ޑްރަގް ކެފޭ މައްސަލަ
ޑްރަގް ކެފޭ މައްސަލަ: ގޭންގްތަކާ ގުޅޭ ވާހަކަތަކެއް ހުރިކަމަށް ބުނެ ސިއްރުކުރަން އެދިއްޖެ
 
ވަކީލަކު ހަމަޖެހިފައިނުވާކަން އޭޖީ އޮފީހުން އޭނާއަށް އެންގި
 
ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވާން ޖެހޭ
 
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު
ކ. މާލެ |
ފުލުހުން ހިންގި ޑްރަގް ރެއިޑެއްގެ ތެރެއިން
ޕޮލިސް

ގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، ބޭނުންކުރުމުގެ ހުއްދަ ދިން މައްސަލައިގައި ދައުވާ އުފުލާފައިވާ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުން ސިއްރު ކޮށްދިނުމަށް އޭނާ އެދިއްޖެއެވެ.

ހުސައިން ޔޫސުފު އެގޮތަށް އެދިފައިވަނީ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެގޮތުން މި މައްސަލައިގައި ގޭންގުތަކާ ގުޅުންހުރި ވާހަކަތަކެއް ހިމެނޭކަމަށް ބުނެ އޭނާ ވަނީ ޝަރީއަތް ސިއްރުކޮށްދިނުން އެދިފައެވެ. އަދި ފުލުހުންނަށް ދިން ތަހުގީގީ ބަޔާނުގައި ވެސް ހަނު ހުންނަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ޙަބީބު ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން އަަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މި މައްސަލައިގައި ބޭއްވި ފުރަތަަމަ އަޑުއެހުމެވެ.

އޭރު ޝަރީއަތުން ވަނީ މައްސަލައިގެ ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވައި، ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ސާފުކޮށްދެއްވާފައެވެ. އެގޮތުން ސީޑީތަކާއެކު 55 ލިއުމެއް ލިބިފައިވާކަމަށް ހުސައިން ޔޫސުފު ބުންޏެވެ.

އެއާއެކު އެ އަޑުއެހުމުގައި ދައުލަތުން ވަނީ ހުސައިން ޔޫސުފުގެ މައްޗަށް ކުރާ ދައުވާ ސާފުކޮށްދެއްވާފައެވެ.

މި މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ މައްސަލައެއް ނޫންކަން ބަޔާންކޮށް ދައުލަތުން އެ އަޑުއެހުމުގައި ބުނީ، ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނެނީ 10 އަހަރަށްވުރެ ބޮޑު އަދަބެއް ލިބޭ މައްސަލަތަކުގައި ކަމަށެވެ. އަދި ދައުލަތުން ވަކީލުން އައްޔަނު ކޮށްދެނީ ބޮޑެތި މައްސަލަތަކުގައި ނަމަވެސް، ހުސައިން ޔޫސުފަށް ދައުވާ ކުރާ މައްސަލައިގެ އަދަބަކީ ސީދާ 10 އަހަރަށްވާތީ މި މައްސަލައިގައި ވަކީލަކު އައްޔަނު ކުރުމާ ގުޅޭގޮތުން އޭޖީ އޮފީހަށް ހުށައަޅައިގެން ކުރިއަށް ގެންދެވިދާނެކަމަށް ޝަރީއަތުން ވަނީ ބުނެފައެވެ. ހުސައިން ޔޫސުފު ވެސް ވަނީ އެގޮތަށް ބޭނުންވާކަމަށް ބުނެފައެވެ.

އެ އަޑުއެހުމުގައިޝަރީއަތުން ވަނީ މައްސަލައިގައި ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދެއްވުމަށްފަހު، ދައުވާ ސާފުކޮށް ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައި ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ. 

އެހެންނަމަވެސް ބުރާސްފަތި ދުވަހުގެ އަޑުއެހުމާ ހަމައަށް ވެސް ވަކީލަކު ހަމަޖެހިފައިނުވާތީ ޝަރީއަތުން ވަނީ އެކަން ސާފުކޮށްފައެވެ. އެގޮތުން ވަކީލަކު ހަމަޖެހިފައިނުވަނީ ބައެއް އިދާރާތަކުން ސާފުކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށް އޭޖީ އޮފީހުން ވަނީ ހުސައިން ޔޫސުފަށް އަންގާފައެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު ހަމަނުޖެހުނު ކަމުގައިވިޔަސް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެކަން ފާހަގަކުރައްވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
40%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
20%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
40%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved