"ބުންޒީލަ ވަކިނުވާ މިތުރުން ހޭއެރުން އަދާ-ދުންމާރި ބެރުޖަހަން އުޅެ ވަރުބަލި މަކޮށްފިއޭ"

ބެރުގެ ފަލަ ކޮޅަކީ އޭގެ ބުމެވެ. ހިމަ ކޮޅުން ނުކުންނަނީ ޒީލައެވެ. ބެރެއްގެ ދެކޮޅުން ނުކުންނަނީ ދެއަޑު ކަމާ އެއީ އޭގެ ޒީލަޔާއި ބުންކަން ދިވެހިންނަށް މިހާރު ވަރަށް ސާފެވެ.

ވެހިކަލް ތަކުގައި ލައުޑް ސްޕީކަރު ހަރުކޮށްގެން، އެއަށް އެންމެތަކުންގެ ދިދަ ކޯއްޓޭ ކޮށްގެން، ބިރުވެރި ދީނީ ރާގުގައި ބަނޑިލައްވަމުން، އިސްލާމް ދީނާ ގައުމިއްޔަތުގެ އަޑު ފުރަމާލޭގެ ޖައްވަށް ބުރުއްސީ، 2012 ވަނަ އަހަރު ބަޣާވާތް ކުރަންކަން އޭރު ނޭނގި ތިއްބަސް މިހާރު އެކަން ދިވެހިންނަށް އެނގެއެވެ.

ހެދުނީ އެންމެ ގޯހެކެވެ. ދިގުޒަމާންވީ ވެރިކަމުގެ ވައްޓަފާޅި ބަދަލު ކުރުމަށް ކުރަން ނުވާވަރު ކަންކަން ކުރެވުނީ އެވެ. މިނިވަންކަމޭ ކިޔާފައި އޭގެ ލާހައްދަށް ދޫކޮށްލެވުނީ އެވެ. ވެރިޔަކާ ދިމާއަށް ވެސް ގޮވަން ހެޔޮނުވާވަރު ކުރެވުނީ އެވެ. އެއިރަށް އެހެން ގޮތެއް ނެތްކަމަށް ހީކޮށް ކުރެވުނު ވަރު މާބޮޑުވަރު ވީއެވެ. އެއްކޮޅެއްގައިވެސް އޭރު ދޫދިނުމެއް ނެތުނީ އެވެ.

2008 ގައި ކުރީގެ ވެރިކަން އޮޔާ ދިޔައިރު އެހެން އެއްޗެއް ލެއްގީއެވެ. މިނިވަންކަމާ ޑިމޮކްރަސީގެ ނަމުގައި ލަދުހަޔާތް އަރުއްވައިގަތީ އެވެ. ދައުލަތެއްގެ ހައިބަތާއި ކަރާމާތް ގާދޫކޮލުން ބޭރުވީއެވެ. ލެއްގި އެތި ކޮނޑަށް ލައިގެން، ނިތްކުރީގައި ދެކަލިމަފުޅު އައްސައިގެން، ދީނުގެ ނަމުގައި ލޮނުޒިޔާރަތް ކޮޅަށް އެއްވީއެވެ. ރަށްބޭރުގައި ތިބެ އަގީދާގެ ހިލައިން ސިޔާސީ ހަތިޔާރު ތޫނުކޮށްގެން ވަރުހެސަ ބިލާދަރު ބަޣާވާތެއް 7 ފެބްރުއަރީ 2012ވީ އަންގާރަ ދުވަހު އެންމެންގެ ލޯކުރިމަތީގައި ކޮށް އަބްދުﷲ ޝާހިދު ކުރިފުޅުމަތީ ވަހީދު ހަސަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރީއެވެ.

މާގައުމީ ކަމަށް ހެދިގެން ލާދީނީއޭ ކިޔަމުން ރަށުތެރޭގައި ލަވަޖަހަމުން ޕިކަޕް ދުއްވަނީ ދެވަނަ ދެކަމަކު ނޫނެވެ. އޭރު އެގަތް ގަނޑު އަލުން އަނެއްކާ ގަނެވޭތޯއެވެ. ތިޔަ ކިޔާ ގައުމިއްޔަތާ މިނިވަން ކަމާއި ދީނާއި އިސްތިގުލާލަކީ ހަމަ އެންމެ އެއްޗެކެވެ. "އުސްކުރި ޗާލު ބިނާޔާ އެއެއްކުރިހާ ފައިސާ" އެވެ.

އަލުން އަނބުރާ ވެރިކަމުގެ އާރާއި ބާރާއި ޝާނާއި ޝައުކަތެވެ. ތިޔަ ބަސްމަގާއި ބަހުރުވަ ނިކަން ރަނގަޅަށް ދިވެހިން މިހާރު ދަސްކޮށްފިއެވެ.

އެއްގަލުން ފެހިކައިގެން ތިބި ލަނޑަޔާ ވާނީ ލަނޑައެވެ. ކަނޑުން ކެހެރިއެއް ތެމޭހާ ހިނދަކު އާޔަތުލް ކުރުސި ނުދަންނަ ބަގަޔަކަށް ދީނުގެ ނަމަކު ދެނަކު މިރާއްޖެއަކު ބަޣާވާތެއް ނުކުރެވޭނެ އެވެ.

ބަޣާވާތަށް ތިޔަޖަހާ ބެރުގެ ބުމާއި އޭގެ ޒީލަ މިހާރު ދިވެހިން ދަސްކޮށްފިއެވެ. ވަރަށް ސަލާމެވެ.

44%
އަންތަރީސް ވެއްޖެ
11%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
44%
ލިޔުން ރަނގަޅު
ކޮމެންޓް
3 އޮކްޓޯބަރ 2021 | އާދީއްތަ 10:34
ރާގުންޑާ
ބަޣާވާތެކޭ ކިޔައިގެން ނުޗަލާނެ. އެކައްޗެކޭވެސް ހިތަށް ނާރާ. ތިބުނާ ބަޣާވާތެއް ކޮށް ހަމަ ވައްޓާލާނީ މިފަހަރުވެސް. އޮރިޔާން ހާލުގަ މޮޔަ ގޮވަމުން މަގުމަތީ ދުވަން ތައްޔާރުވޭ.
raajjemv logo

All rights reserved