އެއަރ ބަބްލް
އެއަރ ބަބްލްގެ ސަބަބުން ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ: މިނިސްޓަރ މަޢުޞޫމް
 
ވަރަށް ގިނަ ޤައުމުތަކާއެކު އެއަރ ބަބުލް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރި
ކ. މާލެ |
ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް
އިންޑިއާ އިން މޯލްޑިވްސް

ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރެވުނު ބަބްލްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިޔަ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާ ހައިކޮމިޝަންއިން, މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި އެމްއެމްޕީއާރްސީއާ ގުޅިގެން ހޮޓެލް ޖެންގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވަރަށް ގިނަ ޤައުމުތަކާއެކު އެއަރ ބަބުލް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރި ކަމަށާއި އޭރު ވަރަށް މަދު ގައުމުތަކަކުން އެކަމަށް އެއްބަސްވި ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ފަށައިގަތީ އިންޑިއާ އިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާއަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ހިސާބުން ވެސް އިންޑިއާގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ރިސޯޓްތަކަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއަރ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދިޔައެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކައިން މައްޗަށް އަރާފައިވާއިރު ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ މާކެޓެވެ. އިންޑިއާ މާކެޓުން 204،530 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ވިދާޅުވެފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށާއި، މީގެ ސަބަބުން އަތޮޅުތެރެއަށް އިތުރު ކުރިއެރުންތަކާއި، ފައިދާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަ އަގެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ.

މި އެއަރ ބަބްލް އަކީ ކޮވިޑުގެ މިހާލަތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމުކުރި މިފަދަ ފުރަތަމަ އެއާ ބަބްލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved