އިރާގުގެ އިންތިޚާބުގެ ނަތީޖާ
އިރާގުގެ އިންތިޚާބުގައި ކުރިހޯއްދެވީ ސަދްރު
 
ސަރުކާރެއް އެކުލަވައިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން މަދުވެގެން 165 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް
 
ސަދްރާއި އޭނާގެ ކެންޑިޑޭޓުން ވަނީ 73 ގޮނޑި ކާމިޔާބުކޮށްފައި
ކ. މާލެ |
އިރާގުގެ އިންތިހާބު ކާމިޔާބުކުރެއްވި ސަދްރު
ސީ.އެން.އެން

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިރާގުގެ އާންމު އިންތިޚާބުގައި، މުގްތަދާ އައްސަދްރު އާއި އޭނާ އަށް ތާއީދުކުރާ ކެންޑިޑޭޓުން ކުރި ހޯއްދަވައިފި ކަމަށް، ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

އިރާގުގެ ނުފޫޒު ގަދަ ޝީއީ ލީޑަރެއް ކަމައްވާ މުގްތަދާ ސަދްރާއި އޭނާގެ ކެންޑިޑޭޓުން 73 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. މި ކެންޑިޑޭޓުންގެ ތެރޭގައި ގިނައީ، ދެކުނުގައި ޝީއީންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގެ ދާއިރާތަކުން ވާދަކުރި ކެންޑިޑޭޓުންނެވެ.

2008 އާއި އެއްގޮތަށް، މިފަހަރު ސަދްރުގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބުނީ، ޝީއީންގެ މެޖޯރިޓީ ނެތް ސަރަހައްދުތަކުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުމުންނާއި، އޭގެ ބަދަލުގައި ޝީއީންގެ ސަރަހައްދުތަކުގައި ގިނަ ބަޔަކު ވޯޓު ލާން ނުކުމެ ސަދްރުގެ ކެންޑިޑޭޓުންނަށް ވޯޓު ލުމުންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮއްފައިވަނީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު އަލްހަލްބޫސީގެ ލީޑަރުކަމުގައި ވާދަކުރި "ތަގައްދުމް" ޕާޓީންނެވެ. މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އެ ޕާޓީން ޖުމްލަ 38 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

އިރާގުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ސަރުކާރެއް އެކުލަވައިލެވޭނީ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން މަދުވެގެން 165 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށެވެ. ނުވަތަ މަދުވެގެން އެ އަދަދަށް ގޮނޑި ހޯދިފައިވާ ކޯލިޝަން ޕާޓީތަކަކަށެވެ. ނަމަވެސް ވަގުތީ ނަތީޖާތަކަށް ބަލާއިރު، އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް ނުލިބެ އެވެ. އެހެންކަމުން، ގިނަ ޕާޓީތަކެއް ކޯލިޝަން ހަދައިގެން ނޫނީ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުހުލަތެއް ދިނުމައްފަހު، ވޯޓާ ބެހޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved