އުރީދޫ ސާފް ޗެމްޕިއަންޝިޕް
ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟
 
ރާއްޖެއަށް އިންޑިޔާ ބަލި ނުކުރެވުމުގައި ފާހަގަ ކުރެވުނު ސަބަބުތަކެއް ހުރި
 
އިންޑިޔާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފައި
ކ. މާލެ |
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ

ކޮންމެ ކުޅިވަރެއްގައިވެސް އޮންނަނީ މޮޅުވުމާއި ބަލިވުމެވެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް އަބަދު މޮޅެއް ނުވެވެއެވެ. ހަމައެގޮތަށް އަބަދު ބައްޔެއްވެސް ނުވާނެއެވެ. ކުޅިވަރު ކުޅިވަރަކަށް ވަނީ ވެސް މޮޅުވުމާއި ބަލިވުން ހިމެނޭތީއެވެ. ވާދައިގެ ރޫހު ހިމެނޭތީއެވެ. މޮޅުވެގެން ނިމޭފަހަރު މޮޅުވީ ކީއްވެގެންތޯ އަހައި ސުވާލުކުރުމެއް ނޯވެއެވެ. އެހެންނަމަވެސް ބަލިވެގެން ނިމުނީމާ އެބައްޔެއްގެ އަސްލަކީ ކޮބައިތޯއާއި މޮޅުވުމަށްޓަކައި ނުކުރެވުނީ ކޮންކޮން ކަންތަކެއްތޯ އަހައި ސުވާލުކުރުން އޮވެއެވެ. ޚާއްސަކޮށް ޓީމު ކުޅިވަރުތަކުގައެވެ. މި އުސޫލުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބުދަދުވަހުގެ ރޭ ގަލޮޅު ދަނޑުގައި އިންޑިޔާއަތުން ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވީ ކީއްވެގެންތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރެއެވެ.

ފުޓްބޯޅަޔަކީ ދިވެހިރާއްޖޭގައި އެންމެ މަގްބޫލު ކުޅިވަރެވެ. ބައިނަލްއަގުވާމީ ކުޅިވަރުގައި ދިވެހިންނަށް އެންމެ ބޮޑު ފަޚުރަކާއި އުފަލެއް ލިބިފައިވަނީވެސް ފުޓްބޯޅައިގައެވެ. އެހެންކަމުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމަކީ އެއްވެސް ބަޔަކު އިސްތިސްނާ ނުކޮށް އެންމެހައި ދިވެހީންގެ ވިންދާއި ގުޅިފައިވާ ޓީމެވެ. ގައުމީ ޓީމުގެ މެޗުތަކަށް މުޅި ރާއްޖެ އިންތިޒާރު ކުރެއެވެ. މެޗު ކުޅޭ ގަޑީގައި މުޅި ރާއްޖެ ހުއްޓުމަކަށް އާދެއެވެ. މޮޅުވެގެން ނިމިއްޖެނަމަ މުޅި ގައުމު އުފަލުން ނަށައެވެ. ބަލިވެއްޖެނަމަ އެކަން އެގޮތަށް މެދުވެރިވި ސަބަބުތަކާ ދޭތެރޭ ވިސްނައި ސުވާލުކުރުން އޮވެއެވެ. މުޅި ގައުމުގައި މޮޅިވެރިކަމުގެ ސާލެއް ލެވިގެންދެއެވެ. ދެންފަހަރަކު ރަގަޅުކުރާންވީ ދާއިރާތަކާމެދު ބަހުސްކުރުން އޮވެއެވެ. ބުދަދުވަހުގެ ރޭ ދިވެހިރާއްޖެ ބަލިވެ ފައިނަލުން ކެޓުމުންވެސް އެކަހަލަ ސާލެއް ވަނީ ލެވިފައެވެ.

ފުޓްބޯޅަޔަކީ އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނަތީޖާ ބައްޓަންވާ ކުޅިވަރެއް ނޫނެވެ. މި ސަރަހައްދުގެ އެންމެ ބައިބޯ ގައުމުކަމަށް އިންޑިޔާ ވެފައި އަދި މިސަރަހައްދުގެ އެންމެ ބައިމަދު ގައުމަކަށް ދިވެހިރާއްޖެވުމަކީ ދިވެހިރާއްޖޭގެ މައްޗަށް އިންޑިޔާ މޮޅުވާން ލާޒިމުކުރާ ކަމެއް ނޫނެވެ. ފުޓްބޯޅައިގައި މޮޅުވުމާއި ބަލިވުން އޮންނަނީ ހުނަރާއި ރޭވުންތެރިކަމާއި ހިތްވަރާއި މަސައްކަތުގެ މަތީގައެވެ. އެގޮތުން ވިސްނީމާ މިދެންނެވި ރޮނގުރޮނގުން ދިވެހި ޓީމަށްވުރެ އިންޑިޔާގެ ޓީމު މިފަހަރު މޮޅީ ކަމަށް ބުނެފައި ނިންމާލެވިދާނެއެވެ. އެކަމަކު އެވަރަކުން އަދި ނުފުދޭނެއެވެ. ދިވެހި ޓީމަށް މޮޅު ނުވެވުނީ ދަނޑުމަތީގައި އިންޑިޔާ ޓީމަށްވުރެ މޮޅަށް ކޮންކޮން ކަންތަކެއް ނުކުރެވިގެންތޯ ބަލައިލަންވެސް ޖެހޭނެއެވެ. ބަލިވާން މެދުވެރިވި ސަބަބުތަކަށް ބަލައިލަން ޖެހޭނެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއަކީ އިންޑިޔާ ނަގާފައި ދެން އެންމެ ކާމިޔާބު ގައުމެވެ. މުބާރާތުގެ ފައިނަލްގައި ފަސްފަހަރު ވާދަކޮށް ދެފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެ ދެފަހަރުވެސް މޮޅުވެފައިވަނީ ފައިނަލުގައި އިންޑިޔާއާ ވާދަކޮށްގެންނެވެ. ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ އެންމެ ގިނައިން ބަލިވެފައިވަނީވެސް އިންޑިޔާ އަތުންނެވެ. މިފަހަރު ދިވެހިން ނުކުތީ މަގޭ މަހަލްދީބުގެ ޝިއާރުގެ ދަށުން މިއީ އެފަހަރޭ ތިންވަނަ ފަހަރޭ ބުނެ ތަށި ދިފާއު ކުރުމަށެވެ. މީގެ ހަތަރު އަހަރު ކުރިން ބޭއްވުނު މުބާރާތުގައި ދިވެހިން ހާސިލްކުރި ތަށި ދިފާއު ކުރުމަށެވެ. ތިންވަނަ ފަހަރަށް އެތަށި ރާއްޖޭގައި ބެހެއްޓުމަށެވެ. އެކަމަކު މިއީ އެފަހަރު ކަމަކަށެއް ނުހެދުނެވެ. އަނެއްކާވެސް އިންތިޒާރު ކުރަން މިޖެހުނީ ދެން އަންނަ ފަހަރަކަށެވެ. މިފަހަރު ލިބުނު ތަޖުރިބާއަކީ އެފަހަރަކަށް ނުހަނު ބޭނުންތެރި ފިލާވަޅަކަށް ވެސް ވެދާނެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ބަލިވީ ކީއްވެގެން ހެއްޔެވެ. ބަލިވުމުގެ ސިއްރަކީ އިންޑިޔާ ޓީމާ އެއްވަރަކަށް މަސައްކަތް ނުކުރެވިގެންނެވެ. މެޗަށްޓަކައި ރޭވި ރޭވުން އެންމެ މޮޅަށް ތަންފީޒު ނުކުރެވިގެންނެވެ. ގޯސްތަކެއް ހެދިގެންނެވެ. ދިވެހިންގެ އަމިއްލަ ގޭމުގެ ބާރު އިދިކޮޅު ޓީމުގެ މައްޗަށް ނުހިންގިގެންނެވެ. އެހެން އެކަންވީމާ އިދިކޮޅު ޓީމުން އެއޮތީ ރާއްޖެ ކޮޅަށް ތިން ގޯލް ޖަހައިފައެވެ. އިންޑިޔާކޮޅަށް ރާއްޖެއަށް ވައްދައިލެވުނީ އެންމެ ގޯލެކެވެ. މެޗު ފެށުނީއްސުރެ ނިމެންދެންވެސް މެޗުގެ ކޮންޓްރޯލް އޮތީ އިދިކޮޅު ޓީމުގެ އަތުގައެވެ. ދިވެހިންނަށް ދިވެހިންގެ ގޭމް ޖައްސަން އިންޑިޔާގެ ޓީމުން މާބޮޑު ފުރުސަތެއް ނުދެއެވެ. އިންޑިޔާއިން ރާއްޖެ ކޮޅަށް ޖަހާފައިވާ ގޯލްތަކަށް ވިސްނާއިރު އަދި އެހެން ވާހަކައަކަށް ވެސް ޖާގަ ލިބެއެވެ.

ދިވެހިރާއްޖޭގެ ގޯލް ބެލެހެއްޓީ މީގެ ހަތަރު އަހަރު ކުރިން ސާފު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މުހައްމަދު ފައިސަލެވެ. އޭނާގެ ހުނަރާއި ތަޖުރިބާޔާއިމެދު ސުވާލުކުރާކަށް އެއްވެސް ފުރުސަތެއް ނެތެވެ. އެހެންނަމަވެސް ކީޕަރު ފައިސަލްގެ ފިޓްނަސްއާ ދޭތެރޭ ސުވާލު އުފެއްދުމަށް ޖާގަ އެބައޮތެވެ. އިންޑިޔާއާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ތިން ދުވަސްކުރިން ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ފައިސަލަށް އަނިޔާވެގެން މެޗުގެ ތެރެއިން އޭނާ ބަދަލުކުރަން ޖެހުނެވެ. ފައިސަލްގެ އަނިޔާއަކީ މީގެ ކުރިންވެސް އޭނާއަށް ކުރިމަތިލާން ޖެހުނު އަނިޔާއެކެވެ. މުޅިން ރަނގަޅުވާން ދެތިންމަސް ބޭނުންވާ ކަހަލަ އަނިޔާއެކެވެ. އެކަމަކު މިފަހަރު ފައިސަލް ދަނޑަށް ނުކުތީ އެންމެ ތިން ދުވަސް ފަހުންނެވެ.

އިންޑިޔާއިން ރާއްޖޭގެ ގޯލާ އަމާޒުކުރި ހަތަރު ބޯޅައިގެ ތެރެއިން ތިން ބޯޅަ އޮތީ ވަދެފައެވެ. އޭގެ ތެރެއިން ދެ ބޯޅަޔަކީ އެންގަލް ޝޮޓްތަކެކެވެ. އަނެއް ބޯޅަޔަކީ ތަންކޮޅެއް ދުރުން ސުނިލް ޗެތުރީގެ ބޮލުން ފޮނުވާލި ބޯޅައެކެވެ. އޭގައިވެސް ކީޕަރުގެ ޕޮޒިޝަނުގެ މައްސަލަ ފާހަގަވިއެވެ. ހުޝިޔާރު ތަޖުރިބާކާރު ގޯލް ކީޕަރަކު މުޅިން ފިޓްކޮށް ހުރެގެން ކުޅޭ މެޗެއްގައި އެ ތިން ބޯޅަޔަކީވެސް ދިފާއު ކުރާނޭ އަދި ކުރެވޭނޭ ބޯޅަތަކެކެވެ. މުޅި މެޗުގައިވެސް ފައިސަލްގެ ފައިން ބޯޅަ ޖެހުމުގެ ބަދަލުގައި އަތުން އެއްލާ މަންޒަރު ފެނިފައިވެއެވެ. މިހެން މިކަން ފެނުނީމާ ފައިސަލް ހުރީ މެޗަށް މުޅިން ފިޓްކޮށްތޯ ސުވާލު އުފެދުނެވެ. ފިޓްނޫނިއްޔާ ފިޓްކޮށް ހުރި ބަދަލު ކީޕަރު ނުނެރުނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. މި ސުވާލުގެ ޖަވާބު ދެވޭނީ ޓީމުގެ މެޑިކަލް ސްޓާފުންނަށާއި ކޯޗަށެވެ.

އިންޑިޔާ ޓީމަށް ބޯޅަ ގެއްލުނީމާ ބޯޅަ އަލުން ރިކަވަރ ކުރުމަށްޓަކައި ދަނޑުގެ ކޮންމެ ހިސާބެއް ކަމުގައިވިޔަސް ޕްރެސްކޮށްގެން ދާދި ފަސޭހައިން ބޯޅަ އަތުލާ މަންޒަރު ވަރަށް ގިނައިން ފެނުނެވެ. އުމުރުން 37 އަހަރުވެފައި ހުރި ސުނިލް ޗެތުރީ ދިވެހި ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްވެ ހުންނަން ޖާގަ ހޯދަމުން ދިޔަ މަންޒަރުވެސް ފެނުނެވެ. ދިވެހި ޓީމު ޕްރެޝަރަށް ވައްޓާލައި ގޯސް ޕާސްތަކެއް ދޭން މަޖުބޫރުކުރަމުން ދިޔަ މަންޒަރު ވަރަށް ގިނައިން ފެނުނެވެ.

މިކަންކަން މިގޮތަށް ހިނގަމުން ދިޔައިރު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑް ކުޅުންތެރިޔާ މުހައްމަދު އުމޭރާއި ނުލައި މެޗުގެ 70 މިނިޓް ފުރިހަމަ ކުރީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެއެވެ. އެ ސުވާލު އުފެދެނީ އުމޭރު ކުޅެން ނުކުތް ހިސާބުން މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ ގޮތަށް ރިއާޔަތް ކުރީމައެވެ. ރާއްޖޭގެ ގޭމް އަސްލުގޮތުގައި ޖައްސަން އެކަށޭނަ ބަދަލުތަކެއް ގެނައުން ލަސްވީ ކީއްވެގެންތޯ ވެސް ސުވާލު އުފެދެއެވެ. ތިން ގޯލް ޖަހައިގެން އިންޑިޔާ ޓީމު މޮޅުވެގެން މެޗު ނިމޭން ކައިރިވީމާ ޓީމަށް އެންމެ ބޭނުމީ އެވަގުތު އައު ޑިފެންޑަރެއްތޯ ނުވަތަ އެޓޭކް ވަރުގަދަ ކުރެވޭނެ އެހެން އޮޕްޝަނެއްތޯ ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
11%
ދެރަ ވެއްޖެ
22%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
17%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved