ރާއްޖެ މެޗުގެ ޓިކެޓު ވިއްކުން
ތިން ގަޑިއިރު ތެރޭގައި ޓިކެޓުތައް ވިކި ހުސްވެއްޖެ
 
މި ފަހަރު ސަޕޯޓަރުންނަށް ވިއްކާފައިވަނީ 3،000 ޓިކެޓު
 
މި ފަހަރު ވިއްކާފައިވަނީ މީހަކަށް ގިނަވެގެން ދެ ޓިކެޓު
ކ. މާލެ |
ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓް ގަންނަން ސަޕޯޓަރުން ކިޔޫގައި
އަދަދު

މިހާރު ރާއްޖޭގައި ކުރިއަށްދާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ބެލުމަށް ސަޕޯޓަރުންނަށް ވިއްކަން ކަނޑައެޅި 3،000 ޓިކެޓު ތިން ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެއްޖެއެވެ.

ޓިކެޓު ވިއްކުން އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުން ފެށިއިރު، ޓިކެޓު ގަތުމަށް ހޯމަ ދުވަހުގެރޭ ދަންވަރުން ފެށިގެން މީހުން ވަނީ ކިޔޫގައި ޖެހެން ފަށާފައެވެ. އަދި ޓިކެޓު ވިއްކަން ފެށިއިރު ޒުވާނުންގެ މަރުކަޒުން ފެށި ކިޔޫ އައިޖީއެމްއެޗާ ހަމައަށް އޮތެވެ.

ޓިކެޓު ވިއްކަން ފެށިތާ ތިން ގަޑިއިރާ 30 މިނެޓުގެ ތެރޭގައި ޓިކެޓުތައް ވިކި ހުސްވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި ފަހަރު ވިއްކާފައިވަނީ މީހަކަށް ގިނަވެގެން ދެ ޓިކެޓެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ދަނޑަށް 12،000 މީހުންނަށް ވަދޭވޭއިރު، މިހާރު ދަނޑަށް ވަދެވެނީ 5،000 މީހުން ކަމަށެވެ. އެކަމަކު ގައުމީ ފުޓްބޯޅަ ދަނޑު މަރާމާތު ކުރުމަށް ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މަޚްލޫފް އިތުރަށް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ލިބުނު ފިލާވަޅުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު މަސައްކަތްކޮށް، އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. މިހާރު އޮތްގޮތުން އެ ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗުވެސް އެއްވަރުވެއްޖެނަމަ ފައިނަލުގައި ކުޅޭނީ ރާއްޖެ އާއި ނޭޕާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
50%
އަންތަރީސް ވެއްޖެ
50%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved