ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ޑެންމާކް ވޯލްޑް ކަޕަށް، ރޮނާލްޑޯގެ ހެޓްރިކާއެކު ޕޯޗުގަލަށް މޮޅެއް
 
އޮސްޓްރިއާ އަތުން ޑެންމާކް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ލަގްޒަމްބާގް އަތުން ޕޯޗުގަލް މޮޅުވީ 5-0 ގެ ނަތީޖާއަކުން
ކ. މާލެ |
ޑެންމާކާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް

އަންގާރަ ދުވަހުގެރޭ އޮސްޓްރިއާ ބަލިކޮށް ބަލިކޮށް، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވިއިރު، އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާއެކު ލަގްޒަމްބާގް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ. އޭގެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވީ ޑެންމާކުގެ އިތުރުން ގްރޫޕް ޖޭގެ އެއްވަނަ ޖަރުމަނެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އެއޮވައި ޑެންމާކް ވޯލްޑް ކަޕަށް ކޮލިފައިވީ އަންގާރަ ދުވަހުގެރޭ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ޑެންމާކުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔަކީމް މޭލާއެވެ.

މިއާއެކު ގްރޫޕް އެފްގެ އެއްވަނަ ޑެންމާކް ހޯދިއިރު، އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވީ ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު އަށް މެޗުންވެސް ޑެންމާކް މޮޅުވިއިރު، އެ ޓީމަށް ވަނީ 24 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްކޮޓްލެންޑަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިސްރާއީލަށް އަށް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

ޕޯޗުގަލާއި ލަގްޒަމްބާގް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގެ ގްރޫޕް އޭގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ލަގްޒަމްބާގް އަތުން ޕޯޗުގަލް މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި ރޮނާލްޑޯ ހެޓްރިކް ހެދިއިރު، އޭނާ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީތަކުންނެވެ. ދެން މި މެޗުގައި ޕޯޗުގަލުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ޕަލީނިއާއެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަކަށް އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ އެ ޝަރަފު ހޯދީ ޕޯޗުގަލުގެ ޖާޒީގައި ފުރިހަމަކުރި 10 ހެޓްރިކާއެކުއެވެ. މީގެ އިތުރުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރިކޯޑުވެސް އޮންނަ ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލަށް 115 ލަނޑު ޖަހައިދީފައެވެ.

ލަގްޒަމްބާގް އަތުން ހޯދި މޮޅާއެކު ޕޯޗުގަލް އޮތީ ގްރޫޕް އޭގެ ދެވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތީ އަންގާރަ ދުވަހުގެރޭ އަޒަބައިޖާން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި ސާބިއާއެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-1 ގެ ނަތީޖާއަކުން ހަންގޭރީއާ އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved