ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

2,843
  • އަޅުގަނޑުމެންނާ ވާދަކުރަނީ ލާމަރުކަޒީ ނިޒާމު ކަފުންކުރަން އުޅޭ ބައެއް: ނަޝީދު
  • މާލޭގެ ހުރިހާ މައްސަލައަކަށް މި ދައުރު ނިމޭ އިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިދޭންން
  • ދިވެހިންގެ ތެރޭގައި ވަޒީފާގެ ޑިސިޕްލިން އަށަގެންނުން މުހިންމު
ޝުރުފާ މުހައްމަދު
 
އަޅުގަނޑުމެންނާ ވާދަކުރަނީ ލާމަރުކަޒީ ނިޒާމު ކަފުންކުރަން އުޅޭ ބައެއް: ނަޝީދު

މިރޭގެ ރަށްވެހިފަތިސް ކެމްޕޭން ހަރަކާތް ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅަކީ ލާމަރުކަޒީ ނިޒާމު ކަފުންކުރަން އުޅޭ ބައެއް ކަމަށާއި، ވަކިން ހާއްސަކޮށް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލި ކެންޑިޑޭޓް ޑރ. މުއިޒަކީ ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅެއް ކަމަށެވެ.

7 މާރޗް 2021 | އާދީއްތަ 22:11
ޝުރުފާ މުހައްމަދު
 
މާލޭގެ ހުރިހާ މައްސަލައަކަށް މި ދައުރު ނިމޭ އިރު ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިދޭންން

ކެންޑިޑޭޓުން ފާހަގަކުރި ހުރިހާކަމަށް ހައްލު ހޯދައިދޭން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު މައްސަލައަކަށް ފެންނަނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، މި ސަރުކާރު ނިމުމުގެ ކުރިން އެ މައްސަލަ އެކީ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ހުރި ފްލެޓުތަކުގެ ދާއިމީ ލިސްޓު ނެރުނަސްވެސް އަދިވެސް ހުރި މައްސަލަތައް ގެންނަ ވަރަކަށް ބަލާނެ ކަމަށެވެ. މިހާރު ވެސް އެފަދަ 40 ފްލެޓު ފެނިފައިވާ ކަމަށާއި އެތަންތަނަށް ވެސް ރަނގަޅު ބަދަލެއް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހައުސިން ލޯންތަކާއި މިހާރު ލިބެން ހުރި ބިންތަކުގައި ވެސް އެކި ޕްރޮޖެކްޓުތައް ހިންގުމުގެ ޕްލޭންތައް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 22:09
ޝުރުފާ މުހައްމަދު
 
ދިވެހިންގެ ތެރޭގައި ވަޒީފާގެ ޑިސިޕްލިން އަށަގެންނުން މުހިންމު

ދިވެހިންގެ ތެރޭގައި ވަޒީފާގެ ޑިސިޕްލިން އަށަގެންނެވުމުގެ ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ، އެކަމަށް ބޭނުންވަނީ ދުރު ރާސްތާ ޕްލޭނެއް ކަމަށާއި އެކަމަށްޓަކާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުޑަ އިރުން ފެށިގެން އެކަންކަން ދަސްކޮށްދީ އެ އާދަތައް އަށގެންނުވުމަް ތައުލީމީ ދައުރުން ފެށިގެން ކުރެވޭނެ ކަންކަމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ،

7 މާރޗް 2021 | އާދީއްތަ 21:58
ޝުރުފާ މުހައްމަދު
 
ހުޅުމާލޭގައި އިތުރު ސްކޫލެއް އަޅަން ހަވާލުކޮށްފި

މާލޭގައި އައު ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ވާއިރަށް، އެތަން ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ސީއެޗްއެސްސީ ހުޅުމާލެ އަށް ބަދަލުކުރުމުން ޖާގަ ބޮޑު އިތުރު ދަރުވަރުންނަށް ފުރުސަތު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ،

މީގެ އިތުރަށް ހުޅުމާލޭގައި ސަލާހުއްދީން ސްކޫލް އެޅުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާއިރު ދެވަނަ ފިޔަވަހީގައި ވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

7 މާރޗް 2021 | އާދީއްތަ 21:55
ޝުރުފާ މުހައްމަދު
 
މާލޭގެ ޓްރެފިކް ކުޑަކުރަން ވަރަށް ގިނަ މަސައްކަތްކޮށްފި

މާލޭގެ މަގުތަަކުގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވައި ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ އަމީނީ މަގުގައި ހަތަރު ޕާކިން ޒޯނެއް ސޯސަން މަގުގައި ދެތަނެއް އަދި އޯކިޑް މަގުގައި ވެސް ދެތަނެއް ހަދާފައިވާކަން ޕްލޭނިން މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ. އެކަންކަން ކުރެވެނީ މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވެސް ވިދާޅުވީ ސިނަމާލެ ފްލެޓުތައް ތަޅާލަން ޖެހިފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.

7 މާރޗް 2021 | އާދީއްތަ 21:52
ޝުރުފާ މުހައްމަދު
 
މި ސަރުކާރުން މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ވެސް އެބަކުރޭ

މާލެއިން 17،000ހާ އާއިލާ ބޯހިޔަވާހިކަން ބޭނުންވާ ކަމަށް ދިރާސާތައް ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމީންގެ މަޗްރޫގައި 7،000 ފްލެޓު އަޅާފައިވާއިރު އަދި 10،000 އެބަ ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރެއިން 5،000 ޔުނިޓް މިއަހަރު ތެރޭގައި އަޅާނެ، އަދި އަނެއް 5،000 މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 1،000 ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިންޑިއާއާ އެކު 2،000 ހައުސިން ޔުނިޓުގެ މަޝްރޫގައި ސޮއިކޮށްފައިވާ ކަމަށާއި އިތުރު 2،000ޔުނިޓުގެ މަޝްރޫގައި މާދަމާ ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް 1،340 ޔުނިޓުގެ މަސައްކަތް ޗައިނާއިން މިހާރު ވެސް ކުރަމުންދާ ކަމަށާއި، ސިލޯނުގެ އިތުރަށް ބައެއް ލޯކަލް ކުންފުނިތަކާއި އިންޑިއާގެ އެހެން ކުންފުންޏަކާ އެކު ވެސް 2،000 ޔުނިޓެއްގެ ނެގޯޝިއޭޝަން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ، އަދި އެޗްޑީސީގެ ފަރާތުން 115 ޔުނިޓު ގެ މަސައްކަތް ޓެންޑާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ޖުމްލަ 15،000 ހައުސިން ޔުނިޓުގެ މަޝްރޫތައް މި ސަރުކާރުގައި ފަށާނެ ކަމަށެވެ. އެގޮތުން އަގުތައް 6،000ގައި ހިފަހައްޓަވާނެ ކަމަށާއި، މިހާރު ހުރި ފްލެޓުތަކަށް ވުރެ ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފްލެޓަށް ހުށަހެޅުމުގައި އޮތް ކްރައިޓީރިއާ ވެސް ބަދަލުކުރާނެ ކަމަށެވެ. އެކަމަށް ޑްރާފްޓެއް ހަދާފައިވާ ކަމަށާއި އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ނިމެންވާއިރު މި ޕްރޮޖެކްޓުގެ ތެރެއިން ބައެއް ތަންތަން އާންމުންނާ ހަވާލުކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެއިން ބިން ދޫކުރާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއެއްވެސް އެބައޮތް ކަމަށާއި މި އަހަރުގެ މެދު ތެރޭގައި އެ މަޝްރޫ އިއުލާންކުރައްވާނެ ކަމަށެވެ.

7 މާރޗް 2021 | އާދީއްތަ 21:47
ޝުރުފާ މުހައްމަދު
 
ސިނަމާލޭގެ ބައެއް ފްލެޓުތައް ތިބީ ތަޅާލަން ޖެހޭ ހާލަތުގައި

ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު އެތަންތަނުގައި މެއިންޓެނެންސް މަސައްކަތްކުރަން ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެކަން ކުރިއަށް ގެންދާނީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވިއެވެ.

އަދި އެކަމަށް ބޭނުންވާ ބަޖެޓު ހަވާލުކޮށް ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން ބައެއް ތަންތަން ހުރީ ތަޅާލަން ޖެހޭ ހާލަތުގައި ކަމަށާއި، އެކަން ވެސް ކުރަން ވިސްނަމުންދާ ކަމަށް ވިދާޅުވިއެވެ.

އެކަން ކުރާ ނަމަ އެތަނުގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށް އެތަންތަން ތަޅާލައި އިތުރަށް ތަރައްގީ ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 21:35
ޝުރުފާ މުހައްމަދު
 
ނަފްސާނީ ބައްޔަށް ފަރުވާދޭން ރާއްޖެއިން ބޭރުން ރޮޓޭޓް ޑޮކްޓަރުން ގެންނަނީ

ރައީސް ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން އެ ހިދުމަތް ބޭނުންވެފައިވާ ވަރު ގިނަކަން ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗްުގައި ހުރި ނަފްސާނީ ބަލީގެ ކްލިނިކަށް ބާރުބޮޑުވެފައިވާ ވަރު ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދާއިރާއަށް ޑޮކްޓަރުން ހޯދުމުގައި ވެސް ވަރަށް ބޮޑު ދަތިތައް އެބަހުރި ކަމަށެވެ. އެހެންވެ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ރޮޓޭޓް ޑޮކްޓަރުން އައޖީއެމްއެޗްއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 21:25
ޝުރުފާ މުހައްމަދު
 
މިދިޔަ ދެ އަހަރު ތެރޭގައި 12،000ށް ވުރެ ގިނަ ވަޒީފާ އުފެދުނު

ރާއްޖޭގައި ވަޒީފާތައް އަލަށް އުފެއްދުމާއި ޒުވާނުން ވަޒީފާއަށް ނެރުމާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ޓިވެޓް އޮތޯރިޓީއާ ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް ނިންމާ ދަރިވަރުންނަށް އެ ކުންފުނިތަކުން ވަޒީފާ ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު 8،308 އައު މުވައްޒަފުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރު 4،250 އައު މުވައްޒަފުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ މިދިޔަ ދެ އަހަރު އެނގިގެން ދީފައިވާ އައު ވަޒީފާތައް ކަމަށެވެ. އަދި ބައެއް އެހެން ވަޒީފާތައް ވެސް އުފައްދާ ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 21:17
ޝުރުފާ މުހައްމަދު
 
ވިލިމާލޭގައި އުސް އުމާރާތްތައް އެޅުމާ ގުޅިގެން މަޝްވަރާކުރަނީ

ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ވަރަށް ބޮޑު ކަމަށް އެ ދާއިރާގެ ކެންޑިޑޭޓު ފާހަގަކުރެވިއެވެ. އެގޮތުން އެ ރަށުގައި އުސް އިމާރާތްތައް ނޭޅުމުގެ ސަބަބުން ކުއްޔަށް އުޅެން ޖެހުމާއި، އަދި ލޯނު ނަގައިގެން އަޅާ ގެތަކުން ފައިދާއެއް ނުލިބި ދެކޮޅު ނުޖެހޭ މައްސަލަތައް ވެސް އެ ދާއިރާގެ ކެންޑިޑޭޓު ފާހަގަކުރެއްވިއެވެ.

އެ މައްސަލަތަކާ ގުޅިގެން ރައީސް ސާލިހު ވިދާޅުވީ ވިލިމާލޭގައި 8 ބުރީގެ އިމާރާތް އަޅައި ބައެއް ފަންގިފިލާތައް ވިޔަފާރިއަށް ދޫކުރުމާ ގުޅިގެން ކައުންސިލްތަކާ ގުޅިގެން މަޝްވަރާކޮށް އެކަމަށް ފުރުސަތު އޮތްތޯ ބަލައި އެކަން ކުރައްވާނެ ކަމަށެވެ.

މީގެ އިތުރަށް ހުޅުމާލެ ހޮސްޕިޓަލެކޭ އެއްގޮތަށް ވިލިމާލެ ހޮސްޕިޓަލް ވެސް ވަކިކޮށް، ވަކި ބަޖެޓެއް ހަދައި ތަރައްގީކުރުމުގެ މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 21:12
ޝުރުފާ މުހައްމަދު
 
ތާޖުއްދީން ފަހަތުގައި އަޅާ އިމާރާތްތައް ހުޅުމާލެއަށް ބަދަލުކުރަން މަސައްކަތްކުރަނީ

ރައީސް ސޯލިހު ވިދާޅުވީ އެ ސަރަހައްދުގައި ކުރިން ޕްލޭން އޮތީ 25 ބުރީގެ އުމާރާތެއް އެޅުމަށް ކަމަށެވެ. އެކަމަކު އޭގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑު މައްސަލަތަކެއް ދިމާވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ހައްލުކުރަން އެ މަގު އެއްކޮށް ހުޅުވާފައިވާ ކަމަށާއި، އެކަން ހައްލުކުރެވެން އޮތީ އެ މަޝްރޫ ދެބައި ކުޅަ އެއް ބަޔަށް ކުޑަ ކުރުން ނުވަތަ ހުއްޓާލުން ކަމަށެވެ. ހުއްޓާލައިފި ނަމަ ބަދަލުދޭން ޖެހޭނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެތަން ހުޅުމާލެ އަށް ބަދަލުކުރުމުގެ މަޝްވަރާކުރައްވާ ކަމަށެވެ.

7 މާރޗް 2021 | އާދީއްތަ 21:10
ޝުރުފާ މުހައްމަދު
 
ރިލްވާންގެ މައްސަލަ މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވޭ

ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭގޮތުން މާފަންނު އިތުރު ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅާގުޅިގެން ވިދާޅުވީ މަރު ކޮމިޝަނުން އެކަމުގެ އަޕްޑޭޓްތައް އާއިލާއަށް ބާރަބަރަށް އަރުވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ބޭރުގެ އެކްސްޕާޓަކާ ގުޅިގެން ކުރާ މަސައްކަތް ކަމަށާއި ރާއްޖެއިން ބޭރަށް ބައެއް ސާމްޕަލްތައް ފޮނުވައި ޓެސްޓު ކުރުމުގެ މަރުހަލާތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކޮޅުން އެދުނީ މުޅި މައްސަލަ ނިންމައި މުޅި ރިޕޯޓެއް ނެރެން އެއް އަހަރު ކަމަށެވެ. މިއީ ބުރަ ބޮޑު މަސައްކަތެއް ކަމުން މިހާރު މަޑުކުރަނީ އެއް އަހަރުގެ މުއްދަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 21:00
ޝުރުފާ މުހައްމަދު
 
ވަޒީފާގެ މައްސަލަ ހައްލުކުރަން ދިވެހިންނަށް އިސްކަންދެން

ރާއްޖެއަށް ބޭރުން މަސައްކަތްތެރިން ގެންނަ އިރު އެކަން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ޕޯޓަލްގައި އެފަދަ މަގާމެއް ބޭނުންވެގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ނެތް ނަމަކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މިހާރު ވެސް ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް ތިބި ބައެއް މިއުޒިޝަނުން ފޮނުވާލަން އިމިގްރޭޝަނުން ކުރާ މަސައްކަތަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

7 މާރޗް 2021 | އާދީއްތަ 20:53
ޝުރުފާ މުހައްމަދު
 
ލައިސަންސު ނެތި 18 އަހަރު ނުފުރޭ ކުދިން ނުދުއްވަން ބާރު އަޅަން ޖެހޭ

ބެލެނެވެރިން ވެސް އެންމެން ވެސް ބާރު އަޅަންވީ 18 އަހަރު ނުވަނީސް ލައިސަންސު ނެތިސް ނުދުއްވަންށެވެ.

މިހާރު އޮތް ޖޫރިމަނާތައް ހައްލުކުރުމަށް އޭޖީ އޮފީހާ މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 20:50
ޝުރުފާ މުހައްމަދު
 
ޑްރަގްގެ ވަބާގައި ޖެހޭ ކުޑަކުދިންނަށް ހާއްސަ ސެންޓަރެއް ހުޅުމާލޭގައި އަޅަން ބިން ނަގައިފި

ރައީސް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އަދަބު ދިނުން ނޫން ކަމަށާއި އެމީހުން ރަނގަޅުކޮށް މުޖުތަމައުއަށް ނެރުން ކަމަށެވެ.

އެކަމަށް ހާއްސަކޮށްގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރު އެޅުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. އަދި ނަފްސާނީ ތެރަޕީ ދިނުމަށް ވެސް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ އާއި ގއ. ވިލިނގިލީގައި އަދި ލ. ކަލައިދޫގައި ވެސް އަދި ކ ހުރާގައި އެފަދަ ކަންކަމަށް ބޭނުންވާ ސެންޓަރުތައް އަޅަން ތައްޔާރުވެފައިވާ ކަމަށެވެ. އަމާޒަކީ މުޅި ރާއްޖޭގައި ވަށާޖެހޭ ފަރުވާ ދެވޭނެ ގޮތް ހެދުން ކަމަށެވެ.

7 މާރޗް 2021 | އާދީއްތަ 20:49
ޝުރުފާ މުހައްމަދު
 
ހުޅުމާލޭގެ ހިންގުން އެޗްޑީސީން ނަގައި ކައުންސިލްއާ ހަވާލުކުރާނަން

ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓު ރިޒްނާ ޒަރީރު ދެއްކެވި ވާހަކައާ ގުޅިގެން ރައީސް ވިދާޅުވީ ހުޅުމާލޭގެ ހިންގުން އެޗްޑީސީގެ ބެލުމުގެ ދަށުން ނަގައި އެކަން ކައުންސިލްއާ ހަވާލުކުރާނެ ކަމަށެވެ. އަދި އެކަމުގައި ގާނޫނީ ހުރަހެއް ވާނަމަ ގާނޫނީ ބަދަލުވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެހިކަލް ރަޖިސްޓްރީގައި ދިމާވެފައިވާ މައްސަލަ ހައްލުކުރަން ގާނޫނީ ބަދަލުތައް ބޭނުންވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަސައްކަތްކުރާ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގައި ސިޓީ ކައުންސިލްގެ ދައުރު ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.

ހުޅުމާލެ މަގުމަތީގައި ޕާކިން މައްސަލަ އަކީ ހައްލު ނުކުރެވި އޮތް މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މުޅި މާލޭގައި ވެސް އެ މައްސަލަ ބޮޑު ކަމަށެވެ. އެކަން ހައްލުކުރަން ޕާކިން ޒޯން ހަދަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްއާ ގުޅިގެން ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުގެ ސްޓްރަކްޗާ އަދި މުސާރަ އަށް ވެސް ބަދަލު ގެންނާނެ ކަމަށް ވިދާޅުވިއެވެ.

7 މާރޗް 2021 | އާދީއްތަ 20:46
raajjemv logo

All rights reserved