މަގޭ ރިޕޯޓް
ސެކިއުރީޓީ ދިނީމަވެސް ސަލާމަތެއް ނެތް، ނުދީވެސް ސަލާމަތެއް ނެތް، ރަނގަޅު އެއްގޮތެއްވެސް ނެތް!
 
ރައީސް ނަޝީދު މި މަހުގެ 11ވަނަ ދުވަހު އަމިއްލަ ވަޒަނަށް ވަޑައިގެންވީ ގާތްގަނޑަކަށް 5 މަސް ދުވަހު ފަރުވާ ހޯއްދެވުމަށްފަހު
 
ސެކިއުރިޓީ ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތް މަންޒަރަކީ އިދިކޮޅު މެމްބަރުންނަށް އެހާ ފަސޭހަ މަންޒަރެއް ނޫން
 
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު އޭރުގެ ރައީސް ކޮންމެ ރަށަކަށް ވަޑައިގަތަސް މިލިއަނުން ޚަރަދުކުރި
ކ. މާލެ |
ރައީސް ނަޝީދަށް މިހާރު ދެމުން ގެންދަނީ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ
ރާއްޖެއެމްވީ

ރައްޔިތުންގެ  މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވައިގެން މެއި މަހުގެ 6 ވަނަ ދުވހު ދިން ނިރުބަވެރި ހަމަލާއަށްފަހު ގިނަ ކަންތައް ތަކެއް ނިއުޅިގެން ދިޔައެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގާއި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހަދާފައިވާ އިންކުއަރީ ރިޕޯޓުގައި ހުރި ކަންކަމަކީ ހަމަ ހަގީގަތްބާއޭ ހިތަށްއެރި ފަހަރުވެސް ދިޔައެވެ. ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް އެކި ފަހަރު މަތިން ހަމަލާތައް ރޭވިކަން ރިޕޯޓުން އެނގެއެވެ. އެހެން ކަމުން އެމަނިކުފާނަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ދޭން ޖެހެއެވެ. މިއީ ރާއްޖެ ނޫން އެހެން ގައުމުތަކުގައިވެސް ކަން ހިނގާ އުސޫލެވެ. ދައުލަތުގެ މަތީފަންތީގެ ވެރިންނަށް އެ ބޭފުޅެއްގެ ތްރެޓް ލެވެލަށް ބަލައި ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހެއެވެ.

މޭ6ގެ ހަމަލާއަށްފަހު ރައީސް ނަޝީދު މި މަހުގެ 11ވަނަ ދުވަހު އަމިއްލަ ވަޒަނަށް ވަޑައިގެންވީ، ގާތްގަނޑަކަށް 5 މަސް ދުވަހު ފަރުވާ ހޯއްދެވުމަށްފަހުއެވެ. ރާއްޖެ ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައިސް ދިރުއުޅުއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަސްމީ ގެކޮޅު "މުރައިދޫ"ގެ އަދި ނުނިމެއެވެ. އެހެންކަމުން ވަގުތީ ގޮތުން އެމަނިކުފާނު މަޑު ކުރައްވަނީ ހޮޓެލް ޖެންގައެވެ. އެއީވެސް ސެކިއުރިޓީ ސަބަބުތަކަށްޓަކައެވެ. އަމިއްލަ ގެކޮޅުގައި އުޅުއްވަން ޚުދު ރައީސް ނަޝީދުވެސް ބޭނުންފުޅުވެއެވެ. އެހެންނަމަވެސް މިހާރު ހާލަތު ހުރި ގޮތުން އެކަން އެގޮތަށް ވާން ނެތްކަން ޚުދު އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވައެވެ. އަދި ދިވެހި ސަރުކާރުން ސަލާމަތީ ކަންކަން އިންތިޒާމު ކުރައްވާފައިވަނީ ވަރަށް ފުރިހަމައަށްކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.

އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މެއި6ގެ ހަމަލައާ ގުޅިގެން މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެންގެވުމާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގެ ރައީސަށް ހަމަޖައްސާދީފައިވަނީ، މ.މުރައިދޫގެއެވެ. އުއްތަމަފަނޑިޔާރަށް ހަމަޖައްސާދީފައިވަނީ ރެހެންދި އެޕާޓްމެންޓް ކޮމްޕްލެކްސް އިން އެޕާޓްމެންޓެކެވެ.

ކޮންމެއަކަސް ރައީސް ނަޝީދަށް ސެކިއުރިޓީ ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތް މަންޒަރުތައް މިއީ އިދިކޮޅު މެމްބަރުންނަށް އެހާ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ރައީސް ނަޝިދުގެ ސެކިއުރިޓީއަކީ މިހާރު ދައުލަތުން ކުރައްވާ ބޭކާރު ޚަރަދެއް ކަމަށް އިދިކޮޅު މެމްބަރުން ސިފަ ކުރައްވާ އިރު، ހަމަލާއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުގެ ހަނދާން އައު ކޮށްލަމާ ހިނގާށެވެ. ރައީސް ނަޝީދަށް މާ ހެޔޮ އެދޭ ކަމަށް ދެއްކުމުގެ ގޮތުން ދައުކަތުން ސެކިއުރިޓީ ފޯރުކޮށް ނުދޭ ކަމަށް އެންމެ އަޑު ގަދަކޮށް މަޖިލީހުގެ ތަޅުމުގައ ވިދާޅުވީވެސް ހަމަ ތިޔަ މެމްބަރުން ނޫންތޯއެވެ. މިހާރު އެ ހަމްދަރުދީއާ ކަން ބޮޑުވުމާ ނެތީތޯއެވެ. އެހެންނޫނީ އެއީ ހަމަ ދައްކާލި ވާހަކައެއްތޯއެވެ.

ސެކިއުރިޓީގެ ވާހަކަތައް އެންމެ ގިނައިން ދެއްކެވި ބޭފުޅަކަށް ހަމަގައިމުވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާނެއެވެ. ކޮންމެ  ދުވަހެއްގެ ޖަލްސާގައިވެސް، ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު މަގު ހުސްނުކުރެވި އޮތް ވާހަކައާއި، ރައީސް ނަޝީދުގެ ސެކިއުރިޓީ ދިނުމުގައި ޖޭމަރ ނެތުމުގެ ވާހަކައާއި، ދެން މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އޮތިއްޔާ އޮތްހާ ވާހަކެއް ދެއްކެވިއެވެ. މިއަދު އެމަނިކުފާނު ގައުމަށް އެނބުރި ވަޑައިގަތުމުން އެމަނިކުފާނުގެ ހަށިކޮޅުގެ ރައްކާތެރިކަމަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ ފެށުމުން އެކަން ޚަރަދަކަށްވެގެން އެވާހަކަ ތިޔަ ބޭފުޅުން ދެއްކެވުމުން ދޭހަވަނީ މުޅިން އެހެން ކަމެކެވެ. އޭރު ދެއްކެވި ވާހަކަފުޅަކީ މުޅިން ބައެއްގެ ލޮލުގައި އަނދުނެއް އެޅުވުމަށް އަދި މާ ހެޔޮއެދޭ ކަމަށް ހެދިގެން ދެއްކެވި ވާހަކަތަކެއް ކަމެވެ.

އަނެއްކާވެސް ތިޔަ ބޭފުޅުންގެ ވެރިކަމާ ހިސާބަށް ފަހަތަށް ޖެހިލަމާ ހިނގާށެވެ. ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު އޭރުގެ ރައީސް ކޮންމެ ރަށަކަށް ވަޑައިގަތަސް ދައުލަތުން މިލިއަނުން ޚަރަދު ކުރިއެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކަށް ހަތިޔާރު އެޅި ސިފައިން ދެއެވެ. ކޮންމެ ރަށެއްގައި މެޓަލް ގޭޓް ބަހައްޓައެވެ. ކޮންމެ ރަށަކަށް މާލެއިން އެތައް ވެހިކަލެއް ގެންދެއެވެ. އަދި ނިމުނީއެއް ނޫނެވެ. ކޮންމެ ރަށަކަށްވެސް އަތައް ދުވަހެއް ކުރިން ސިފައި ގެންގޮސް މުޅިރަށް އެފުށް މި ފުށަށް ޖަހައެވެ. ރައީސްގެ އަރިހުގައި އެ ދަތުރުފުޅުތަކުގައި ތިޔަ ބޭފުޅުން ދަތުރުކުރެއްވިއިރު، އެ ޚަރަދުތަކުގެ ވާހަކަ ނުދެއްކީ ކީއްވެތޯއެވެ. އޭރު އެއީ ޚަރަދެއް ކަމަށް ނުފެނުނީތޯއެވެ. މިއަދު ރައްޔިތުންގެ އެތައް ބަޔަކު ދަތުރުކުރާ ހާމަ މަގެއްގައި ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވެ ގައުމަށް އެނބުރި ވަޑައިގަތުމުން އެމަނިކުފާނަށް ދައުލަތުން ފޯރުކޮށްދޭ ރައްކާތެރިކަން ޚަރަދެއްގެ ގޮތުގައި ސިފަކުރެއްވުމުން ހަމަ ހައިރާން ވެއެވެ.

ދެން އޮތީ ރައީސް ޔާމީންގެ ވެރިކަމުގައި ނާއިބުރައީސް ކަމުން ވަކި ކުރެއްވި ޑރ. ޖަމީލްގެ ވާހަކައެވެ. ދެ ފަހަރަކު އެއް ވާހަކަފުޅެއް ނުދައްކަވައެވެ. އެއް ފަހަރު ވިދާޅުވާ ވާހަކަފުޅު ދެވަނަ ފަހަރަށް ހަނދާން ނެތެނީ ކަމަށްވެދާނެއެވެ. ރައީސް ނަޝީދަށް ގަނޑުވަރަކާއި ހޮޓަލާއި ސެކިއުރިޓީއަށް ކުރާ ޚަރަދު އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދަށްވުރެ ބޮޑު ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ސެކިއުރިޓީގެ ބައެއް ފޮޓޯތައް ހިމެނޭ ގޮތަށް ޖަމީލް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އަދި މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ ކަމަށާއި، ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދެވުމަށްވެސް ޓްވީޓްގައި އެދިވަޑައިގެންފައިވެއެވެ. ޖަމީލަށްވެސް އެންމެ ފަހުން މިކަމުގައި އެއްޗެށް ވިދާޅު ނުވެ ނުހުންނެވުނީއެވެ. ޖަމީލްމެން ފަދަ ބޭފުޅުން މިހާރު މިހެން ވިދާޅުވާއިރު، ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ނުވެގެން ޚުދު ޖަމީލްވެސް ވާހަކަފުޅު ދެއްކެވިއެވެ. 

އުތުރު ކޮރެއާގެ ލީޑަރުގެ ސެކިއުރިޓީ އޭ، މަދީ ހެލިކޮޕްޓަރާއި އަސް ގާޑިޔަލޭ ބުނެ ހަޖޫ ޖެހުން އެއީ ތިޔަ ބޭފުޅުންނަށް ކުރައްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ކަންތައް ތޯއެވެ. އޭގެ ބަދަލުގައި ކުޑަ ދިރާސާއެއް ހެއްދެވުންވެސް ރަނގަޅުވާނެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މަތީ ފަންތީގެ ސެކިއުރިޓީ ދޭއިރު، ހެލިކޮޕްޓަރުވެސް އޭގެތެރޭގައި ހިމެނެއެވެ. އެހެންކަމުން ތިޔައީ އަމިއްލަ ނަފްސަށް ކުރައްވާ މަލާމާތެކެވެ. އޭރު ވިދާޅުވީ، ސެކިއުރިޓީ ނުދޭ ވާހަކައެވެ. ސެކިއުރިޓީ ދީގެންވެސް ސަލާމަތެއް ނެތެވެ. ތިޔަ ބޭފުޅުންނަށް ހަމަ ރަނގަޅު އެއް ގޮތެއްވެސް ނޯންނާނެއެވެ. މިހާރު މިއޮތީ ދުވަންވީ ސެކިއުރިޓީ ކަމެއް ނުވަތަ ރައީސް ނަޝީދު ކަމެއް ނޭގޭ ހާލަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
17%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
33%
ރުޅި ގަދަ ވެއްޖެ
25%
މޮޔަވެއްޖެ
25%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved