އުރީދޫ ސާފް ޗެމްޕިއަންޝިޕް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް
 
ރާއްޖެ އަތުން އިންޑިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުން
 
މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ވާދަކުރާނީ ނޭޕާލާ
ކ. މާލެ |
އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފިއެވެ.

މި މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވެން އޮތް ނަމަވެސް، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އިންޑިއާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ އޭރިއާ ތެރެއިން އޯވަހެޑް ކިކެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ޗެތުރީ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރާއްޖޭން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް އިންޑިއާގެ ރާހުލް ބޭކޭ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ދަގަނޑޭ ލަނޑު ޖެހިއިރު، މިއީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

އެކަމަކު މެޗުގެ 62 ވަނަ މިނެޓުގައި ޗެތުރީ ވަނީ ލަނޑެއް ޖަހައި، އިންޑިއާއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ޗެތުރީ ވަނީ ލަނޑެއް ޖަހައި، އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ފަހުން އިންޑިއާ ކޯޗު ސްޓިމަކަށް ވަނީ ދެވަަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިމ ބެންޗުން ފޮނުވާލާފަވެ. އަދި މެޗުގެ އިތުރު ވަގުތުގައި އިންޑިއާގެ ސުބަޝިޝް ބޯސްއަށްވެސް ވަނީ ދެވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން މި މުބާރާތުގެ ފައިނަލަށް އިންޑިއާ ނުކުންނަން ޖެހޭނީ އެ ޓީމުގެ ކޯޗާއި ސުބަޝިޝް ބޯސް ނުލައެވެ.

މި މޮޅާއެކު މި މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނޭޕާލެވެ. ނޭޕާލުން ފައިނަލުގެ ޖާގައެއް ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްއާ އެއްވަރުކޮށްގެންނެވެ. އެއާއެކު މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެރޭ މި ފަހަރޔގެ ސާފް ޗެމްޕިއަންޝިޕުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، އެއްވަނައިގައި އޮތީ އިންޑިއާއެވެ. އެ ޓީމަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ނޭޕާލަށް ހަތަރު މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. އަދި ރާއްޖެއަށް ތިންވަނަ ލިބުނުއިރު، ކުޅުނު ހަތަރު މެޗުން ރާއްޖެއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ބަންގްލަދޭޝަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ސްރީ ލަންކާއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved