އުރީދޫ ސާފް ޗެމްޕިއަންޝިޕް
ނޭޕާލް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް
 
ބަންގްލަދޭޝް އާއި ނޭޕާލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
ފައިނަލުގައި ނޭޕާލް ވާދަކުރާނީ ރާއްޖެ ނުވަތަ އިންޑިއާއާ
ކ. މާލެ |
ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެ ހަވީރު ބަންގްލަދޭޝްއާ އެއްވަރުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޭޕާލުން ހޯދައިފިއެވެ.

މިއީ ސާފް ޗެމްފިއަންޝިޕުގެ ތާރީޚުގައި ނޭޕާލް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ފަށައިގެން ނޭޕާލުން ބަންގްލަދޭޝްގެ ހާފަށް ބާރުބޮޑު ކުރި ނަމަވެސް، މެޗުގެ ނުވަވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ ސުމަން ރިޒާއެވެ. އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން މެޗުގެ 14 ވަނަ މިނެޓުގައި ނޭޕާލުގެ ރޯހިތް ޗާންދަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 52 ވަނަ މިނެޓުގައި ނޭޕާލުގެ ނަވްޔަންގް ޝެރެސްތާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބަންގްލަދޭޝްގެ އެމްޑީ ސުމަން ރިޒާއަށްވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ބަންގްލަދޭޝްއަށް މައްސަލަތަކެއް ކުރިމަތީވީ މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހްމާނަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ ނޭޕާލުގެ ކައުންޓަ އެޓޭކެއް ހުއްޓުވުމަށް އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

އެއާއެކު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނޭޕާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާއެވެ. މިއީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވަނާތު ޖޯޝް އަންޖަން ބިސްޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި މޮޅާއެކު ނޭޕާލް ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރާނެ ޓީމެއް އެނގޭނީ ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށްފަހުގައެވެ.

ލީގު ބުރުގެ އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، މި ވަގުތު ތާވަލުގެ އެއްވަނައިގައި ނޭޕާލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރާއްޖެއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް އިންޑިއާއަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓް ހޯދި ސްރީ ލަންކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved