ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

މިހާރު ގުނަމުން މިދާ ދެހާހުގެ އަހަރުތަކަކީ މުއާސަލާތުގެ ދާއިރާގައި ދުނިޔެއަށް ނުހަނު ބޮޑު ކުރިއެރުންތަކެއް އަންނަމުންދާ އަހަރުތަކެކެވެ. ދެހާހުގެ އަހަރުތައް ނުވަަތަ 21 ވަނަ ސައްތަ ފެށުމުގެ މާކުރިންވެސް މިސައްތަ ސިފަކުރެވިފައި ވަނީ މައުލޫމާތުގެ ސައްތައެއްގެ ގޮތުގައެވެ. އެއީ މިސައްތައިގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީން ކަމަށްވާތީއެވެ. އަދި އެންމެ ބޮޑަށް ގައުމުތައް ނުވަތަ ކުންފުނިތައް ކުރިއަރައިގެން އަންނާނީވެސް މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީން ކަމަށް ވާތީއެވެ.

މިއަދުގެ ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރިތަކުގެ ތެރޭގައި މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީގެ ވިޔަފާރިތައް ހިމެނިފައިވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. މައުލޫމާތުގެ މުއާސަލާތުގެ ޓެކުނޮލޮޖީގެ ތެރެއިން ދުނިޔެއަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން ބައިނަލްއަގުވާމީ ވިއުގަ ކަމަށްވާ އިންޓަރނޭޝަނަލް ނެޓްވާކް ނުވަތަ އިންޓަނެޓު ދުނިޔެއަށް ތައާރަފުވީ މީގެ 60 ވަރަކަށް އަހަރުކުރިން 1960ގެ އަހަރުތަކުގައެވެ. އެކަމަކު ދިވެހިރާއްޖެއަށް އިންޓަނެޓް ތައާރަފުވީ އޭގެ މާފަހުން 14 އޮކްޓޫބަރ 1996ގައެވެ. މިއަދު މިއީ ރާއްޖެއަށް އިންޓަނެޓް ތައާރަފުވުމުގެ 25 އަހަރު ފުރުނު ރިހިޔޫބީލު މުނާސަބަތުގެ ދުވަހެވެ.

އެންމެ ބޮޑު ބަދަލެއް ނުވަަތަ ކުރިއެރުމެއް ދިވެހިރާއްޖެއަަށް ގެނެސްދިން ވަސީލަތަކީ މި ވަސީލަތެވެ. މައުލޫމާތުގެ މުއާސަލާތުގެ ޓެކްނޮލޮޖީއެވެ. ތައުލީމާއި މައުލޫމާތާއި، ހިންގުމާއި، އިގުތިސާދީ، އިޖުތިމާއީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމާއި، މިހެންގޮސް ހުރިހައި ދާއިރާއެއްގައި، 25 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތައް ގިނަގުނައެވެ. އެހެންވީމާ ދިވެހިރާއްޖޭގައި ތިބި 25 އަހަރާއި އެއަށްވުރެ ޒުވާން އުމުރުގެ އެންމެންވެސް އުފަންވެފައި މިވަނީ މައުލޫމާތުގެ މުޖުތަމައުގައެވެ. މައުލޫމާތުގެ ރަން ޒަމާނުގައެވެ. އިންޓަނެޓްގެ ޒަމާނުގައެވެ.

އިންޓަނެޓް ތައާރަފުވިތާ އަހަރެއްފަހުން ދިވެހިރާއްޖެއަށް މޯބައިލް ފޯނުވެސް 1997ގައި ތައާރަފް ވެއްޖެއެވެ. އިންޓަނެޓުގެ ޚިދުމަތް ގިނަބަޔަކު މިއަދު ބޭނުންކުރަނީ ކޮމްޕިއުޓަރަށްވުރެ ބޮޑަށް މޯބަައިލް ފޯނުންނެވެ. މުޅި ރާއްޖެއަށް އިންޓަނެޓު އާންމުވީ މޯބައިލް ފޯނުން އިންޓަނެޓް ބޭނުންކުރެވޭގޮތް 2007 ގައި ތަނަވަސް ވެގެންދިޔަ ހިސާބުންނެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ބަލިމަޑުަކަމުގައި ދުނިޔެ ނުހުއްޓި އަދި ރާއްޖެވެސް ނުުހުއްޓި މި 2 އަހަރު ހިނގަމުން ދިއުމުގައި އިންޓަނެޓުގެ ވަސީލަތްވީ އެންމެ މުހިންމު ވަސީލަތް ކަމުގައެވެ. ސިއްހީ މުއާސަލާތާއި މުއާމަލާތުގައެވެ. ޒަރޫރީ ބޭނުންތަކުގައެވެ. ސަރުކާރު ހިންގުމުގައެވެ. ތައުލީމު ދިނުމުގައެވެ. އިޖުތިމާއީ އަދި އިގުތިސާދީ ކަންކަމުގަައިވެސް މެއެވެ. ހުރިހައި ކަމަކާއި ގުޅިފައިވާ ވަސީލަތެއްގެ ގޮތުންނެވެ. މީޑިއާއާއި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށްވެސް މެއެވެ.

އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ދިރިއުޅޭ އެންމެންވެސް މިވަނީ މުއާސަލާތާއި ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތަކުން ގުޅިލާމެހިފައެވެ. މި ވަސީލަތްތަކާއި ނުލައި އަދުގެ ބަވަނަ ދުނިޔޭގައި ދިރިއުޅުން ކުރިއެރުވޭނެ ގޮތްތަކެއްވެސް ނެތެވެ. ބަވަނަ ވިޔަކަސް ދުނިޔޭގެ ގައުމުތަކުގައި އޮތީ ތަފާތު ސަގާފަތާއި އާދަކާދަތަކެވެ. ވީމާ އެންމެން އެއްގޮތަކަށް ބަވަނައެއް ނުވާނެއެވެ. އެއީ ވެވޭނޭ ކަމެއްވެސް ނޫނެވެ.

އިންޓަނެޓުގެ ވާހަކަ ދައްކާއިރު ފާއިތުވި 25 އަހަރުގެ ތެރޭގައި ދިވެހި މުޖުތަމައަށް އިންޓަނެޓުގެ ސަަބަބުން ކުރި ނޭދެވޭ އަސަރުތައްވެސް ފާހަގަކުރަންޖެހެއެވެ. ޚާއްސަކޮށް ކުޑަކުދީންނަށެވެ. އެއީ ވިސްނާން ޖެހިފައިވާ ކަމެކެވެ. ކުޑަކުދިންނަށް ނޭދެވޭ އަސަރުުކުރާ ކަންކަމުން އެކުދިން ރައްކާތެރިކޮށް ސަލާމަތްކުރުމަކީ މުޖުތަމައުގެ ޒިންމާއެކެވެ. މިކަމާބެހޭގޮތުން މައިންބަފައިންނާއި ބެލެނިވެރިން ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އިޖުތިމާއީ ރައްކާތެރިކަމާއި މުޖުތަމައުގެ ކުރިއެެރުމަށެވެ.

މުއާސަލާތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ނިސްބަތް މި ސަރަހައްދުގައި ވެސް އެންމެކުރީގައިވާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަ ކުރެވެއެވެ. އެހެންވީމާ، ރައްކާތެރިކަމާއެކު ހެޔޮގޮތުގައި މި ވަސީލަތްތައް ބޭނުންކުރުމަށް ދިވެހި އެންމެހައި ރައްޔިތުން ހޭލުންތެރިކުރުމަކީ ގައުމީގޮތުން ކޮންމެހެން ވެސް ކުރާންޖެހޭ ކަމެކެވެ. މާތްވެގެންވާ އިސްލާމް ދީނުގެ އުސޫލުތަކާއި ދިވެހި ގައުމިއްޔަތަށްޓަކައެވެ. ދިވެހި ސަގާފަތު ރައްކާތެރިކޮށް، ރިވެތި ސުލޫކު ދަމަހައްޓައި ދިވެހި މުޖުތަމައުގެ އިޖްތިމާޢީ ފޭރާން ކިލަނބުވިޔަނުދީ، ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމަށްޓަކައެވެ. އަދި މިނޫންވެސް ގައުމީގޮތުން ސަމާލުވާންވީ އެތައް ސަބަބުތަކަށްޓަކައެވެ.

0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved