އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް
ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރަންޖެހޭ: އޮޑިޓަރ ޖެނެރަލް
 
ޕަރފޯމެންސް އޮޑިޓްތައް އިތުރަށް ފުޅާކުރަން ޖެހޭ
 
މަޖިލީހުގެ އެއްބާރުލުމާ ނުލައި ދައުލަތުގެ ކުންފުނިތަކާއި އިދާރާތައް ޒިންމާދާރެއް ނުކުރެވޭނެ
 
ކުރިން ފެންނަމުން ދިޔަ ވަރަށްގިނަ މައްސަލަތައް މިހާރު ވަނީ މަދުކުރެވިފައި
ކ. މާލެ |
ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވާހަކަދައްކަވަނީ
އޮޑިޓަރ ޖެނެރަލް އޮފީސް

ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒްކޮށް ހަރުދަނާ ކުރަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ އެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް ފުވައްމުލަކުގައި ބުރާސްފަތި ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނިޔާޒީ ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީސް ޤާއިމްވެ، އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ވެދެވުނު އެހީތެރިކަމުގެ ސަބަބުން މި ސަރަހައްދުގެ އިދާރާތަކުން އޮޑިޓް ކުރުމުގައި ކުރިން ފެންނަމުން ދިޔަ ވަރަށް ގިނަ މައްސަލަތައް މަދުވެފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ލޮކްޑައުންއާއެކު ތަޖުރިބާ ކުރެވުނު އެންމެ މުހިންމު ކަމަކީ ދައުލަތުގެ އިދާރާތަކުގެ ފައިސާ ބެލެހެއްޓުމުގެ ކަންތައްތައް ކޮމްޕިއުޓަރައިޒްކޮށް ހަރުދަނާ ކުރުންކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ޖަލްސާގައި ކުރީގެ އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ މަޖިލީހުގެ އެއްބާރުލުން ނުލައި ދައުލަތުގެ ކުންފުނިތަކާއި އިދާރާތައް ޒިންމާދާރު ނުކުރެވޭނެ ކަމަށެވެ. އަދި އިދާރާތަކުގެ މާލީ ކަންކަން ހަރުދަނާކޮށް މިހާރު އޮޑިޓަރ ޖެނެރަލްގެ މިސްރާބަކަށް ވާންވާނީ ޕަރފޯމެންސް އޮޑިޓްތައް އިތުރަށް ފުޅާކުރުން ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީސް ޤާއިމް ކުރެވުނީ 2015 ވަނަ އަހަރުގައެވެ. އަދި އެ އޮފީހުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ގއ., ގދ., ޏ އަދި އައްޑޫ ސިޓީގެ 151 އިދާރާގެ އޮޑިޓް މަސައްކަތް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved