ކެނެރީގެ ސަރަހައްދުގައި އިން މީހަކު ފޮނުވާލުން
ކެނެރީގެ ސަރަހައްދުގައި މަޑުކޮށްގެންއިން މީހަކު ފޮނުވާލާ ވީޑިއޯއެއް އާންމުވެއްޖެ
 
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއެއްގެ ބިރު އަދިވެސް އެބައޮތްކަމަށް
 
ރައީސް ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި
ކ. މާލެ |
ކެނެރީގެ ސަރަހައްދުގައި މަޑުކޮށްގެން އިން މީހަކު ފޮނުވާލަނިކޮށް
ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގެ ސަރަހައްދުގައި މަޑުކޮށްގެން އިން މީހަކު ފުލުހުން ގޮސް އެ ސަރަހައްދުން ފޮނުވާލާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ކެނެރީގެ ސަރަހައްދުން ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ރައީސް ނަޝީދު ވަޑައިގެންނެވުމަށްފަހު ހޯމަ ދުވަހު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ. އެއާއެކު ސަލާމަތީ ބާރުތަކުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

ހޯމަ ދުވަހުގެރޭ އާންމުވި ވީޑިއޯއަށް ބަލާއިރު، ކެނެރީގެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި މަޑުކޮށްލައިގެން އިނދެ ފޯނާ ކުޅެން އިން މީހަކު ދެ ފުލުހުން ގޮސް ވަނީ އެ ސަރަހައްދުން ފޮނުވާލާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް, ދިން ހަމަލާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެފަހުން ދުބާއީއަށް ވަޑައިގެންނެވީ، "އެކްސްޕޯ 2020"ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މި ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ.

ފަރުވާއަށް ފަހު އެނބުރި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއެއްގެ ބިރު އަދިވެސް އެބައޮތްކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް, މިހާރު ވަނީ ޝަރީއަތް ފަށާފައެވެ. މިމައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް އަންނަނީ ކުރިޔަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
24%
އަންތަރީސް ވެއްޖެ
15%
އުފާ ވެއްޖެ
4%
ދެރަ ވެއްޖެ
15%
ރުޅި ގަދަ ވެއްޖެ
38%
މޮޔަވެއްޖެ
5%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved