ރާއްޖެ މެޗުގެ ޓިކެޓު ވިއްކުން
ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު ގަންނަން ކިޔޫ ހަދަން ފަށައިފި
 
މަޚްލޫފް ވަނީ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި
 
ޓިކެޓު ވިއްކަން ފަށާނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
ކ. މާލެ |
ޓިކެޓު ގަތުމަށް ކިއު ހަދާފައިވާ މީހުންނާ މަޚްލޫފް ބައްދަލުކުރައްވަނީ
Twitter/Ahmed Mahloof

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ގަތުމަށް ހޯމަ ދުވަހުގެރޭ ކިޔޫ ހަދަން ފަށައިފިއެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުންނެވެ. އެއާއެކު ހޯމަ ދުވަހުގެރޭ ދިވެހި ސަޕޯޓަރުން ކިޔޫ ހަދަން ފެށިއިރު، ހޯމަ ދުވަހުގެރޭ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުން ޓިކެޓު ގަތުމަށް ކިޔޫ ހެދޭނީ ހެނދުނު 9:30 ގެ ފަހުންނެވެ. އެކަމަކު ހޯމަ ދުވަހުގެރޭ ކިޔޫގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވެފައި ވަނީ "ޓިކެޓު ގަތުމަށް މިހާރު ކިޔޫ ހަދާފަައި ތިބި ފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު" ކަމަށެވެ. އަދި ވުޒާރާ އާއި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތަށް އިންތިޒާމު ކުރެވެމުން އަންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މި މެޗަށް ސަޕޯޓަރުންނަށް ވިއްކާނީ 3،000 ޓިކެޓު ކަމަށް ބުނެފައެވެ. އެފްއޭއެމުން މި ފަހަރު ކަނޑައަޅާފައިވާ ގޮތުން މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓެވެ. އަދި އެ މެޗަށް އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓުތައް ގަންނަން ޖެހޭނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓު ކައުންޓަރުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved