ބްރެޒިލްގެ ކޮވިޑު ޙާލަތު
ބޮލްސޮނާރޫ ނޫސްވެރިންނަށް: "އަލަށްތަ ކޮވިޑުގައި މީހަކު މަރުވީ، ފޫހި ސުވާލު ނުކުރޭ"
 
ނޫސްވެރިންގެ ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް ބޮލްސޮނާރޯއަށް ދަނީ އަމާޒުވަމުން
 
އެ ޤައުމުން މަރުވި މީހުންގެ އަދަދު ހުކުރު ދުވަހު ވަނީ ހަލައްކަ ފަހަނައަޅާ ގޮސްފައި
 
ވެކްސިން ޕާސްޕޯޓެއް ކޮންމެހެން އޮންނަންޖެހޭތޯ ސުވާލު ކުރައްވާފައިވޭ
ކ. މާލެ |
ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ
އޭއެފްޕީ

ކޮވިޑް-19 ބަލިމަޑުކަމުގައި މީހުން މަރުވަމުންދަނީ އަލަށް ނޫންކަމަށާއި، އެއީ މިހާރު ފޫހި ވާހަކަތަކެއް ކަމަށް ބްރެޒިލްގެ ރައީސް ޚައިރް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.

ބްރެޒިލްގައި ކޮވިޑު ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދުތަކުން މައްޗަށް ގޮސް، އެންމެ ފަހުން އެ ޤައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ ހަލައްކައިން މައްޗަށް ގޮސްފައެވެ. އެއާއެކު އާންމުންނާއި، ނޫސްވެރިންގެ ގިނަ ސުވާލުތަކާއި ކަންބޮޑުވުންތައް ބޮލްސޮނާރޯއަށް ދަނީ އަމާޒުވަމުންނެވެ.

ހޯމަ ދުވަހު ސައުޕޯލޯ ސްޓޭޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ނޫސްވެރިއަކު ވަނީ އެކަމާ ގުޅޭ ސުވާލުތައް ބަންޑުންކޮށްލާފައެވެ. އެއާއެކު ކޯފާ އިސްކުރައްވައި ބޮލްސޮނާރޯ ވަނީ ކޮވިޑު ބަލީގައި މީހަކު މަރުނުވަނީ ކޮން ޤައުމެއްގައިތޯ ސުވާލު ކުރައްވައި، އެއީ މިހާރު ފޫހި ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

ބޮލްސޮނާރޯ ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގަތީ ފޫހި ސުވާލު އަޑުއައްސަވަން ނޫން ކަމަށެވެ. އަދި ވެކްސިން ޕާސްޕޯޓެއް ކޮންމެހެން އޮންނަންޖެހޭތޯ ސުވާލު ކުރައްވައި ބޮލްސޮނާރޯ ވިދާޅުވީ، ދާދި ފަހުން ފުޓުބޯޅަ މެޗެއް ބައްލަވަން ވަޑައިގަންނަވަން ބޭނުންވި ކަމަށާއި، ނަމަވެސް އެކަމަށް ވެސް ވެކްސިން ޖަހާފައިވުން ޝަރުތު ކޮށްފައިވާކަމަށެވެ. އަދި އެއީ ކޮން ބޭނުމަކު ކުރާ ކަމެއްތޯ ވިދާޅުވެ ބޮލްސޮނާރޯ ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.

ބްރެޒިލްއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ހުކުރު ދުވަހު ވަނީ ހަލައްކަ ފަހަނައަޅާ ގޮސްފައެވެ. ބްރެޒިލްގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު ރެކޯޑު އަދަދުތަކުން ރިޕޯޓު ކުރެވެމުންދާއިރު، ދާދި ފަހުން ވެސް ބޮލްސޮނާރޯ ވަނީ  އެކަމާ ހިތާމަނުކޮށް، އެންމެން ވެސް ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ ކުރިން ވެސް ބޮލްސޮނާރޯވަނީ އެކި ފަހަރުމަތިން ކޮވިޑަކީ ސީރިއަސް އެއްޗެއް ނޫންކަމަށް ދޭހަވާ ބީދައިން ވާހަކަ ދައްކަވާފައެވެ. އެގޮތުން ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑާ ގުޅިގެން އަޅާ އެކި ފިޔަވަޅުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
67%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
33%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved