މިފްކޯގެ ބޯޓުތައް
މިފްކޯގެ ޚިދުމަތަށް އިތުރު ދެ ބޯޓެއް ނެރެނީ
 
މި ބޯޓުތައް ޚިދުމަތަށް ނެރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެއް މަސްތެރޭ ނިންމޭނެ
 
ބްރައިން ފްރީޒިން ބޯޓެއް ވެސް ޚިދުމަތަށް ނެރެވޭނެ
 
އެއް ތަނުން އަނެއް ތަނަށް މަސް އުފުލުމަށް ޚާއްސަ ބޯޓެއް ޚިދުމަތަށް ނެރޭނެ
ކ. މާލެ |
ފެލިވަރު މަސް ފެކްޓަރީ
ރާއްޖެއެމްވީ

މިފްކޯއަށް ކިރާ މަސް އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ގަނެފައިވާ ކެރިއަރ ވެސެލް ޚިދުމަތަށް ނެރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވި ވަރަށް އަވަހަށް ޚިދުމަތަށް ނެރެވޭނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯއަށް ގަނެފައިވާ ކެރިއަރ ވެސެލްގެ ރެޖިސްޓްރޭޝަން މަރުހަލާ ނިމި، ރެޖިސްޓްރޭޝަން ލިބިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެމްއެފްޑީއޭގެ ރެކޮމެންޑޭޝަންތަކާ އެއްކޮށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފަދަ އުޅަނދެއް ކުރު މުއްދަތަކަށް ޚިދުމަތަށް ނެރެންވިޔަސް އީޔޫގެ މިންގަނޑުތަކެއް ފުރިހަމަކުރަންޖެހޭކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މި ޚިދުމަތް ފެށުން ލަސްވަނީ ވެސް އެހެންވެގެން ކަމަށާއި، ވަރަށް އަވަހަށް އެކަން ފުރިހަމަކޮށް އޭގެ އޮޕަރޭޝަންތައް ފަށައިގަންނާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެކަން ފުރިހަމަވެގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިހާރު މިފްކޯއިން މަސް އުފުލާ ވެސެލްތަކުގައި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން މިފަދަ ކެރިއަރެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާކަމަށެވެ. އަދި މިފްކޯގެ އަމިއްލަ ކެރިއަރެއް އޮތްނަމަ މަސް އުފުލުމަށް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިހާރު ހުރި ދަތިތަކާއެކުވެސް މި މަސައްކަތަކީ ފަސޭހައިން ކުރެވޭނެ މަސައްކަތަކަށް ހެދުމަކީ އުންމީދެއް ކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ ސަބަބުން އެއްތަނުން އަނެއް ތަނަށް މަސް އުފުލުމަށް ފަސޭހަވެ، ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓުކުރަން ވެސް ފަސޭހަވާނެ ކަމަށް ފައުޒީ ވަނީ ވިދާޅުވެފައެވެ.

އުންމީދުކުރަނީ މިހާރު ހުރި ދަތިތަކާއިއެކުވެސް އަޅުގަނޑުމެންގެ އޮޕަރޭޝަން ސްމޫތު އޮޕަރޭޝަނަކަށް ގެނައުން. ރަނގަޅު މަސްވެރިކަމެއްގައި އަޅުގަނޑުމެންނަށް ކޫއްޑޫގައި ހުންނަ މަސް ފެލިވަރަށް އުފުލަންޖެހޭ. ފެލިވަރުގައި ހުންނަ މަސް ކޫއްޑޫއަށް އުފުލަންޖެހޭ. އަދި އައްޑޫއަށް އުފުލަންޖެހޭ. އައްޑޫގައި ހުންނަ މަސް ކޫއްޑޫއަށް އުފުލަންޖެހޭ. ޑިވޮލޮޕްމެންޓްތަކާ އެއްކޮށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. އުންމީދުކުރަނީ ޑިވެލޮޕްމެންޓްތަކާއެއްކޮށް ކައިރި ގައުމުތަކަށް ވެސް މަސް އުފުލޭނެ ކަމަށް.
މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ

މީގެ އިތުރުން މިފްކޯއިން އިތުރު ބޯޓެއް ގަނެފައިވާކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ އެ ބޯޓަކީ ބްރައިން ފްރީޒަރ ވެސެލްއެއް ކަމަށެވެ. މި ބޯޓުގައި 370 ޓަނު ނުވަތަ 400 ޓަނުގެ މަސް ގަނޑުކުރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިވަގުތު ފެލިވަރު ބަނދަރުގައި ބްރައިން ފްރީޒިން ބޯޓެއް އޮތް ނަމަވެސް އޭގައި ބޭނުންވާ ވަރަށް ޖާގަ ނެތި، އޭގެ ހާލަތުވެސް ވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މިކަމަށް އިތުރު ބޯޓެއް ގަނެފައިވަނީ މިހާރު ބޭނުންކުރަމުންދާ ބޯޓު ދޫކޮށްލުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މި ޚިދުމަތަށް އަލަށް ގަތް ބޯޓު މިވަގުތު އޮތީ މާލޭގެ ބަނދަރުގައި ކަމަށާއި، މިހާރު ކުރިއަށްދަނީ ބޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާ ކަމަށް ފައުޒީ ވިދާޅުވިއެވެ. މި ހުރިހާ މަސައްކަތެއް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ ނިންމާފައި ބޯޓު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved