ނެޓްބޯޅަ ކޯޓުގެ މަސައްކަތް
ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު އިތުރަށް ތަރައްގީކުރަނީ
 
ޗޭންޖިން ރޫމާއި ސިޑިބަރި އެޅުމުގެ މަސައްކަތްކުރާނެ
 
ނެޓްބޯޅަ ކޯޓުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައި
ކ. މާލެ |
ނެޓްބޯޅަ ކޯޓުގެ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު ބައްލަވާލައްވަނީ
ކުޅިވަރާ ބެހޭ ވުޒާރާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ކައިރީ އޮންނަ ހުސްބިމުގައި އަޅާ ބައިނަލްއަގުވާމީ ނެޓްބޯޅަ ކޯޓުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެއާއެކު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެ ކޯޓު ބައްލަވާލައްވާފައެވެ.

ނެޓްބޯޅަ ކޯޓުގައި ހުންނަވާ "ރާއްޖެ.އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ނެޓްބޯޅަ ކޯޓު އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ޗޭންޖިން ރޫމާއި، ސިޑިބަރި އެޅުމުގެ ވިސްނުން އެބަހުންނެވި ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު މި ފެންނަނީ ސަރުކާރުން ހަމައެކަނި ފުޓްބޯޅައަށް އިސްކަން ދިނުމުގެ ބަދަލުގައި، ހުރިހާ ކުޅިވަރަކަށްވެސް ކަންކަންކޮށްދޭ މަންޒަރު ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު - ކުޅިވަރާ ބެހޭ ވުޒާރާ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) ގެ ރައީސް ފަޒުނާ ޖަލީލް ވިދާޅުވީ މިއީ ނެޓްބޯޅަ އާއިލާ ފެށުނީއްސުރެ ކުރަމުންދިޔަ އުއްމީދެއް ކަމަށާއި، އަދި މި ކޯޓަކީ ނެޓްބޯޅަ އާއިލާއިން އުއްމީދު ކުރިވަރަށްވުރެ ފުރިހަމަ ކޯޓެއް ކަމަށެވެ. އަދި ނެޓްބޯޅަ ކޯޓާއެކު ނެޓްބޯޅައިގެ ކުރިމަގު ފެންނަ ކަމަށާއި، މިއާއެކު ނެޓްބޯޅަ ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފަޒުނާ ވަނީ ކުޅިވަރާ ބެހޭ ވަޒީރަށާއި، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަސްހަދު އަލީއަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އަޅަމުން އަންނައިރު، މީގެ ކުރިން ނެޓްބޯޅަ މުބާރާތްތައް ބާއްވަމުން އައީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓާއި، އެ މަރުކަޒުގެ ބޭރު ކޯޓުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved