ލޮކި އަހަންމަދުގެ ރޯދަވީއްލުން
20 އޭޕްރިލް 2021 | އަންގާރަ 16:52
ކުރު ވާހަކަ

އުމުރުން 55 އަހަރުވީ ލޮކި އަހަންމަދު (އަސްލު ނަމެއްނޫން) އަކީ އެއްޒަމާނެއްގައި އުޅުނު ވަރަށް މަޝްހޫރު މީހެކެވެ. ލޮކި އަހައްމަދުގެ ގެ ވާހަކަ އާއްމު ގޮތެއްގައި މީހުން ދައްކައެއް ނޫޅޭއެވެ. އެހެން ނަމަވެސް ރޯދަމަސް އަންނަން ގާތްވުމުން ލޮކި އަހައްމަދުގެ ވާހަކަތައް މަޑުމަޑުން މީހުން ދައްކަން ފަށައެވެ. އާއްމު ގޮތެއްގައި ރޯދަމަސް އައުމުން ލޮކި އަހައްމަދަށް އެހެރަ އަންނަ ބަދަލުތައް ފެނިފައި ބައެއް މީހުން ތިބެނީ ސުވާލު އުފެދި ގިނަފަހަރަށް އޭނާ އާއި އަނގައިން ބުނަންވެސް ޖެހިލުންވެފައެވެ. އިރު އަރައިފިއްޔާ މީހުންނާ ވާހަކަ ދައްކާއުޅުން މަދުކަމުންނެވެ. ކަންތައްތަކުގައި ރުޅި އިސްވުން އަވަސްކަމުންނެވެ. ރޯދަ ވަރުބަލިކަމުންނޭ ކިޔާފައި ބައެއް ދުވަސް ދުވަހު، އޭނާ ހެނދުނު 10 ޖަހާއިރު މޫދަށްއެރި ހަވީރު ވަންދެން އުނަގަނޑުތާފެނުގައި ހުރެއެވެ. ބައެއް ދުވަސްދުވަހު، އަމިއްލައަށް ގަމީހާއި މުންޑު ތެންމައި އަސުރުވަންދެން އެއާއެކު އެޅުއެވެ. ކޮންމެއަކަސް ރޯދަމަސް އައުމުން، ލޮކި އަހަންމަދުގެ އުމުރު ކުޑަތަންވާ ކަހަލައެވެ. އަނބި ދަރިންނަށްވެސް ލިޔުމުން އަންގާފައި އޮންނަނީ، ވަރަށްބޮޑު ކަމެއް ޖެހިގެން ނޫނީ އޭނާއާ ދުވާލު ވާހަކަ ނުދެއްކުމަށެވެ. އަދި ކޮންމެ ރެޔަކުވެސް ރޯދަ ވީއްލުމަށް އެއްވެސް އުޒުރެއް ދެކުމެއް ނެތި ބޮޑުތައްޓެއްގައި، ބަތްމޮޑެފައި އެއާއި ޖަގެއްގެ ކަޅުސައި ބެހެއްޓުމަށެވެ.

ލޮކި އަހަންމަދު، އޭނާގެ އާދައިގެ މަތީން ބާޒާރަށް ދިޔަ ދުވަހެކެވެ. އޭނާގެ ގަމީހާއި މުންޑު ވަނީ ތެމިފޯވެފައެވެ. އެއީ ރޯދަވަރުބަލިކަމުން، ކަރުހިއްކުން ފިލުވާށޯލައެވެ. އަހަންމަދު ބާޒާރަށް ދަނީ ދެވަނަ ދެކަމެއްގައެއް ނޫނެވެ. ބާޒާރަށް ނުކުމެއްޖެއްޔާ އޮންނާނީ އިރުއޮއްސޭއިރަށް ކާބޯތަކެތި އެއްކުރުމެވެ. މިގޮތަށް ގަނެ އެއްކުރުމުގައި ވަކި އެއްޗެއް ޚާއްޞައެއް ނޫނެވެ. މިއަދުވެސް މިހާރު ހައެއްކަ ފޭރާން ބޮޑު ކަރަޔަކާ ދެތިން ފަޅޮލާ ދޮންކެޔޮ އަރިއެއް ގަނެ، ގެޔަށް ފޮނުވައިފިއެވެ. އެވަރުން އަދި އަހަންމަދު ހިތްހަމައެއް ނުޖެހެއެވެ. އިރު އޮއްސުނީމާ، ވަރަކަށް ކާލާނަމޭ ހީކޮށް އޭތިމީތި ގަނެ އެއްކުރިއެވެ. އޭގެ ތެރޭގައި އަނބެއް ފެނުނަސް، ޖަނބުރޯލެއް ފެނުނަސް، މުރާތްކެއް ފެނުނަސް، މެޓައެއް ފެނުނަސް، ޗޮކްލެޓެއް ފެނުނަސް، ދިޔާހަކުރު ފުޅިއެއް ފެނުނަސް ވަރިހަމައެވެ. އެއެއްޗެއް ގަނެލައެވެ. އެހެން ގަންނަމުން ގަންނަމުން، އަހަންމަދު އަތުގައިވާ ބޮޑު ފޮތިކޮތަޅު ފުރެންދެން ކާތަކެތި ގަނެއެވެ. 

ކޮތަޅު ފުރި، ދެންވާ އެއްޗެއް ލާނެތަން ނެތުމުން އަހަންމަދު މިސްރާބު ޖެހީ ގެޔާ ދިމާއަށެވެ. ވެފައިިިހުރި ވަރުބަލިކަމާއެކެ ވަރަށް މަޑު ހިނގުމެއްގައި ގޮސް ގެއަށް ވަދެވުނު އިރު، އިރުއޮއްސޭން ފަނަރަވަރަކަށް މިނެޓަށް ވެއްޖެއެވެ. އަހަންމަދުގެ އަތުގައިވާ ކާނާ ކޮތަޅު ބޮޑު އަށިމަތީ ބަހައްޓާފައި އެނބުރިލިތަނާ އެއްލި ކަޅިއަކުން ފެނުނީ، ކާމޭޒުމަތީ ހުރި އޭނާގެ ބޮޑު ބަތްތައްޓެވެ. އޭނާގެ ބޮޑު ބަތްތައްޓާއި ކަޅުސައިޖަގު ފެނުމުން އެލިބުނު ހިތްހަމަޖެހުމާއެކު، އަހަންމަދު މަޑުމަޑުންގޮސް ކާމޭޒު ދޮށުގައި އިށީނެވެ. 

ދެން އަހައްމަދުގެ އަސްލު ތައްޔާރުވުން ފެށެނީ މިހިސާބުންނެވެ. ބަތްތައްޓާ ދިމާ މަތިން ހުރަސް ވަކަރުގައި އައްސާފައިވާ ފަލަ ބަރަނީގެ، ތިރިއަށް ފައިބައިފައިވާ ކޮޅު، ބަތްތަށީގައި ނުޖެހޭ ހިސާބުން، ފޫޓެއްހައި އުހުން އަހަންމަދުގެ ކަނާތު ކުޑަހުޅުގައި އައްސާލިއެވެ. އަދި އެތާ އޮތް ކަތުރެއް ވާތުން ހިފައި ކަމަކަށް ވަރަށް ބޮޑަށް ތައްޔާރުވިއެވެ. މިވާގޮތަކީ އަހަންމަދު ވަރުބަލި ކަމުން، އިރުއޮއްސޭ (ބަޑިޖަހާ) ވަގުތު، ކަނާތް ނަގާ، ބަތްތައްޓަށް ލާނެ ހިތްވަރުވެސް ނުހުންނާތީ، އެކަން ވާނެ ގޮތަށް ހަދާލީއެވެ. 

މިގޮތަށް ތައްޔާރީ ޙާލާތަށް މީހާ އައުމަށްފަހު ދެން އަހަންމަދު އިނީ ގަޑީގެ ކައްޓަށް ބަލަބަލައެވެ. އެހެން އިންދާ އިރު އޮއްސިއްޖެއެވެ. ހަމަ ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު، ވާތުގައި އޮތް ކަތުރުން ކަނާތު ކުޑަހުޅުގައި ޖަހާފައިވާ ބަރަނި ބުރި ކޮށްލިއެވެ. އެއާއެކު ޗަސްލާފައި، އަތް ވެއްޓި ބަތްތަށީގައި ޖެހުމާއެކު ކާންފެށިއެވެ. އިތުރު ނޭވާއެއްވެސް އަހައްމަދު ލީ ބަތްތަށި ހުސްވީމައެވެ. ދެން ބަލާކަށް ނީނދެ ހަމަ އެހިނދު ވާތުން، ސައިޖަގުގައި ހިފައި އަނެއް ނޭވައިން އެއޮތް ބޮޑު ސައި ޖަގު ތުނބުގައި ޖެހި ގޮތަށް ހުސްކޮށްލިއެވެ. މިހިސާބުން ކިރިޔާ އަހަންމަދަށް ހޭވެރިކަން ވެއެވެ. އެއްކަލަ ހެނދުނާ ބާޒާރަށް ނުކުމެ ރަސްމީ ބޮޑުފޮތި ކޮތަޅު ފުރާ ދުވާލު ހަތަރު ދަމު ގަނތް ހުރިހާ ކާބޯތަކެތިތައް ބާކީވިއެވެ. މީ އެދުވަހުގެ އެކަނި ކަމެއް ނޫނެވެ. ހަމަ އާއްމު ގޮތެއްގައި އަހައްމަދުގެ ރޯދަވީއްލުން ކުރިޔަށް ގޮސް ނިމޭ ގޮތެވެ. ކޮންމެ ދުވަހަކުވެސް އެވަގުތު ދެން އެ ޢަމަލު ތަކުރާރު ނުކުރުމަށް ނިޔަތް ގަނެއެވެ. ނަމަވެސް ދެރައީ ޖެހިގެން އަންނަ ދުވަހު ހަމައިރުއެރުމާއެކު، އެކަން ހިތުން ފުހެވިގެން ދެއެވެ. ހެނދުނު 10 ޖަހާއިރު އެއްކަލަ ފޮތިކޮތަޅު ހިފައިން އަހައްމަދު އަށް ނައްޓާލެވެނީ ބާޒާރަށެވެ. އަހައްމަދުގެ އަނބިވެސް ރައްޓެހިންވެސް ރޯދަމަހޭ ކިޔާފައި މިގޮތަށް ކާބޯތަކެތި އިސްރާފުނުކުރުމަށް ކެނޑިނޭޅި ނަސޭޙަތް ދެއެވެ. އެހެން ބުނާ ވަގުތު ވަރަށް ބާރަށް ތީޔައީވެސް ތެދެކޭ ކިޔާ ބޯޖަހާނެއެވެ. އެކަމަކު އަހައްމަދުގެ މިސިލްސިލާ އަށް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެންނަށްވެސް ބުނެވެނީ ހަމަ އެއްވާހަކައެވެ. ލޮކި އަހައްމަދެއް ބަދަލެއް ނުވާނެ ކަމުގައެވެ. 

(ނިމުނީ) 

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
100%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved