ރައީސް އޮމަދޫ ކައުންސިލްއާ ބައްދަލުކުރެއްވުން
ރައީސް އޮމަދޫ ކައުންސިލާ ބައްދަލުކުރެއްވުން: މިއީ ރައީސަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރު!
 
ސިއްޚީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވި
 
ރަށުގެ ބަނދަރު ހަލާކުވުމާއި، ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ސަމާލުކަމަށް ގެންނެވި
 
ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި
ކ. މާލެ |
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އދ. އޮމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ މިއީ އެ ކައުންސިލްގެ ތާރީޚުގައި ވެސް ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުސަތުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި ރަށުގެ ބޮޑުބައެއް ގިރަމުންދާތީ އެކަމުގެ ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ޚިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މި ބައްދަލުކުރުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ބަޖެޓު ކުރެވިފައިވާކަމަށާއި، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
100%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved