އުރީދޫ ސާފް ޗެމްޕިއަންޝިޕް
ނާކާމިޔާބީގެ ޒިންމާ ފުރިހަމައަށް ނަގަން: ސުޒޭން
 
ރާއްޖެއަށް ލީގު ބުރުގެ ތިންވަނަ ލިބުނީ ހަ ޕޮއިންޓާއެކު
 
ދިވެހިންނަށް މިކަން ނުވާންވީ ސަބަބެއް ނެތް ކަމަށް ބުނި
ކ. މާލެ |
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން
އިމޭޖަސް.އެމްވީ

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ އިންޑިއާ އަތުން ބަލިވެ، ފައިނަލުގެ ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ކެޓުމުން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އިންޑިއާ އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވެން އޮތް ނަމަވެސް، ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ރާއްޖެއަށް ލީގު ބުރުގެ ތިންވަނަ ލިބުނުއިރު، ކުޅުނު ހަތަރު މެޗުން ރާއްޖެއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ ތަށި ހޯދަން ނުކުމެ އެކަން ނުވުމުމަކީ ހުރިހާ ސަޕޯޓަރުންނެކޭ އެއްގޮތަށް އޭނާއަށް ވެސް އޮތް މާޔޫސްކަމެއް ކަމަށެވެ. އަދި މި ނާކާމިޔާބީގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށާއި، އެކަމަކު ދިވެހިންނަށް ގައުމީ ޓީމުގެ ހެޑް ކޯޗުކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގައުމީ ޓީމު ކުރިމަތިލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެއާއެކު ސައްތައިން ސައްތަ އެ ގައުމަކަށް ނިސްބަތްވާ ކޯޗުންގެ ޓީމަކާއެކު މުބާރާތަށް ނުކުތީ ރާއްޖޭން އެކަންޏެވެ.

މި މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ ދިވެހި ކޯޗުންނަށް ރާއްޖޭގެ ގައުމީ ޓީމު މެނޭޖުކުރެވޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ. ބުދަ ދުވަހުގެރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ތަށި ދިފާއުކުރުން ނާކާމިޔާބުވެފައިވީ ނަމަވެސް، އެ ހިސާބުން މިއީ ދިވެހިންގެ ކޯޗިން ކެރިއަރުގައި ގައުމީ ޓީމެއް ހަވާލުކުރުން އެއީ ނުވާނެ ކަމެއް ކަަމަށް ބުނުން ރަނގަޅުނުވާނެ ކަމަށެެވެ. އަދި ދިވެހިން މިކަން ވާނެކަމުގެ ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއްވެސް މި މުބާރާތުގެ ތެރެއިން ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

އެއްވެސް ފެކްޓެއް ބޭސިސްއެއް ނުވިސްނާ ބުނުން އެހާ ރަނގަަޅުކަމެއް ނޫން އެއީ. އަންނަން ތިބި ކޯޗުންނަށްވެސް މާލާމާތެއް ރައްދުވަނީ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސުޒޭން ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖެއްސިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ވަނީ ގައުމީ ޓީމާ ދެން ހަވާލުވާނެ ކޯޗެއް ނިންމާޤފައެވެ. ގައުމީ ޓީމަށް ދެން އޮތް މުބާރާތަކީ އަންނަ ނޮވެމްބަރު މަހު ހަތަރު ގައުމެއްގެ މެދުގައި ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ މުބާރާތެވެ. އެ މުބާރާތުގައި ކުޅޭނީ ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
50%
ދެރަ ވެއްޖެ
50%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved