ދިވެހި ސަޕޯޓަރުންގެ ފޯރި
12 ވަނަ ކުޅުންތެރިޔާ ދެއްކި މޮޅު ކުޅުމަށް ޝުކުރު ހައްގު!
 
ގެއްލިފައިވާ ފުޓުބޯޅައިގެ ފޯރި މި މުބާރާތުގައި އަލުން ފެނިގެންދިޔަ
 
ސުޒޭނާއި ޓީމުގެ ކުޅުންތެރިންވެސް ސަޕޯޓަރުންގެ ހިތްވަރަށް ތައުރީފުކުރި
ކ. މާލެ |
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު ބަލަން ދަނޑަށް ވަދެ ތިބި ދިވެހި ސަޕޯޓަރުން
އިމޭޖަސް.އެމްވީ

ދިވެހީންގެ ލެޔާ ގުޅިފައިވާ ކުޅިވަރަކީ ފުޓްބޯޅައެވެ. ސަބަބަކީ ދިވެހީންގެ އެއް ނަންބަރު ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވާތީއެވެ. އެކަމަކު ވޭތުވެދިޔަ އަހަރުތަކަކީ ދިވެހި ފުޓްބޯޅައަށް ނާކާމިޔާބު އަހަރުތަކަކޭ ބުނެވިދާނެއެވެ. ސަބަބަކީ ފުޓްބޯޅައިގެ ފޯރި ދަށްވެ ސަޕޯޓަރުން ދަނޑަށް ވަނުން މަދުވުމުންނެވެ.

އެހެންނަމަވެސް މި ސަރަހައްދުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް 13 އަހަރަށްފަހު ރާއްޖޭގައި ބޭއްވުމުން، ގެއްލިފައިވާ ފުޓްބޯޅައިގެ ފޯރި އަލުން ފެނިގެން ދިޔައެވެ. ހަނދާނަށް އަންނަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ހަނދާންތަކެވެ. 2008 ވަނަ އަހަރުވެސް މެޗު ފެށެން ކުޑަތަންވާ ވަގުތު ގައުމީ ފުޓްބޯޅަ ދަނޑު ވަށައިގެންވާ ސަރަހައްދު އެއްކޮށް ފުރާލަނީ ސަޕޯޓަރުންނެވެ. މިއަހަރުވެސް ސަޕޯޓަރުން ވަނީ ހަމައެގޮތަށް ގައުމީ ފުޓްބޯޅަ ދަނޑު ވަށައިގެން ހުރި މަގުތަކެއް ފުރާލާފައެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ނޭޕާލާ ވާދަކޮށް ރާއްޖެ ބަލިވި ކަމުގައިވީ ނަމަވެސް، ޖެހިގެން އައި ދެ މެޗުގައިވެސް ސަޕޯޓަރުން ތިބީ ކުޅުންތެރިންގެ ފަހަތުގައި ސާބިތުވެއެވެ. އެއާއެކު ބަންގްލަދޭޝް މެޗާއި ސްރީ ލަންކާ މެޗުން ރާއްޖެ މޮޅުވިއިރު، ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ރާއްޖެ ބައްދަލުކުރި މެޗުގައިވެސް ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ހިތްވަރުދިނުމުގައި ސާބިތުވެ ތިއްބެވެ.

ރޭގަނޑުގެ އަރާމު ނިދި ނަގާލައި މެޗުތައް ބެލުމަށް ޓިކެޓު ގަތުމަށް ކިޔޫ ހެދިއިރު، މާލޭގެ އެކި ސަރަހައްދުތަކުން ދިގު ކިޔޫތަކެއް ފެނިގެންދިޔައެވެ. އެއީ ޓިކެޓު ގަތުމުގެ އިތުރުން ގައުމީ ޓީމުގެ ޖާޒީ ގަތުމަށާއި، ފޭސް ޕެއިންޓް ހެދުމަށެވެ. ޓިކެޓު ނުލިބުމުން މަގުމަތީގައި އިހުތިޖާޖުވެސް ކުރިއެވެ. ސަރުކާރު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވެސް ބުނީ ސަޕޯޓަރުންގެ އިހުތިޖާޖުކުރީ ގައުމީ ޖޯޝުގައި ކަމަށެވެ. އަދި އެއީ ޓީމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށްވެސް ބުންޏެވެ.

ގައުމީ ކޯޗު އަލީ ސުޒޭނާއި ޓީމުގެ ކުޅުންތެރިންވެސް ވަނީ ސަޕޯޓަރުންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ. ސަޕޯޓަރުންގެ ޖޯޝާއެކު ނެތިގެންދިޔަ ފުޓްބޯޅައިގެ ފޯރި އަލުން ފެނިގެން ހިނގައްޖެއެވެ. އަދި ސިޔާސީ ހަލަބޮލިކަމާއެކުވެސް، ސިޔާސީ ބައިބައިވުންތައް ނެތިކޮށްލައި ދިވެހި ގައުމު އަލުން އެކަތިގަނޑަކަށް ހަދައިދިނީ ފުޓްބޯޅައެވެ.

އިންޑިއާ މެޗަށްފަހު މޮޅިވެރިކަން ލިބިފައިތިބި ކުޅުންތެރިންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފައިނަލަށް ދަތުރުނުކުރި ނަމަވެސް 12 ވަނަ ކުޅުންތެރިޔާ ދިވެހި ޓީމުގެ ފަހަތުގައި ސަޕޯޓުކުރުމަށް ތިބި ތިބުމެވެ. އެންމެ ފަހު ވަގުތުވެސް ދިވެހި ސަޕޯޓަރުން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި ސާބިތުވެތިބީއެވެ. ސަޕޯޓަރުންގެ ފޯރިއާއެކު ނެތިގެންދިޔަ ފުޓުބޯޅައިގެ ފޯރި ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ. އަދި މިއީ އަމިއްލަ ގައުމުގައި ބޭއްވޭ ބައިނަލްއަގްވާމީ މުބާރާތްތައް އިތުރުކުރަންވީ ވަގުތުކަން ސަޕޯޓަރުން ދައްކުވައިދީފިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
75%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
25%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved