އުރީދޫ ސާފް ޗެމްޕިއަންޝިޕް
އުރީދޫ ސާފް ޗެމްޕިއަންޝިޕް - އިންޑިއާގެ ތައްޔާރީތައް
 
ފައިނަލުގެ ޖާގައެއް އިންޑިއާއަށް ލިބޭނީ ރާއްޖެ ބަލިކޮށްގެން
 
މި މުބާރާތަކީ ޗެތުރީއަށް އެތައް ގޮތަކުން ޚާއްސަ މުބާރާތެއް
ކ. މާލެ |
ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު

މި ސަރަހައްދުގެ ގަދަ ދެ ބާރުގެ ކުރިމަތިލުމަކަށް ހަމަގައިމުވެސް ވެގެންދާނީ އިންޑިއާ އާއި ރާއްޖޭގެ ކުރިމަތިލުންތަކެވެ. ފުޓްބޯޅައިގައި ރާއްޖެއާ އެންމެ ވާދަވެރި ގައުމަކީވެސް އިންޑިއާއެވެ.

އިންޑިއާއިން އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުތީ އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމާއެކުއެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާ ކުޅެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު އިންޑިއާގެ މީޑިއާގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވިއެވެ. މި އަހަރު ރާއްޖޭގައި ބާއްވާ މުބާރާތަށް އިންޑިއާއިން އެގައުމުގެ ސީނިއާ ސްކޮޑް ނެރެފައިވާއިރު، އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެޕްޓަން ސުނިލް ޗެތުރީ ފޯމުގައި ހުރުމެވެ. އަދި މި މުބާރާތަކީ ޗެތުރީއަށް އެތައް ގޮތަކުން ޚާއްސަ މުބާރާތެކެވެ.

މިއީ އުމުރުން 37 އަހަރުގެ ފޯވާޑް ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނެ ފަހު މުބާރާތް ކަމަށް ބެލެވެއެވެ. އެކަމަކު އަދިވެސް އިންޑިއާ ޓީމު ބިނާވެފައިވަނީ ޗެތުރީއަށެވެ. އޭގެ ހެއްކަކީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް އިންޑިއާއިން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދިނީ ޗެތުރީ ކަމަށްވާތީއެވެ.

އިންޑިއާއިން މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އަވައްޓެރި ނޭޕާލާ އެކުވެރިކަމުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި އިންޑިއާއިން ވަނީ ނޭޕާލުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ ރާއްޖޭގެ ފޯވާޑްލައިނަށް ވިސްނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ލިބޭ ވަގުތު ކުރިއަށް ކުޅޭ ދެ ކުޅުންތެރިން މޫވުކުރާނެ ތަންތަނާ މެދު ސަމާލުކަން ދޭން ޖެހޭ ކަމަށްވެސް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމަކީވެސް އިންޑިއާއެވެ. އިންޑިއާއިން ވަނީ މި މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝާ 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަަނަ މެޗުން ވަނީ ސްރީ ލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗުގެ ފަހު ވަގުތު ޗެތުރީ ޖެހި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ވަނީ ނޭޕާލް ބަލިކޮށްފައެވެ.

އެއާއެކު އިންޑިއާ މި ވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި ފަސް ޕޮއިންޓާއެކުއެވެ. އެހެންކަމުން ފައިނަލުގެ ޖާގައެއް އިންޑިއާއަށް ލިބޭނީ ރާއްޖެ ބަލިކޮށްގެންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލީގު ބުރުގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ދަނޑުގައި ރާއްޖޭން ވަނީ އިންޑިއާއާ ތިން ފަހަރު ބައްދަލުކޮށްފައެވެ. އެ މެޗުތަކުގެ ތެރެއިން ރާއްޖެއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އިންޑިއާއިން ކާމިޔާބުކުރިއިރު، 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved