ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"

އޮނަރަބްލް އަލްއުސްތާޒު އިބްރާހީމް ޝިހާބު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ މީގެ 99 އަހަރުކުރިން 22 ސެޕްޓެންބަރު 1922ގައި ފުރަމާލޭގައެވެ. 15 ޖަނަވަރީ 1988ގައި އުމުރުފުޅުން 65 އަހަރުފުޅުގައި އަވަހާރަވީ ސްރީލަންކާގައެެވެ. އެއީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ބަސްމޮށުންތެރިންގެ ތެރެއިންވެސް އެންމެ ކުރީސަފުގައި ހިމެނިވަޑައިގެންފައިވާ އިލްމުވެރިއެކެވެ. އެންމެ ބަލާޣާތްތެރި އެންމެ ފަސާހަތްތެރި މުގައްރިރުގެ ގޮތުގައި 1940ގެ އަހަރުތަކުން 1980ގެ އަހަރުތަކަށް 40ށް ވުރެ ގިނަ އަހަރު، ދިވެހި ގައުމުގެ އެންމެ މުހިންމު ޖަލްސާތަކާއި ބައްދަލުވުންތަކާއި އިހިތިފާލުތަކުގައި އެންމެ މުނާސަބު ތަގުރީރުތައް ކުރެއްވުން މަތިކުރެވިފައިވީ އެމަނިކުފާނަށެވެ. ދިވެހި ގައުމުގެ މިރޮނގުން އެއްވަނަ ރެކޯޑެވެ. އެފަދަ ދެވަނައެއް އަދި މިހާތަނަށްވެސް ނެތް ލާމަސީލު މިސާލެވެ.

އޮނަރަބްލް އަލްއުސްތާޒު އިބްރާހީމް ޝިހާބަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ޚިދުމަތްތެރި ދީނީ، ޝަރުއީ، ތައުލީމީ، ތާރީޚީ، ބަހަވީ، އަދަބީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީނުގެ ދަރިކަލަކަށް ވުމުން، އިލްމާއި މައުލޫމާތު ވާރުތައިންވެސް ވަނީ ލިބިވަޑައިގެންފައެވެ. ހަސަބާއި ނަސަބުންވެސް ރާއްޖޭގެ އެންމެމޮޅު އިލްމުވެރިކަމާއި، އެންމެ ވަސްމީރު އަދަބީ ގުލްޝަނެވެ. "ޝާއިރުއްޝަބާބު"އެވެ.

އޮނަރަބްލް އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ތަގިރީރުތަކަށް ބަލާއިރު، ބެލުންތެރިންނާއި އަޑުއެހުންތެރިން ޝައުގުވެރި ކުރުވަނިވި ގޮތްތައް ތަބީއީ ގޮތުންވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. އިލްމާއި މައުލޫމާތުގެ މުއްސަނދިކަމެވެ. މުނާސަބަތުތަކާއި އެންމެގުޅޭ ގޮތްތަކަށް ވާހަކަފުޅު ބައްޓަންކުރެއްވުމުގެ ކުޅަދާނަފުޅުކަމެވެ.

ކިތަންމެ ގިނައިރު ވާހަކަފުޅު ދެއްކެވިޔަސް ބެލުންތެރިންނާއި އަޑުއެހުންތެރިން ފޫހިވުމެއް ނުވާ ގޮތްތަކަށް މިސާލުބަސްތަކާއި ހަރުބަސްތަކާއި އަދި ޝައުގުވެރި ކުރުވަނިވި އާދަޔާ ޚިލާފު ކަންކަމުން މިސާލު ޖެއްސެވުމުގެ މޮޅުކަމެވެ. ގިނަމީހުންނަށް އާވާހަކަަތަކުން މިސާލު ޖެއްސެވުންފަދަ އެކިއެކި ވާހަކަތަކުން ވާހަކަފުޅު މުއްސަނދި ކުރެއްވުމުގެ ހުނަރުވެރިކަންވެސްމެއެވެ. އޮނަރަބްލް އަލްއުސްތާޒު އިބްރާހީމް ޝިހާބަކީ، 1950ގައި ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނީ ވަކީލުން ތައާރަފުވީއިރު 1ވަނަ ދަރަޖައިން ފާސްވި ގާނޫނީ ވަކީލެކެެވެ.

އަދި ރާއްޖޭގެ ބަރުލަމާނީ (ޕާލަމަންޓްރީ) ހަޔާތުގެ "އެންމެ އުސްތަނބު"ގެ ލަގަބު 1988ގައި އެމަނިކުފާނު އަވަހާރަވުމުން ނިސްބަ ތްކުރެވުނު 40އަށްވުރެ ގިނަދުވަހު (1946-1988) ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ ރާއްޖޭގެ ސިޔާސީ ވަރުގަދަ ޝަޚުސިއްޔަތެކެވެ. އަވަހާރަވިއިރު ހުންނެވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްގެ މަގާމުގައެވެ. އަދާކުރެއްވި އެންމެ މަތީ މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު (1975-1977) ގެ މަގާމެވެ.

35 އަހަރު ވަޒީރުކަން ނުވަަތަ އެފެންވަރުގެ މަގާމުތައް (1954-1988) އަދާކުރެއްވިއެވެ. މިގޮތުން ވަޒީރުލްމައާރިފް (މިނިސްޓަރ އޮފް އެޑިޔުކޭޝަން)، ބަންޑާރަނާއިބު (އެޓަރނީ ޖެނެރަލް)ގެ މަގާމު އަދާކުރެއްވިއެވެ. އަދާކުރެއްވި އެންމެހައި މަގާމުތަކުގައި މަގާމު ހައިސިއްޔަތުންވެސް އެމަނިކުފާނުގެ ވާހަކަފުޅު ދެއްކެވުމުގެ ހުނަރު ދައްކަވަން ޖެހިވަޑައިގަތެވެ. ހަގީގަތުގައި މިމަގާމުތައް އަދާކުރެއްވީ އަދި ލިބިވަޑައިގަތުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެމަނިކުފާނުގެ ވާހަކަދެއްކުމުގެ ހުނަރު ހިމެނެއެވެ.

އެމަނިކުފާނަކީ ޚިތާބު، ބަޔާން، ތަގުރީރު ފަދަ ވާހަކަދެއްކުމުގެ އެކިއެކި ބައިބައި ވަކިކުރެވި އެބައިބައިވެސް އެންމެ ފުރިހަމަޔަށް ތަމްސީލުވާ ގޮތުން ވާހަކަފުޅު ދެއްކެވި ލާމަސީލު މިސާލެއް ކަމުގައިވި ދިވެހި ވަތަނުގެ "ރިހިދުލުގެ ވެރިޔާ"އެވެ.

13%
އަންތަރީސް ވެއްޖެ
25%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
13%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
50%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved