ފްލައިން ސްކޫލް
ފްލައިން ސްކޫލް ހިންގުމަށް އެމްއެންޔޫއާއި އައިލެންޑް އޭވިއޭޝަނުން ޖޮއިންޓްވެންޗަރ ކުންފުންޏެއް އުފައްދަނީ
 
އިންޖީނިއަރިން އަދި ލޭންޑް ސައިޑްގައި ކުރާ އެތައް މަސައްކަތެއްގައި މީހުން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނެ
 
އޭވިއޭޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ހުނަރުގެ ކުދިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުން
ކ. މާލެ |
އެމްއެންޔޫއާއި އައިލޭންޑް އެވިއޭޝަނުން އެގްރީމެންޓެއްގައި ސޮއިކުރުން
ޓްވީޓަރ

ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށްޓަކައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި އައިލެންޑްއޭވިއޭޝަން ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖޮއިންޓް ވެންޗަރ ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދެވެ. އަދި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

އައު ފްލައިން ސްކޫލެއް އުފައްދަން މަސައްކަތްކުރަނީ މިހާރު އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ހުއްޓި އެތަނުގައި ކޯސް ހަދަމުން އަންނަ ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތާ އެތަކެއް މަސްތަކެއް ވެފައިވަނިކޮށް އެކަމަށް ހައްލު ގެނައުމަށްޓަކައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު މިހާދު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ހުނަރުގެ ކުދިން ތަމްރީންކޮށް މަސައްކަތުގެ މާހައުލަށް ނެރެވޭނެ ކަމަށާއި ފްލައިން ސްކޫލް ގާއިމްކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގެ ގަމުގައި ކަމަށެވެ. އަދި މި ސްކޫލް މެނޭޖް ކުރާނީ ޗެކްރިޕަބްލިކްގެ ފްލައިން އެކެޑަމީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗެކްރިޕަބްލިކްގެ މި ސްކޫލަކީ މިހާރު ވެސް ކުދިން ތަމްރީން ކުރަމުންދާ، 30 އަހަރު ވެފައިވާ ސްކޫލެކެވެ. އަދި މި ކުންފުނި ހިންގަމުން ގެންދާނީ ފްލައިން ސްކޫލުންނެވެ. މިހާދު ވިދާޅުވީ އުއްމީދަކީ ހަމައެކަނި ޕައިލެޓުންނަށް ތަމްރީން ދިނުމެއް ނޫން ކަމަށާއި، މީގެ އިތުރުން އޭވިއޭޝަން އިންޑަސްޓްރީއަށް ބޭނުންވާ ތަފާތު ހުނަރުގެ ކުދިން ތައްޔާރުކޮށް މަސައްކަތުގެ މާހައުލަށް ނެރުން ކަމަށެވެ.

އަދި މި އަހަރު ނިމުމުގެ ކުރިން މި ސްކޫލުން ކިޔެވުން ފަށާނެ ކަމަށާއި އުދުހުންތައް ފެށޭނެ ކަމަށާއި ފުރަތަމަ 30 ކުދިން އެންރޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އިތުރު ކުދިން އެންރޯލް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

"މި ސްކޫލް އިންޓަނޭޝަނަލް ފްލައިން ސްކޫލަކާ އެކު މި ގާއިމްވަނީ މި ރީޖަންގެ އަދި މި ރީޖަނުން ބޭރު ޤައުމުތަކުގެ ކުދިން ވެސް މި ސްކޫލުގައި ތަމްރީން ކުރުމުގެ މަޤްޞަދުގައި. އަދި އެންމެ ބޮޑު އިސްކަމެއް ދެވޭނީ ފްލައިޓް ޓްރޭނިން ހަދަމުން ގޮސް ނުނިމި ތިބި ކުދިންނަށް. މިހާރު ނުނިމި ތިބި ކުދިން ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން އެ ކުދިންގެ ނުނިމި ހުރި ޕްރޮގްރާމްތައް ނިންމާލުމަކީ ޔުނިވާސިޓީގެ އެންމެ ބޮޑު އެއް އަމާޒު،"  

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޝަރީފް ވިދާޅުވީ އެ ޔުނިވާސިޓީގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ ޓްރޭނިންތައް ދިވެހި ދަރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. ޔުނިވަރސިޓީގެ ހަޔާތުގައި މިއީ ބޮޑު މަސައްކަތެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

"އޭވިއޭޝަން ދާއިރާއަކީ ކޮންމެހެން ވެސް މީހުން ތަމްރީން ކުރަން ބޭނުންވެފައި ނަމަވެސް ޔުމިވާސިޓީއިން ސީދާ ގޮތެއްގައި މިހާތަނަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ފެށިފައި ނުވާކަމެއް. ފުރަތަމަ ފްލައިން ސްކޫލެއް ގާއިމްވެގެން ދިޔަނަމަވެސް މީގެ އިތުރަށް އޭވިއޭޝަން ދާއިރާގައި ހުރި އެހެން ކަންކަމަށް މަޑުމަޑުން ވަންނާނަން. އޭގެ ތެރޭގައި އިންޖީނިއަރިން އަދި ލޭންޑް ސައިޑްގައި ކުރާއެތައް މަސައްކަތެއްގައި މީހުން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާނެ،"

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ، ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ އޭއޭއޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާ ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. މި ފްލައިން ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޑިސެންބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved