ނޫސްވެރިކަމުގެ އިނާމު
އަމްނާއަށް ނޫސްވެރިކަން ނުކުރެވޭނޭކަމަށް ބުނި، އުޖޫރަކާ ނުލާވެސް ނޫސްވެރިކަން ކުރަން ލައިޝާ ހުރީ ތައްޔާރަށް!
 
ރާްއްޖެޓީވީގެ ދެ ނޫސްވެރިޔަކަށް ވަނީ އެވޯޑް ލިބިފައި
ކ. މާލެ |
ސީނިއަރ ވީޑިއޯ ޖާނަލިސްޓް އަމްނާ އިމާދަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާ އިން ސީނިއަރ ވީޑިއޯ ޖާނަލިސްޓް ލައިޝާ އަހްމަދަށް އެވޯޑް ލިބުން
ރާއްޖެއެމްވީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނޫސްވެރިކަމުގެ އެވޯޑު ހަފްލާ ބާއްވާފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ. 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ތަފާތު 12 ކެޓެގަރީއަކަށް ހުޅުވާލާފައިވާއިރު، ޖުމްލަ 88 ހުށަހެޅުން ލިބިފައިވާކަމަށް އެމްއެމްސީން ބުނެފައިވެއެވެ. އެއީ 56 ނޫސްވެރިންގެ ފަރާތުންނެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް ހުށަހެޅުން ނުލިބޭތީ ދެ ކެޓަގަރީއަކުން އެވޯޑު ދީފައެއް ނުވެއެވެ. މިފަހަރުގެ އެވޯޑު ނުވަ ނޫސްވެރިޔަކު ހާސިލްކޮށްފައިވާއިރު ދެ ދާއިރާއަކުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކަށް ވެސް ވަނީ އެވޯޑު ލިބިފައެވެ.

އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ އިން ރާއްޖެޓީވީގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓް އަމްނާ އިމާދަށް އެވޯޑް ލިބިފައިވާއިރު ޝަރުއީ އަދި ގާނޫނީ ދާއިރާ އިން ސީނިއަރ ވީޑިއޯ ޖާނަލިސްޓް ލައިޝާ އަހްމަދަށް ވަނީ އެވޯޑް ލިބިފައެވެ. މިއީ ހަމަ ގައިމުވެސް ރާއްޖެޓީވީއަށް ލިބިގެން ދިޔަ އުފަލެކެވެ.

އަމްނާ ރާއްޖެޓީވީއާ ގުޅުނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އަމްނާ ރާއްޖެޓީވީގައި މަސައްކަތްކުރާއިރު ތިން އަހަރުވެފައިވާއިރު ނޫސްވެރިކަމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދިގެންދިޔައީ ގްރޭޑް 5 ގައި އުޅެނިކޮށް ޚަބަރު ކިޔުމުގެ މުބާރާތުން ދެވަނަ ލިބިގެންނެވެ. އެހިސާބުން އަމްނާ ނިންމީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. އަމްނާ އަށް މި ދާއިރާ އިން ކުރިއަށް ދިޔުމަށް ފުރުސަތުތައް ލިބުނު ނަމަވެސް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.

މި ދާއިރާއިން ޑިޕްލޮމާ ހާސިލްކުރުމަށްފަހު އަލަށް ވެސް ވަޒީފާއަކަށް ނިކުތީ މި ދާއިރާއަށެވެ. އެގޮތުން ބައެއް މީހުންގެ ފަރާތުން ވަރަށް ހިތްދަތި ބަސްތައް އަމްނާއަށް އަމާޒުވިއެވެ. ނޫސްވެރިކަން ނުކުރެވޭނެ ކަމަށާއި ޚަބަރު ނުކިޔޭނެ ކަމަށް ބުނެ ދާއިރާގެ ބައެއް މީހުން ވަނީ އަމްނާގެ ހިތްވަރު އެލުވާލާފައެވެ. ނަމަވެސް އާއިލާގެ ފަރާތުންނާއި ރައްޓެހިގެން ފަރާތުން ލިބުނު އެއްބާރުލުމާއެކު ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބުނެވެ. ރާއްޖެޓީވީގައި އުޅެމުން އަމްނާ މާސްޓާސް ނިންމިއެވެ.

އަމްނާ ބުނީ މި ދާއިރާއިން އިތުރަށް ކުރިއަށްދާން ފުރުސަތު ލިބުނީ ރާއްޖެޓީވީން ކަމަށެވެ. ރާއްޖެޓީވީން އެ ފުރުސަތު ފަހިކޮށް، ހިތްވަރު ދިން ކަމަށެވެ. އަމްނާއަށް އިޖްތިމާއީ ދާއިރާއިން އެވޯޑް ލިބިފައިވާއިރު މި ދާއިރާއަށް ބޮޑަށް ޝައުގުވެރިކަން އުފެދުނީ މުޖުތަމައުގައި ހުންނަ މައްސަލަތަކަށް ހައްލު ހޯދައިދޭން ބޭނުންވެގެންނެވެ.

ލައިޝާ ނޫސްވެރިކަމުގެ ދާއިރާއަށް ވަނީ 2018 ވަނަ އަހަރުއެވެ. ނޫސްވެރިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ނޫސްވެރިކަން ދަސްކުރަން ބޭނުންވާކަމަށް އަދި ވަޒީފާއަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ނޫންކަމުގައިވާނަމަ، އުޖޫރައެއް ނެތިވެސް ދަސްކުރަން ބޭނުންވާކަމަށް ބުނެ ވަޒީފާއަށް އެދުނެވެ. އެހެންނަމަވެސް ވަޒީފާއަށް އިއުލާން ކުރުމުން ކުރިމަތިލައި އިންޓަވިއުއިން ފާސްވެ ރާއްޖެޓީވީގެ ޓީމާއި ލައިޝާ ވަނީ ގުޅިފައެވެ.

ލައިޝާ އަކީ ޝަރުއީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާ އަދި ތަހުގީގީ ނޫސްވެރިކަމާ ގުޅޭ ޚަބަރުތައް ކަވަރު ކުރާ ނޫސްވެރިއެކެވެ. 2019 ވަނަ އަހަރު ރާއްޖެޓީވީގެ އެންމެ މަގްބޫލު ލިޔުންތެރިޔާގެ އެވޯޑް އަދި 2020 ވަނަ އަހަރުވެސް އެންމެ މަގްބޫލު ލިޔުންތެރިޔާގެ އެވޯޑާއި 2020 ވަނަ އަހަރުގެ އެންމެ މޮޅު ލިޔުންތެރިޔާގެ އެވޯޑް ވެސް ލައިޝާ ވަނީ ހާސިލްކޮށްފައެވެ. ޝަރުއީ ދާއިރާއަށް ލައިޝާގެ ޝައުގުވެރިކަން އުފެދިގެން ދިޔައީ އެ ދާއިރާއިން ތައުލީމު ހާސިލް ކުރަމުންދާތީއެވެ.

ލައިޝާ ބުނީ ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު، ކަންކަން ދަސްކުރުމާއި, މި ދާއިރާއިން ކުރިއަށް ދިއުމަށް މެނޭޖްމަންޓުން އަބަދުވެސް ފުރުސަތު ފަހިކޮށްދޭ ކަމަށެވެ.

ރާއްޖެޓީވީގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ މި ދެ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. މިފަދަ އެވޯޑް ހަފްލާއެއްގައި ރާއްޖެޓީވީގެ ދެ ނޫސްވެރިޔަކަށް އެވޯޑް ލިބުމަކީ ހަމަގައިމުވެސް ރާއްޖެޓީވީގައި މަސައްކަތް ކުރާ ނޫސްވެރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. ފަޚުރެކެވެ. އެދެނީ ލައިޝާ އާއި އަމްނާއަށް އަބަދުވެސް ކުރިއެރުމާއި ބާއްޖަވެރި މުސްތަގްބަލަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
4%
އަންތަރީސް ވެއްޖެ
63%
އުފާ ވެއްޖެ
4%
ދެރަ ވެއްޖެ
15%
ރުޅި ގަދަ ވެއްޖެ
11%
މޮޔަވެއްޖެ
4%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved