މިފްކޯއިން ޑިވެލޮޕްކުރާ އެޕްލިކޭޝަން
މިފްކޯއިން ޑިވެލޮޕްކުރާ އެޕްލިކޭޝަން މިހާރު އޮތީ ޓެސްޓިން މަރުހަލާގައި!
 
މަސްވެރިންގެ އެއްބާރުލުން ބޭނުންވޭ
 
ގިނަ ޚިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ
 
އޮންލައިން ޕްލެޓްފޯމަކާ ދިމާލަށް ފެށި މަސައްކަތް ވަރަށް ކާމިޔާބު
ކ. މާލެ |
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސީއީއޯ އިސްމާއިލް ފައުޒީ ވާހަކަދައްކަވަނީ،
ރާއްޖެއެމްވީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ޚާއްސަކޮށްގެން ޑިވެލޮޕްކުރާ އެޕްލިކޭޝަން މިހާރު އޮތީ ޓެސްޓިން މަރުހަލާގައި ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައުޒީ ވިދާޅުވީ މަސްވެރިން ބާނާ މަސް، ކިރުވަން އޮންލައިން ޕްލެޓްފޯމަކާ ދިމާލަށް ފެށި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި، މިހާރު އެޕްލިކޭޝަންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޓެސްޓިންގެ މަސައްކަތް ކަމަށް ފައުޒީ ވިދާޅުވިއެވެ.

މި އެޕްލިކޭޝަން ވެގެންދާނީ މިފްކޯއާ މަސްވެރިން ގުޅުވައިދޭ ވަރަށް ރަނގަޅު ވަސީލަތަކަށް ކަމަށާއި، މަސްކިރުވުމާއި، ބިލްތައް ހެދުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފައުޒީ ވިދާޅުވިއެވެ. ޒަމާނީ ޚިދުމަތަކަށް ބަދަލުވެ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ގިނަ ޚިދުމަތްތައް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށާއި، މަސްވެރިންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި ޚިދުމަތްތައް ލަސްވެ، ގިނައިރު ތިބެން ޖެހުމުގެ ޝަކުވާއަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

އޭގެ ތެރޭގައި އަޅުގަނޑުމެން މި އެޕްލިކޭޝަންއާއެކު ޚާއްސަކޮށް މިފްކޯގެ ވަސީލަތަކަށް މަސް ކިރުވައިފިކަމަށްވަންޏާ އަޅުގަނޑުމެން އޭގެ ނޮޓިފިކޭޝަން ދާނެ. އޮޑިވެރިޔާ އަދި ކެޔޮޅަށް ވެސް ޚާއްސަކޮށް ކެޔޮޅު އެޕްރޫވް ކޮށްފައި އިންނަ ކްރޫއަކަށް ފޯނުން ބަލައިލެވޭނެ. އަދި ކިޔު ނަންބަރު ތަރުތީބު ކުރުމާއި މިހުރިހާ ކަމެއް އޭގެ ތެރޭގައި ހިމެނޭނެ. އަދި މިފްކޯ ވަސީލަތަކަށް މަސް ކިރުވައިފިކަމަށްވަންޏާ އެބިލްތަކުގެ ޑީޓެއިލްތަކާ ހުރިހާ އެއްޗެއް ފެންނާނެ. ފިއުޗަރގައި ހިސްޓްރީ ބަލައިލެވޭނެ. ބިލްތައް ކޮންމެހެން ޕްރިންޓް ކޮށްގެން މަސްވެރިންނަށް ފޮނުވާކަށް ނުޖެހޭ. ދޭކަށް ނުޖެހޭ. ބިލް ޕްރިންޓް ކޮށްގެން ބޭނުންވާ މަސްވެރިންނަށް އެ ޚިދުމަތްތައް ވެސް ދޭނަން. ތެޔޮ ގަތުމާއި މިފްކޯއިން އައިސް ގަންނައިރު ވެސް ޑީޓެއިލް ފެނިވަޑައިގަންނަވާނެ. އަދި މިފްކޯގެ ވަސީލަތަކުން ޚިދުމަތް ހޯއްދަވާނަމަ މަރާމާތުގެ ކަމެއް އޭގައި ހިމެނޭ ނަމަ ތަފްސީލް ފެންނާނެ. ފަހުން ފައިސާ ދައްކަން ވިޔަސް އެކަން ވެސް ކުރެވޭނެ.
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ފައުޒީ

ފައުޒީ ވިދާޅުވީ މަސްބާނައިގެން މަސްކިރުވުމަށް އަންނައިރު އެންމެ ކައިރިން މަސްކިރުވޭނެ ކެޕޭސިޓީ ހުރީ ކޮން ބޯޓެއްގައި ކަމާއި މަސްކިރުވާ ބޯޓް އޮންނަ ލޮކޭޝަން ބަލައިލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޕްލިކޭޝަން މެދުވެރިކޮށް ފެނާއި، ތެޔޮ އަދި މިފްކޯގެ ފިހާރަތަކުން ކްރެޑިޓް ސްކީމަށް ތަކެތި ނެގޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މިހާރު މަސައްކަތްތައް ކުރެވެމުންދަނީ ނިއު ނޯރމަލްގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ފައުޒީ އެދިވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved