އުރީދޫ ސާފް ޗެމްޕިއަންޝިޕް
ސަޕޯޓަރުންގެ ހިތްވަރަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން: ސުޒޭން
 
އިންޑިއާއާ އެއްވަރުކޮށްގެންވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބޭނެ
 
ޕޮއިންޓަކާއެކު ފައިނަލަށް ދާން ރާއްޖޭން ނުވިސްނާ ކަމަށް ސުޒޭން ބުނި
ކ. މާލެ |
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން
އިމޭޖަސް.އެމްވީ

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ އިންޑިއާ އާއި ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަޕޯޓަރުންގެ ހިތްވަރު ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، މި މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ.

މި މެޗުގެ ކުރިން އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މި މެޗަށް ނުކުންނައިރު، ދިވެހި ސަޕޯޓަރުންގެ ހިތްވަރު ފެނި ކުޅުންތެރިންނަށް އިތުރު މޯޓިވޭޝަނެއް ލިބިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ސަޕޯޓަރުން މާޔޫސްވިޔަ ނުދިނުމަށް ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ސަޕޯޓަރުންނަށްޓަކައި އެ ހިތްވަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެން މި ކިޔާ 12 ވަނަ ކުޅުންތެރިޔާ. އެ ކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މޯޓިވޭޝަނެއް އެއީ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން

ސުޒޭން ބުނީ މި މެޗުން ޕޮއިންޓަކުން ފުއްދާލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު ޕޮއިންޓަކާއެކު ފައިނަލަށް ދާން ރާއްޖޭން ނުވިސްނާ ކަމަށެވެ.

އަދި އިންޑިއާއާ ބެހޭ ގޮތުން ސުޒޭން ބުނީ ޕޮއިންޓްގެ ގޮތުން ރާއްޖެ އާއި ނޭޕާލަށްވުރެ ފަހަތުގައި އިންޑިއާ އޮތް ނަމަވެސް، އެ ޓީމަކީ މި ސަރަހައްދުގެ ގަދަ ބާރު ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރާނަމަ އެކަން ކުރެވޭނީ އިންޑިއާ ބަލިކޮށްގެން ކަމަށްވެސް ސުޒޭން ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލީގު ބުރުގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ދަނޑުގައި ރާއްޖޭން ވަނީ އިންޑިއާއާ ތިން ފަހަރު ބައްދަލުކޮށްފައެވެ. އެ މެޗުތަކުގެ ތެރެއިން ރާއްޖެއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އިންޑިއާއިން ކާމިޔާބުކުރިއިރު، 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved