ހަރާމާއި ހަލާލުގެ ސުވާލުވެސް އުފެދުމެއްނުވާ އެފައިސާޔާއި މިފައިސާ!

ވިންސްޓަން ޗާރޗިލްއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރެވެ. ވަރަށް ކުޅަދާނަ ވާހަކަ ދެއްކުންތެރިޔެކެވެ. އެފަދަ ދެވަނައެއް ނުވާ ކަހަލަ ބަސްމޮށުންތެރިއެކެވެ. އޭނާގެ ތަގުރީރުތަކުގައި އެކުލެވިގެންވަނީ ޖާދުލެވެ.

ފޫހިކަމެއްނެތި ޝައުގުވެރިކަމާއެކު ޗާރޗިލްގެ ތަގުރީރުތައް އަޑުއަހާން މީހުން ތިބެއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ޖުމްލަ 10 އަހަރު ކުރެއްވިއެވެ. އެންމެ ފުރަތަމަ 1940ން 1945 އަށެވެ. އެއަށްފަހު 1951ން 1955 އަށެވެ. ޗާރޗިލް އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި 1965 ގައެވެ.

ޗާރޗިލްއަކީ ކުޅަދާނަ ލިޔުންތެރިއެއްވެސްމެއެވެ. ލިޔުންތެރިކަމުގެ ދާއިރާއިން ނޯބަލް ޕްރައިޒްވެސް ހޯއްދެވިއެވެ. މީގެ އިތުރުން ހުނަރުވެރި ކުރެހުންތެރިއެކެވެ. މިއީ ވިންސްޓަން ޗާރޗިލް ވިދާޅުވިކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކައެކެވެ. އަޚުލާގައި ފަސާދަޔާއި ގުޅޭ ފިލާވަޅަކަށް ފުދޭ ވާހަކައެކެވެ. އެހެންވީމާ ދިވެހިބަހަށް ގެނައީއެވެ. ވާހަކައިގެ ސައްހަކަމުގެ މައްޗަށް އެއްޗެކޭ ދެންނެވުމުގެ ވަގުތެއް ނޫނެވެ.

ވިންސްޓަން ޗާރޗިލް ވިދާޅުވިކަމަށް ބުނެވެއެވެ. އިންޓަރވިޔުއެއް ދޭން ލަންޑަނުގައި ހުންނަ ބީބީސީގެ ސްޓޫޑިއޯއަށް ދާން ޖެހުނު ދުވަހެކެވެ. އެތަނަށް ދިއުމަށްޓަކައި އަހަރެން ޓެކްސީއެއް ނަގައިފީމެވެ. އެތަނަށް ދެވުނީމާ ޑްރައިވަރުގެ ކައިރީގައި ބުނެފީމެވެ. އަހަރެން އެނބުރި އަންނާންދެން ސާޅީސްފަސް މިނިޓަށް މަޑުކޮށްދީފާނަން ހެއްޔެވެ.

ޑްރައިވަރަށް އަހަރެންނަކީ ކާކުކަމެއް ނޭނގެއެވެ. އޭނާ މައާފަށް އެދިފައި ބުންޏެވެ. މަޑުކުރެވޭކަށެއް ނެތެވެ. ވިންސްޓަން ޗާރޗިލްގެ ތަގުރީރު އަޑުއަހަން ގެއަށް ދާން އެބަޖެހެއެވެ. ބީބީސީގައި ދާދިއަވަހަށް ޗާރޗިލް ތަގުރީރެއް ދެއްވާނެއެވެ.

އެމީހާ އަހަރެންގެ ތަގުރީރު އަޑުއަހަން ބޭނުންވެފައި ހުރި ވަރުން އަހަރެން ހައިރާންވިއެވެ. ވަރަށް ބޮޑަށް އުފާވެސްކުރީމެވެ. އެހެންކަމުން އަހަންނަކީ ކާކުކަން ބުނެނުދީ ޖީބުން ދިހަ ޕައުންޑު ނަގާފައި ޑްރައިވަރަށް ދިނީމެވެ. ފައިސާ ލިބުމާއެކު އޭނާ ބުންޏެވެ. ސާހިބާއެވެ. ކިތަންމެ ގިނައިރެއްވިޔަސް ސާހިބާގެ އިންތިޒާރުގައި އަހަރެން މިތަނުގައި މަޑުކުރާނަމެވެ. ޗާރޗިލްއަކީ ވަކިން ކާކުހެއްޔެވެ. އޭނާ ޖަހަންނަމަޔަށް ދިޔައަސް އަހަންނަށް ފަރުވާލެއް ނެތެވެ.

ފައިސާ ފެނުމުގެ ކުރިން އުސޫލެއްގައި ސާބިތުވެ ހުރި މީހެކެވެ. ފައިސާ ހަމަފެނުމާއެކު އުސޫލުތައް މުގުރައި ފައިސާގެ އަޅަކަށް ވެގަތް މީހެކެވެ. މިހިރީ ފައިސާއާ ޖެހިގެން އުސޫލުތައް ބަދަލުވެގެންދާ ގޮތެވެ. މުގުރިގެންދާ ގޮތެވެ.

ގައުމުތައް ފައިސާއަށް ވިއްކާލެވެއެެވެ. އިއްޒަތާއި ޝަރަފު ފައިސާއަށް ދޫކޮށްލެވެއެވެ. ފައިސާއަށްޓަކައި އާއިލާތައް ބައިބައި ކުރެވެއެވެ. ރަޙްމަތްތެރީން ވަކިކުރެވެއެވެ. ފައިސާއަށްޓަކައި އިންސާނުން މަރާލެވެއެވެ. މީސްތަކުން ފައިސާގެ އަޅުންނަށް ހަދާލެވެއެވެ. ފައިސާއަށް ނުކުރެވޭ ހަމަ އެއްކަމެއްވެސް ނެތެވެ. އެއްޗަކީ ފައިސާއެވެ. އެފައިސާޔާއި މިފައިސާއެވެ. ހަލާލެއް ހަރާމެއް އަނބިމީހާވެސް އެހުމެއް ނުވާ ފައިސާއެވެ. އަޚުލާގުވެސް އޭގެ ފަހަތުގައި ބައްޓަންވެ ނިމިފައިވާ ފައިސާއެވެ.

21%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
14%
ރުޅި ގަދަ ވެއްޖެ
7%
މޮޔަވެއްޖެ
57%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved