ޕަރފޯމެންސް ބޭސްޑް ބަޖެޓާއި އޮޑިޓްގެ ނިޒާމެއް
ޕަރފޯމެންސް ބޭސްޑް ބަޖެޓާއި އޮޑިޓްގެ ނިޒާމެއް ތަރައްގީ ކުރަންޖެހޭ: މެންބަރު ޙުސައިން
 
މިއީ މަޖިލީހުން ބަޖެޓް ދިރާސާކޮށް، އިސްކަންދޭންޖެހޭ ދާއިރާތައް ވަޒަން ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް
 
މި ނިޒާމަށް 2022 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ހުށަހެޅޭނެ ކަމުގެ މައުލޫމާތު ލިބޭ
 
ޚިދުމަތްތަކުގެ ފެންވަރު ވަޒަން ކުރުމަށް ކީ-ޕަރފޯމެންސް އިންޑިކޭޓަރސް ކަނޑައަޅަން ޖެހޭ
ކ. މާލެ |
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ
އޮޑިޓަރ ޖެނެރަލް އޮފީސް

ދައުލަތުގެ އިދާރާތަކަށް ދޫކުރެވޭ ބަޖެޓަކީ އެ އިދާރާތަކުގެ މަގުސަދުތައް ހާސިލް ކުރުމަށް ވަކި ޓާގެޓްތަކެއް ކަނޑައެޅިގެން, ޚިދުމަތުގެ ފެންވަރު ވަކި ހަމަތަކެއްގައި ހިފެހެއްޓި, އެކަން ވަޒަން ކުރެވޭނެ ނިޒާމެއްގެ ތެރެއިން ދޫކުރެވޭ ބަޖެޓަކަށް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މެންބަރު ޙުސައިން މިހެން ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ބުރާސްފަތި ދުވަހު ފުވައްމުލަކުގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޙުސައިން ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި މިހާރު ތައްޔާރު ކުރަނީ ޕަރފޯމެންސް ބޭސްޑް, އަދި ޕްރޮގްރާމް ބޭސްޑް ބަޖެޓެއް ކަމަށާއި, ޚިދުމަތްތަކުގެ ފެންވަރު ވަޒަން ކުރުމަށް ކީ-ޕަރފޯމެންސް އިންޑިކޭޓަރސް ކަނޑައަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ނިޒާމަށް 2022 ވަނަ އަހަރުގެ ބަޖެޓް ރާއްޖޭގައިވެސް ތައްޔާރުކޮށް ހުށަހެޅޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި, މިއީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ދިރާސާކޮށް, އިސްކަންދޭންޖެހޭ ދާއިރާތައް ވަޒަން ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ރައްޔިތުން އެދެނީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުން ކަމަށާއި ދައުލަތުގެ އިދާރާތަކަށް ކުރެވޭ ހޭދައާ އެއްވަރުގެ ނަތީޖާއެއް ހާސިލް ކުރެވެމުން ދޭތޯ ބަލަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ނިޒާމް ފުރިހަމަ އަށް ހިންގުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދައުރު ވަރަށް ވެސް މުހިންމު ކަމަށާއި އިދާރާތަކުގެ ޕަރފޯމެންސް އޮޑިޓްތަކުން މިކަންކަން ފާހަގަ ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސް.އޯ.އީ ކޮމިޓީ)އިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކުންފުނިތަކުގެ އޮޑިޓްތައް އެކަށީގެންވާ އަވަސް މިނެއްގައި ކޮށް ނިންމާފައިވާކަން އެ ކޮމިޓީގެ ނައިބު މުޤައްރިރުގެ ހައިސިއްޔަތުން ފާހަގަކޮށް, އެ އޮފީހަށް ޙުސައިން ޝުކުރު އަދާ ކުރެއްވިއެވެ. އަދި އެކައުންޓިންގ ދާއިރާއިން ތަމްރީން ލިބިފައިވާ ހުނަރުވެރި އެކައުންޓެންޓުން ބިނާކުރުމަކީ މި ނިޒާމަށް ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ގޮތެއްގައި ރައްޔިތުންނާ ގާތުން އޮޑިޓްގެ ޚިދުމަތް ދިނުމަކީ ދައުލަތުގެ އިދާރާތަކުގައި ހުރި މައްސަލަތައް ފާހަގަވެ، ރައްޔިތުންނާއި އެ ރަށެއްގެ ސަގާފަތް ދަސްވެ، އޮޑިޓްގައި އިސްކަންދޭ އޭރިއާތަކަށް ފަސޭހަ ވެގެންދާނެ ކަމެއްކަން ފާހަގަކޮށް ޙުސައިން ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ތައުރީފުކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި އެ އޮފީހުން ދޭ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved