އަދީބާއި ޒިޔަތާއި އެސްއޯއެފްގެ ބަހެއްނެތި ޔާމީނަށް އިންސާފެއް ނުލިބޭނެ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔަނާތް ހިންގީ ކާކުގެ ވެރިކަމެއްގައި ކޮންބައެއް ހެއްޔެވެ. އެ ޚިޔާނާތުގައި އަމަލީގޮތުން އުޅުނީ ކޮންބައެއް ހެއްޔެވެ. އެ ޚިޔާނާތް ހިންގީ އެތާގެ އާދައިގެ މުއައްޒަފުންތަކެއް ހެއްޔެވެ. އެ ބޮޑު ޚިޔާނާތް ހިނގާ ދިޔައީ އެތާގެ އެއްވެސް ވެރިއަކަށް ނޭނގިހެއްޔެވެެ. އެ ޚިޔާނާތް ހިންގީ މި ސަރުކާރުގެ ވެރިކަމުގައި ހެއްޔެވެ.

ވިސްނާލަބަލާށެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަކީ ދުރާލާ ރޭވިގެން ހިންގާފައިވާ ކަމެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ފާޅުކަން ބޮޑުގޮތެއްގައެވެ. ގާނޫނުތަކާ އުސޫލުތަކަށް ބަދަލު ގެނެސްގެން ގައުމުގެ ވެރިމީހާ ހިންގި ޖަރީމާއެކެވެ. މާލިއްޔަތު ގާނޫނު ބުނާގޮތުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއަކީ މީރާއަށް ލިބެންޖެހޭ އެއްޗެކެވެ. އެހެންނަމަވެސް ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ފަޅުފަޅާއި ބިންބިމަށް ލިބޭ ފައިސާއަކީ ސީދާ އެމްއެމްޕީއާރުސީ އަށް ދައްކަންޖެހޭ އެއްޗަކަށް ހެދިހެދުމަކީ މި ޚިޔާނާތުގެ ފެށުމެވެ. މީރާގެ އިހުތިސާސްގައި އޮތް ބާރެއް އެމްއެމްޕީއާރުސީއަށް ބަދަލުކޮށްލީ ރައީސް ޔާމީނު ބޭނުން ވެގެންނެވެ.

އެމްއެމްޕީއާރުސީ އަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޓޫރިޒަމް ކުރިއެރުވުމަށް އޮތްތަނެކެވެ. ޓޫރިޒަމް ވިޔާފާރިކުރާން އޮތް ތަނެއްނޫނެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީ ހިންގަން ޑިރެކްޓަރުންގެ ބޯޑެއް އޮވެމެ، ޔާމީނުގެ ފަތުރުވެރިކަމުގެ ވަޒީރު އަހުމަދު އަދީބަށް އެތަން ހިންގުމުގެ ހުރިހާ ބާރެއް ހައްދެއްނެތް ވަރަށް ދިނީ މި ޖަރީމާ ހިންގުވުމަށެވެ. ނަމެއްގައި ޑިރެކްޓަރުންގެ ބޯޑެއްވެސް އޮތެވެ. އެ ބޯޑުން ނިންމަންޖެހޭ ކަމެއް ނޯވެއެވެ. ހުރިހާ ކަމެއް ރައީސް ޔާމީނު އަންގާ ގޮތަކަށް ކުރަނީ މިނިސްޓަރު އަދީބެވެ. އަދީބު ބުނާ ގޮތަކަށް އެމްއެމްޕީއާރުސީގެ ނަމުގައި ރަބަރު ސްޓޭމްޕް ޖަހާދެނީ މެނޭޖިން ޑިރެކްޓަރު ޒިޔަތެވެ. ރައީސް ޔާމީނު އަންގާ ގޮތަކަށް ރަށްރަށުގެ ޑީލްތައް ހަދަމުން މިވެރިން ދިޔައީ ފަތުއަޑުކިޔާފައެވެ.

ޑޮލަރުގެ ވިޔާފާރި ހިންގުމަށް މިވެރިން ކަނޑައެޅީ އެސްއޯއެފް އެވެ. އެމްއެމްޕީއާރުސީ އަށް ލިބޭ ޑޮލަރު ދިމަދިމާލަށް ފޮނުވާ އެޑޮލަރުން ވިޔާފާރިކޮށް އޭގެ ފައިދާ ޔާމީނަށާއި އަދީބަށް ޖަމާކޮށްދެނީ އެސްއޯއެފުންނެވެ. ރިޝްވަތުގެ ގޮތުގައި އެކިފަރާތްތަކަށް ދޭންޖެހޭ ގިނަ ފައިސާވެސް ދެމުން ދިޔައީ އެސްއޯއެފް މެދުވެރިކޮށެވެ. ރައީސް ޔާމީނާއި އަދީބުގެ ފައިސާވެރިކަން އިންތިހާއަށް ދިޔައީ ރޮކެޓް ސްޕީޑްގައެވެ. ޖަރީމާތައް ހަލާލުކުރުމަށް ޖުޑިޝަރީގެ ކޮންޓްރޯލު ނެގުމަށްޓަކައި ޔާމީނަށް އިތުރުބާރު ނުކުރެވޭ ދެ ފަނޑިޔާރަކު ވަކިކޮށްލުމަށްޓަކައި ސްޕްރީމް ކޯޓުގެ ބެންޗް ހަތަކުން ފަހަކަށް ތިރިކޮށްލިއެވެ. ފަނޑިޔާރު އަހުމަދު ފާއިޒާއި މުއުތަސިމް އަދުނާން ގެއަށް ފޮނުވާލިއެވެ. މިކަން ކުރީ ރައްޔިތުން މަޖިލީހުގައި ސާފު އަޣުލަބިއްޔަތު ނެތުމުން މަޖިލީހުގައި ގައިިބި އެމްޑީޕީގެ މެމްބަރުންތަކަކަށް ރިޝްވަތު ދީގެންނެވެ.

އަދީބަށް އިތުބާރު ކުރިވަރުން ގާނޫނީ ނާއިބުރައީސް މުހައްމަދު ޖަމީލު އަހުމަދު އަޒުލުކޮށް ނާއިބުރައީސްކަމަށް އަހުމަދު އަދީބު ގެނައުމުގެ މަސައްކަތް ފެށިއެވެ. ގާނޫނު އަސާސީ އޮތްގޮތުން އަދީބަށް ނާއިބުރައީސްކަން ދެވެން ނެތުމުން ގާނޫނުއަސާސީ އިސްލާހުކުރުވިއެވެ. މަޖިލީހުގެ މެންބަރުންތަކަކަށް މިލިޔަނުން ރިޝްވަތު ދީގެންނެވެ.

އެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތިލަވީ ބެންކް އޮފް މޯލްޑިވްސް ގެ މެނޭޖަރެއްކަމުގައިވާ ގާސިމް އަބްދުލްކަރީމަށް އެކަން ފާހަގަވެގެން ފަޅާ އަރުވާލުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެފަކީރުގެ މަގާމު ގެއްލި ދާންޖެހުނީ ޖަލަށެވެ. އޮޑިޓް ރިޕޯޓަށްވެސް ފަހުން އެކަން ފާހަގަވިއެވެ. ހަމައެއާއެކު އޮޑިޓަރ ޖެނެރަލްގެ ގާނޫނަށް ބަދަލުގެނުވާ އެމްއެމްޕީއާރުސީ ޚިޔާނާތް ފާހަގަކުރި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ގެއަށް ފޮނުވާލިއެވެ. ރައީސް ޔާމިނު މިހުރިހާ ކަންކަމެއް ކުރުވީ އަދީބު މެދުވެރިކޮށެވެ. ޔާމީނު އެކަންކުރަން އަދީބަށް ފުރުސަތު ނުދިންނަމަ އަދީބަށް ކުރެވޭނެ އެއްކަމެއްވެސް ނުއޮންނާނެއެވެ.

އަދީބުވީ ޔާމީނަށްވުރެ ސްމާޓްް މީހަކަށެވެ. ޔާމީނަށް ނޭނގި އެތައް މިލިޔަން ޑޮލަރެއްގެ މުއާމަލާތު އަދީބު ހިންގައިފިކަން ޔާމީނަށް އެނގުނު ހިސާބުން އަދީބު ހައްޔަރުކުރަން ޔާމީނު ބޭނުންވިއެވެ. ދަނޑިވަޅު ބަލާފައި ފިނިފެންމާ ގޮއްވާލުމުގެ ޑްރާމާ ކުޅެ އަދީބު ބޮލަށް އެކަން ކަނޑާލައި އަދީބު ހައްޔަރު ކުރިއެވެ. އެހިސާބުން މަންޒަރު ބަދަލުވެ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ރައީސް ޔާމީނަކީ މާ މައުސޫމް މީހަކަށް ވާން އުޅެގަތެވެ.

އަޖައިބެކެވެ. ބާރުގައި ހުރި ރައީސާއި ދެކޮޅަށް އޭނާ އައްޔަން ކޮށްފައި އޮތް އެންޓިކޮރަޕްޝަން ކަމިޝަނަކަށް ކުރެވޭނީ ކީއްހެއްޔެވެ. ޖެހޭނީ ބުނިގޮތެއް ހަދާށެވެ. އެސްއޯއެފް އިން ޖަމާކުރި މިލިޔަނެއްހާ ޑޮލަރު ކޮންމެވެސް ކަމަކަށް އިންވެސްޓްކޮށްފައި މިނިސްޓަރ ޒަމީރު އަތުން އެއްމިލޔަން ޑޮލަރު ގެނެސް އެސްކްރޯ އެކައުންޓެއް ހުޅުވާފައި ޖަމާކުރުމުން އެމްއެމްޕީއާރުސީ ފައިސާގައި ޔާމީނު ނުޖެހޭކަމަށް ވާނެހެއްޔެވެ. އަދި އެއީ އެންމެ ކަމެއް ނޫންހެއްޔެވެ. އެކަހަލަ އެތައް މިލިޔަން ޑޮލަރެއް ޔާމީނު ވަނީ ބޭނުން ކޮށްފައެވެ.

ޝަރީއަތުގައި ހަގީގަތް ހާމަވެދާނެތީ ޖަމީލުމެން ހީލަތްތެރިކަމާއެކު ވަރަށް ގޮތްކުޑަ ވާހަކައެއް އެބަދައްކައެވެ. ޒިނޭ ސާބިތުކުރުމަށްޓަކައި ޒިނޭކުރި މީހުންގެ ބަހެއްނު ހޯދާ އެކަން ހިނގިގޮތް އެނގޭނެ ހެއްޔެވެ. ކަމެއް ހިނގިގޮތް އެނގޭނީ އެކަމެއްގައި ބައިވެރިވި އެންމެންގެ ބަސް އިވިގެންނެވެ. ޔާމީނާއި އަދީބާއި ޒިޔަތާއި އެސްއޯއެފް އަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ބައިވެރިންނެވެ. ހެކިންނެއް ނޫނެވެ. އެކަން ކުރިގޮތް އެނގޭނީ އެމީހުންނަށެވެ. އެމީހުންގެ ބަހާނުލައި އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅޭ އެއްވެސް މައްސަލައަކަށް އިންސާފެއް ނުހޯދޭނެއެވެ.

14%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
86%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved