ރާއްޖެ މެޗުގެ ޓިކެޓު ވިއްކުން
ސަޕޯޓަރުންނަށް 3000 ޓިކެޓު، ޓިކެޓު ގަތުމަށް ފަސޭހަ އިންތިޒާމެއް
 
މި ފަހަރު މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓު
 
ޓިކެޓު ވިއްކުމަށް ޚާއްސަ ތިން ކައުންޓަރެއް ހުންނާނެ
ކ. މާލެ |
ރާއްޖެ އާއި ލަންކާ މެޗުގެ ޓިކެޓު ނުލިބިގެން އާންމުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން
ވަގުތު.އެމްވީ

މިހާރު ރާއްޖޭގައި ކުރިއަށްދާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ސަޕޯޓަރުންނަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ހަމަޖައްސައިފިއެވެ.

އެފްއޭއެމުން ވަނީ ކުރިއަށް އޮތް އިންޑިއާ މެޗަށް ސަޕޯޓަރުންނަށް ވިއްކާނީ 3،000 ޓިކެޓު ކަމަށް ބުނެފައެވެ. އަދި ޓިކެޓު ވިއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު، ޓިކެޓު ވިއްކަން ފަށާނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ޒުވާނުންގެ މަރުކަޒުންނެވެ. އެފްއޭއެމުން މައުލޫމާތުދޭ ގޮތުން ޓިކެޓު ވިއްކުމަށް ޚާއްސަ ތިން ކައުންޓަރެއް ހުންނާނެއެވެ. އެފްއޭއެމުން މި ފަހަރު ކަންޑައަޅާފައިވާ ގޮތުން މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓެވެ. އަދި އެ މެޗަށް އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓު ގަންނަން ޖެހޭނީ ގައުމީ ފުޓްބޯޅަ ދަނޑުގެ ޓިކެޓު ކައުންޓަރުންނެވެ.

ހޯމަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސަޕޯޓަރުންނަށް ވިއްކަން 3،000 ޓިކެޓް ކަނޑައެޅީ ސްޕޮންސަރުންނާ ވާހަކަ ދެއްކުމަށްފަހުގައި ކަމަށާއި، އަދި އެއީ މި ވަގުތައް އެ މެޗަށް ވިއްކަން އޮތް އެންމެ ގިނަ އަދަދުގެ ޓިކެޓު ކަމަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ކުރިއަށް އޮތް މެޗަށް ދަނޑަށް ނުވަދެވޭ ސަޕޯޓަރުންނަށްވެސް ފަސޭހައިން މެޗު ބަލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެކަންކަން ފަހުން އިއުލާންކުރާނެ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ މެޗުތަކުގެ ޓިކެޓު ހޯދުމުގެ ފޯރި ގަދަވެފައިވާއިރު، އާދީއްތަ ދުވަހު ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗުގެ ޓިކެޓުތައް ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ވިއްކަން ފެށުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ.

ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ވަނީ 2،500 ޓިކެޓު ޚާއްސަކޮށްފައެވެ. އެއާއެކު މިދިޔަ މެޗުގެ ޓިކެޓު ލިބުން ދަތިވުމުން ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި މުޒާހަރާކުރިއިރު، އެފްއޭއެމުން ފަހުން ވަނީ އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކާފައެވެ. އެ 1،000 ޓިކެޓު ޒުވާނުންގެ މަރުކަޒުން ވިއްކިއިރު، ޓިކެޓް ވިއްކަން ފެށުމުގެ ފަސް ގަޑިއިރު ކުރިން ސަޕޯޓަރުން ޒުވާނުންގެ މަރުކަޒުގެ ކައިރީގައިވެސް އެ ފަހަރު ކިޔޫ ހެދިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާށތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. މިހާރު އޮތްގޮތުން އެ ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗުވެސް އެއްވަރުވެއްޖެނަމަ ފައިނަލުގައި ކުޅޭނީ ރާއްޖެ އާއި ނޭޕާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved