ޖަލުުގެ ހާލަތު
ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި!
 
ޖަލުގެ މަޝްހޫރު އަލްކަޓްރާޒް ގޮޅީގައި ގައިދީންނަށް އަނިޔާކޮށްގެން ގަދަކަމުން ބަޔާން ނަގާ ކަމަށް 1996 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ރިޕޯޓް ކޮށްފައިވޭ
 
ގައިދީންގެ ފަރާތުން ނެރޭ ބަޔާންތައް ޝާއިއުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދީފައިވޭ
ކ. މާލެ |
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި
ރާއްޖެއެމްވީ

ޖަލުގައި ތިބޭ ގައިދީންނަށް ބޭސްފަރުވާގެ ހައްގާއި، އެހެނިހެން އަސާސީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޖަލުގައި ޚާއްސަ ކްލިނިކެއް ގާއިމްކޮށް އެތަނުން ޑޮކްޓަރަށް ދެއްކުމާއި ކުދިކުދި ސާރޖަރީ ހެދޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ފަރުވާގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި، ގައިދީންނަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްވެސް މިހާރު ވަނީ ފަށާފައެވެ. މާފުށީ ޖަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ ޚާއްސަ ޑޮކްޓަރެއް ގެންގޮސް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ގައިދީންނަށް އެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. މާފުށީ ހެލްތް ސެންޓަރާ ގުޅިގެން އެ ސެންޓަރަށް ޒިޔާރަތްކުރާ ޚާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް މި އަހަރުތެރޭގައި ދެއްކި ގައިދީންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް 1787 ގައިދީއަކު ދައްކާފައިވެއެވެ. މީގެތެރެއިން އެންމެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ އެތެރެ ހަށީގެ ބަލިތަކަށެވެ. ހަމުގެ ބަލިތަކަށް 79 އިންސައްތަ ގައިދީން ވަނީ ފަރުވާ ހޯދާފައެވެ. ދެން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކާއި، ލޮލުގެ ބަލިތަކަށެވެ. ހިތުގެ ބަލިތަކަށް ފަރުވާ ހޯދާފައިވަނީ 33.2 އިންސައްތަ މީހުންނެވެ. އާއްމު ބަލިތަކުގެ މީހުންނަށް ދެއްކުމަށް 6،366 ގައިދީއަކު ރިކުއެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 6،216 ގައިދީއަކު މިހާތަނަށްވަނީ ޑޮކްޓަރަށް ދައްކާފައެވެ.

މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ބޭސްފަރުވާގެ ހައްގު ކަށަވަރު ކުރުމުގެ ގޮތުން އެތަނުގައި ގާއިމް ކޮށްފައިވާ ކްލިނިކުން ކުދިކުދި ސާރޖަރީތައްވެސް ގެންދަނީ ހަދަމުންނެވެ. އަދި ފިޒިއޮތެރަޕީގެ ޚިދުމަތްވެސް އެތަނުގައި ދެމުން އަންނަ ކަމަށް މާފުށީ ޖަލުން މައުލޫމާތުދެއެވެ. ޖަލުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭސްފަރުވާގެ ހައްގުގެ އިތުރުންވެސް އެހެނިހެން އަސާސީ ހައްގުތައް ނިގުޅައިގެންފައި ނުވާކަމުގެ ޔަގީންކަން ކަރެކްޝަނުން ވަނީ ދީފައެވެ. މިއީ މި ސަރުކާރުން ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެވެ.

ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމުގެ އަޑުތައް ގަދަވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި ޖަލުގެ ކަންކަން ބައްޓަންވެފައި އޮތީ، އޭރެއްގެ ސަރުކާރަކުން ބޭނުންވާ ގޮތަކަށެވެ. 2018 ވަނަ އަހަރުގެ ކުރީކޮޅު ޖަލުގައި ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ކަރެކްޝަންސްއިން ގިނަ އިނާޔަތްތަކެއް ދިނުން ހުއްޓާލިއެވެ. އޭގެ ތެރޭގައި އާއިލާއަށް ފޯނު ކުރުމުގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް އަދި އެކަހެރި ބައްދަލުވުންތައް ބޭއްވުން ފަދަ އިނާޔަތްތައް ހިމެނެއެވެ. މި ގޮތަށް ހަމަޖެއްސީ އޭރު ސިޔާސީ ގިނަ ބަޔަކު ޖަލަށްލުމާ ވިދިގެންނެވެ. ރައީސް ޔާމީން އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދުކުރި ލައިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާއަށް ރާއްޖޭގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް 2018 ވަނަ އަހަރު ތުހުމަތުކޮށް ބަޔާނެއްވެސް ވަނީ ނެރެފައެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ޖަލުގެ މަޝްހޫރު އަލްކަޓްރާޒް ގޮޅީގައި ގައިދީންނަށް އަނިޔާކޮށްގެން ގަދަކަމުން ބަޔާން ނަގާ ކަމަށް 1996 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި ރިޕޯޓެއްގައި ބުނެފައިވެއެވެ. އެ ރިޕޯޓްގައި ތާރީޚީ އިލްމުވެރިޔާ އަހުމަދުޝަފީގާއި މުހައްމަދު އިބްރާހިމް އަދި ބީއޭ ނަސީމްގެ ނަންވެސް ހިމަނާފައިވެއެވެ. ރައީސް ނަޝީދު ވެސް ޖަލުގައި އޮންނެވީ މި ގޮޅީގައެވެ.

ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން، 2018 ވަނަ އަހަރު ޖަލުން މިނިވަންކުރިއިރު އެކަށީގެންވާ ފަރުވާ ނުދެވިގެން ދެ ފައިގެ އިނގިލިތައް ގިރިފައި އޮތުމުން މީހެއްގެ ދެ ފައިގެ ބައެއް އިނގިލިތައް ބުރިކޮށްލަން ޖެހުނުކަން ރިޕޯޓުތަކުން ފެންނަން އެބައޮތެވެ. ޖަލުގައި ތިބޭ ފަރާތްތަކަށް އެކަށީގެންވާ ބޭސްފަރުވާގެ ޚިދުމަތް ނުލިބޭކަމަށް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ބުނެފައިވާއިރު، ގައިދީންގެ ފަރާތުން ނެރޭ ބަޔާންތައް ޝާއިއުކުރާ މީޑިއާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފައިވެއެވެ.

އަޑުއެހުންތައް ނިމުމަށްފަހު ހުކުމްނުކޮށް ގިނަ ބަޔަކު ޖަލުގައި ބައްތިއްބާ ކަމަށް އެޗްއާރުސީއެމުން 2017 ވަނަ އަހަރު ބުނެފައިވެއެވެ. އެގޮތުން ހުކުމްނުކޮށް، ތިން އަހަރު ހަތަރު އަހަރު ވެސް މީހުން އެއްވެސް އެއްޗެއް ނާންގައި ބައިތިއްބާފައިވެއެވެ. ގަދަ ވަޔާއި ވާރޭގައި ޖެހި 2016 ވަނަ އަހަރު ޖަލުގެ ފާރުން 230 މީޓަރުގެ ބޮޑު ބައެއް ވެއްޓިފައިވާއިރު، އޭރު އެމަސައްކަތުގައި އުޅުނު ޖަލު އޮފިސަރަކު އެ އަހަރު ބުނެފައިވަނީ ޖަލު މަރާމާތު ކުރަނީ އެކަށީގެންވާ ވަސީލަތާ އާލާތްތައް ނެތި ކަމަށެވެ. މިގޮތުން އޭނާ ފާހަގަކުރީ 20 ފޫޓު އުސް 8 އިންޗި ފުޅާ މި ފާރުން ވެއްޓުނު ބައި އަލުން ރާނަން ބޭނުން ކުރީ އެވަރުގެ ބޮޑު ފާރަކަށް އެކަށީގެންވާ އެއްޗެއްސެއް ނޫން ކަމުގައެވެ.

ޖަލުގެ ހާލަތު ރަނގަޅުކުރުމަށް މިސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ވާނުވާ ބަންދުގައި ތިބޭ މީހުން މަދުކުރުމަށް ޕީޖީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޖަލުގެ ހާލަތު މިދިޔ ފަސް އަހަރާ އަޅާބަލާއިރު ރަނގަޅުކަމަށާއި، ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved