގޮތުން މާޅޮސް ކެޔޮވަކެއްގައި ޤުރުއާނުން ދަލީލުނަގާ ވަޅީ ތުނޑުން ފަންޑިތައަކުން ލިޔާނެއެވެ. އެއީ އަކުރު ވަކީން ލިޔުމެވެ. މިގޮތަށް ހަރުމާޅޮސްކެޔޮވައް: ވެވު ވަޅަށް އަޅާފައި ބަހައްޓަނީ ކާބަފައިން ފަންޑިތަވެރިކަމުގެ ގޮތުންކަމުގައި ވިޔަސް، މިޒަމާނުގައި ހަރުމާޅޮސްކެޔޮ ރޯކެޔޮ ވަޅަށްލުމަކީ ޙަކީމީ ކަމެއްކަމަށްވެސް ބެލެވެއެވެ. މިއޮތީ ސިއްރު ބޭޒާރުވެފައެވެ. (މިހާތަގުޑި ދިގުކުރެވުނީތީ ދެރަވަމެވެ. ކަމާބެހޭ މަރުކަޒުގައި އެތަކެއް ބައިވަރުން ދަރަޖަތަކަށް ބެހިގެން މަސައްކަތްކުރާއިރު، ތާރީޚީ މިކަހަލަ ލިޔުންތައް ހާމަނުކުރާތީ ހާދަހިތާމަކުރަމެވެ)

އައިފަހަށް ޖެހިލާނަމެވެ. ކޮންމެ އަހަރަކު ރޯދައަށް މާވެވު ހިއްކާނެއެވެ. އެއީ މައްޗަންގޯޅިން ފައި އިނދޭފުރައިން ހުރިހާ ފިރިހެނުން އެއްވެގެންނެވެ. ހިއްކާން ގެންގުޅޭނީ ޑަބިޔަލެކެވެ. އޭގެ އަނގަމަތީގައި ހުރަހަށް ދަނޑިގަނޑެއް ބަންނާނެއެވެ. މިދަނޑިގަނޑުގައި ހިފާ ދެން ގަންބަގަންބާފައި ފެންނަގާ ބޭރަށް އުކާނީއެވެ.

އެއްދުވަހަކު ހެނދުނު މާވެވަށް ގެރިއެއްވެއްޓިއްޖެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އަވަށުގެ ބޮޑުން އަވަހަށް އަވަށުގެ ވެރިގެއަށް އެއްވެ ގެރި ނަގާނެ ގޮތަކާއި މެދު މަޝްވަރާ ފެއްޓެވިއެވެ. މިވާހަކަ ދިގުލައިގެން ދަނިކޮށް ހުކުރުވަގުތު މާ ކައިރިވެއްޖެއެވެ. ދެން ހުކުރުން ފައިބައިގެން އައިސް އަލުން ބޮޑުވާހަކަ ފަށަންނިންމަވާ ބޭބޭކަލުން ގެއަށް ދުރުވެއްޖެއެވެ.

ގެއަށް ދުރުވި ބޭކަލުން ހުކުރު ކުރައްވައިގެ އަވަށުގެ ވެރިގެއަށް އެއްވެ ލައްވާ މަހާސިންތާ ކުރިއަށް ގެންދަނިކޮށް ތެޔޮޅުވާކުދިންތަކެއް މަގުމަތީގައި ދުވަމުން އޭތް މާވެވަށް ވެއްޓުނު ގެރި ނަގައިފިޔޯތް ނަގައިފިޔޯތް މިހެން ގޮވަމުން ހަޅޭއްލަވަމުން ދާ އަޑު ގުގުމައިގަތެވެ. މިއަޑު އެއްވެ ތިއްބެވި ބޭކަލުންނަށް އިވިލައްވައިގެން ޚިޔާލުތަފާތު ވެއްޖެއެވެ. އެއްބަޔަކު ބުނުއްވީ އެއީ މަރުދޮގެކެވެ. އަނެއްބަޔަކުގެ ބަހަކީ އެއީ ތެދަކަށްވެސް ވެދާނެއެވެ. ޚަބަރު ބަލަމާ އަންނާށެވެ. ދެން އަވަށު މުދިމު ދުވެގޮސް ޚަބަރުބަލާ އާދެވުނީ ބައިގަޑިއެއްހާ އިރުންނެވެ. އެމުދިމުވެސް އަވަށުވެރިންނަށް އަވަހަށް ވަނަވަރު އިއްވާން ވެގެން މާވެވަށް ވެއްޓުނު ގެރި ނަގަތްޕޯ ނަގަތްޕޯ އޭ ގޮވަމުން އައެވެ. މިއަޑު އެއްވެ އޮތް ކޮމިޓީއަށް އިވިލެއްވުމުން އެންމެ ބޭކަލުން އެއްބަސްވެލެއްވީ މިވާހަކަ އެއްގޮތަކަށްވެސް ނުދެއްކުމަށެވެ. މިއީ ލަދުވެތިކަމެކެވެ.....

ދެން... ނުކުންނަވަމުން އެއްބޭކަލަކު ގޮވާލެއްވިއެވެ. އަހަރުމެން އެކަނި ލަދުގަންނާކަށް ނުޖެހެއެވެ. ވަށަފަރުމީހުންވެސް އުނބަށްޖެހިނޫންހެއްޔެވެ؟ އެވާހަކަވެސް އަދަށްވެސް ދެމިއޮތީއެވެ. މިވާހަކަވެސް ދެމިއޮވެދާނެތާއެވެ؟

ތެޔޮޅުވާކުދިން: މީ ތެޔޮއަޅުވާ ކުދިންނެވެ. މާލޭ މަގުތަކުގައި ހުންނަ ލަންޓަންތަކަށް ތެޔޮއަޅާ ކުދިންނެވެ. މިތެޔޮ ނެރޭނީ ބަނޑޭރިގޭންނެވެ.

ތެޔޮޅުވާކުދިންގެ ނަންދެވުނު ގޮތް: އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ވެރިކަމުގައި ހެންވޭރުކޮޅު އައިފާނު މަގު އަތިރިމަތީގައި "ވަކަރުގެ" އޭ ކިޔާ ގެއެއް އެޅުއްވިއެވެ. ދެން މާލެތެރޭން ބައެއް ބަފައެއް ބެލެނިވެރިއެއްނެތް "މަގުމަތީފިރިހެންކުދިން" ހޮވައިގެން އެގެއަށް ލައްވާ ސަރުކާރުން ކާންބޯންދެއްވާ ހެއްދެވިއެވެ. އަދި ކޮންމެވެސް ވަރަކަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވިއެވެ. މިކުދީން ބޮޑުވެ ފުރާވަރަށް އެރުމުން ޖިންސީ ޚިޔާލު އުފެދިގެން ނުރަނގަޅު ކަންކަން ހިންގަން ފެށީމާ، ވަކަރުގެއިން އެކުދީން ނެރުއްވާ، ބަނޑޭރިގޭން ކޮއްތާއި އަންނައުނު ދެއްވާފައި މާލޭ ލަންޓަންތަކަށް ތެޔޮއަޅާ ދިއްލާ ކުދީންކަމުގައި ހެއްދެވިއެވެ.

(ނިމުނީ)

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved