ރައީސް ނަޝީދު ވަޑައިގަތުން
ރާއްޖެ ވަޑައިގެންނެވީ އެނބުރިވަޑައިގަންނަވާކަށް ނޫން، ހުންނަވަން ބޭނުންފުޅުވަނީ އަމިއްލަ ގޭގައި – ނަޝީދު
 
ރާއްޖެ ވަޑައިގެންނެވީ 3 ދުވަހަކަށް ނޫން
 
ފަރުވާގެ ކަންކަމަށް އެނބުރިވަޑައިގަންނަވަން ޖެހޭ
 
ސެކިއުރިޓީއާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ
ކ. މާލެ |
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
މަޖިލިސް

ރާއްޖެއަށް ވަޑައިގެންނެވީ 3 ދުވަހަށް ކަމަށް ނިންމާފައިވަނީ މީޑިއާތަކުން ކަމަށާއި، ނަމަވެސް ފަރުވާއަށް އެނބުރިވަޑައިގަންނަވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

6 މެއިގެ ހަލަމާއަށްފަހު ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ވަނީ ތިން ދުވަހަށް ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށެވެ. ނަމަވެސް ފުރާ ދުވަސް ވިދާޅުވެވެން ނެތް ކަމަށާއި ސިފައިންގެއިން އެދެނީ އެއްތަނުން އަނެއްތަނަށް ދާއިރު އެ މައުލޫމާތު އާންމު ނުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ ދުވަހު މަޑުކުރެވެން ނެތްކަމަށެވެ. ނަމަވެސް މަޑުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ މަޑުކުރައްވާނެކަމަށެވެ. ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސާއި ނާއިބުރައީސް ނެތް ހާލަތެއްގައި ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.

ތިން ދުވަހަށް ވަޑައިގެންނެވި ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ދޮގުކުރެއްވި ނަމަވެސް ވަޑައިގެން ހުންނެވީ ކިތައް ދުވަހަށް ކަމެއް އަދި ފުރާވަޑައިގަންނަވާނީ ކޮންދުވަހަކު ކަމެއް ސަލާމަތީ ސަބަބުތަކަށްޓަކައި އެމަނިކުފާނު ހާމަކުރައްވަން ދެކޮޅު ހެއްދެވިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ފަހު ހުންނަވަނީ ހޮޓެލް ޖެންގައެވެ. ޖެންގައި ހުންނަވާ ސަބަބާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެއީ ވެސް ސަލާމަތީ ކަންކަމާއި ގުޅިފައިވާ ކަމެއް ކަމަށާއި، ހޮޓެލް ޖެންގައި މަޑުކުރައްވަނީ ސަރުކާރުން މަޖިލީހުގެ ރައީސަށް ހަމަޖައްސާ ރަސްމީގޭގެ މަސައްކަތް ނިމެންދެން ކަމަށެވެ. ޖެން ހޮޓެލުގައި ހުރުމުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖައްސައިފައިވަނީ ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖެންގައި ހުންނަވަން ބޭނުންފުޅު ނުވާކަމާއި، ހުންނަވަން ބޭނުންފުޅުވަނީ އަމިއްލަ ގޭގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަލާމަތީ ސަބަބުތަކަށްޓަކައި އެކަން އެގޮތަށް ނުކުރެވޭކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ގޭގައި އަޅުގަނޑަށް ހުރެވޭނެ ގޮތް ވުން. އެހެންނަމަވެސް އެމްއެންޑީއެފަކުން މިހާރަކު މިވަގުތަކު އެ ޖާގަ ދޭން ތައްޔާރަކަށް ނޫން ތިބީކީއެއް. މިގޮތަށް އަޅުގަނޑު ވަކީން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ކަމެއްގެ ގޮތުގައި އެ ބޭފުޅުން ދެކެނީ
ރައީސް ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވާ އިރު، ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި މިހާރު ލިބިވަޑައިގަންނަވާ ސެކިއުރިޓީއާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ދެ ބޭފުޅުން އެކަމާއި ހިތްހަމަޖެހިވަޑައިނުގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު އެ ކުދިން ކައިރީ އެހިން އެބަ މަލާމާތްކުރެޔޭ ނޯތް ކޮރެޔާގެ ވެރިޔާ ތަންތަނަށް ގެންދާ ގޮތަށޭ ގެންދަނީ. ކިހިނެއްހޭ ދެން ހަދާނީ. އެކުދިން ބުނީ ކޮންމެ ގޮތެއް ވިޔަސް ބޭނުންވަނީ ބައްޕަ ސަލާމަތުން ހުރުމޭ
ރައީސް ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންވަނީ މަސައްކަތުގައި ދެމިހުންނެވުމަށެވެ. އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުން ވެސް އެދިވަޑައިގަންނަވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved