ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން
 
ނޯތު މެސެޑޯނިއާ އަތުން ޖަރުމަން މޮޅުވީ 4-0 ގެ ނަތީޖާއަކުން
 
ގްރޫޕް ޖޭގެ އެއްވަނަ ޖަރުމަނުން ކަށަވަރުކުރީ 21 ޕޮއިންޓާއެކު
ކ. މާލެ |
ނޯތު މެސެޑޯނިއާ އާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް

ހޯމަ ދުވަހުގެރޭ ނޯތު މެސެޑޯނިއާ ބަލިކޮށް، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަކަށް ޖަރުމަން ވެއްޖެއެވެ.

ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ. ވޯލްޑް ކަޕުގައި ޖުމްލަ 32 ގައުމު ވާދަކުރާއިރު، ޔޫރަޕުން މި މުބާރާތަށް ކޮލިފައިވާނީ 13 ގައުމެވެ.

އެގޮތުން ކޮލިފައިން ކުޅެ މުބާރާތުގެ ޖާގައެއް ހޯދި ފުރަތަމަ ގައުމުގެ ޝަރަފު ޖަރުމަނުން ހޯދާފައިވަނީ ބާކީ ދެ މެޗު އޮއްވައެވެ. ކޮލިފައިންގެ ގްރޫޕް ޖޭގައި ޖަރުމަން ވާދަކުރަމުން އަންނައިރު، ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނޯތު މެސެޑޯނިއާ އަތުން އެ ޓީމު މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ގްރޫޕް ޖޭގެ އެއްވަނަ ޖަރުމަނުން ކަށަވަރުކުރީ ކުޅުނު އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރޯމޭނިއާއަށް އަށް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޯތު މެސެޑޯނިއާ އާއި ހަތަރުވަނައިގައި އޮތް އާމީނިއާއަށް އަށް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ހޯމަ ދުވަހުގެރޭ ނޯތު މެސެޑޯނިއާގައި ކުޅުނު މެޗުގައި ޖަރުމަނުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ. މި މެޗުގައި ޖަރުމަނުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އަދި އޭގެ ފަހުން ގާތް ގާތުގައި ދެ ލަނޑު ޖަހައި، ޓިމޯ ވާނާ ވަނީ ޖަރުމަނުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޖަރުމަނުން ޖެހި ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަމާލް މުސިއާލާއެވެ. އެއާއެކު އުމުރުން 18 އަހަރުގެ މުސިއާލާ ވެފައިވަނީ ޖަރުމަން ޓީމަށް ލަނޑު ޖަހައިދިން ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މި މެޗުން މޮޅުވެ ވޯލްޑް ކަޕުގެ ޖާގައެއް ޖަރުމަނުން ކަށަވަރުކުރިއިރު، ކޮލިފައިންގައި ގްރޫޕް ޖީގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނެދަލެންޑްސް ވަނީ ފަސޭހަކަމާއެކު ޖަބްރާލްޓާ އަތުން 6-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ނެދަލެންޑްސް އޮތީ ގްރޫޕް ޖީގެ އެއްވަނައިގައި އަށް މެޗުން 19 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޯވޭއަށް އަށް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ތުރުކީއަށް އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved