އެފްއައިވީބީގެ ރައީސް ރާއްޖެ ވަޑައިގަތުން
ވޮލީގެ މުހިންމު މަޝްވަރާތަކަކަށް އެފްއައިވީބީގެ ރައީސް ރާއްޖެއަށް
 
ވޮލީބޯޅައިގެ ކުރިމަގާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރާނެ
 
ގްރާސާ ރާއްޖެ ވަޑައިގެންނެވީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި
ކ. މާލެ |
އެފްއައިވީބީގެ ރައީސް އަރީ ގްރާސާއާއެކު ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފާއި ވީއޭއެމުގެ ރައީސް ރަނޭޝް
ކުޅިވަރާ ބެހޭ ވުޒާރާ

ބީޗް ވޮލީބޯޅައިގެ މުހިންމު މަޝްވަރާތަކަކަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީ ރައީސް ބްރެޒިލުގެ އަރީ ގްރާސާ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ގްރާސާ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ދައުވަތަކަށެވެ.

ގްރާސާގެ މިދަތުރުފުޅުގައި ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަގާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފްއައިވީބީން ހިންގާ ވޮލީބޯޅަ އެމްޕަވަމެންޓް ގްރާންޓްގެ ދަށުން އެފްއައިވީބީގެ ހައި ޕާފޯމަންސް ކޯޗެއް ރާއްޖޭގެ ގައުމީ ޓީމަށް ހަމަޖެއްސުމަށްޓަކައި މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން ރާއްޖޭގައި ބީޗް ވޮލީބޯޅަ ފުޅާކުރުމަށް މަޝްވަރާކުރާއިރު، އެފްއައިވީބީން އުފައްދާފައިވާ ޓުއާއެއް ކަމަށްވާ ބީޗް ވޮލީބޯލް ޕްރޯ ޓުއާއެއް އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ދެއްކި އިންޓަވިއުއެއްގައި ގްރާސާ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށާއި، އެހެންކަމުން ފަތުރުވެރިންނަށް އަމާޒުކޮށް ބީޗް ވޮލީބޯޅައިގެ ގިނަކަންކަން ރާއްޖޭގައި ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖެއަކީ ބީޗް ވޮލީބޯޅައިގެ ޑެސްޓިނޭޝަނަކަށް މުސްތަގުބަލުގައި ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ އެފްއައިވީބީއާ މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަމުން އަންނަނީ ބީޗް ވޮލީބޯޅައިގެ ކަންކަމުގައި ކަމަށާއި، އެގޮތުން އެފްއައިވީބީގެ ބީޗް ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި މި މަޝްވަރާގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޓޭކް ހޯލްޑަރުންނާވެސް މަޝްވަރާ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރަނޭ ވިދާޅުވީ މިއީ މުޅި ދުނިޔެއަށް ރާއްޖެ މާކެޓުކޮށް، ސްޕޯޓްސް ޓުއަރިޒަމުގެ ތެރެއަށް ރާއްޖޭގެ ވޮލީބޯޅަ ވަނުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ އެފްއައިވީބީގެ ރައީސް ރާއްޖެ ވަޑައިގަތުން އެއީ ކުޅިވަރު އާއިލާއަށް އިތުރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ވޮލީބޯޅައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް އިސްކަންދެއްވާ ކުޅިވަރެއް ކަމަށާއި، އެހެންކަމުން ވޮލީބޯޅައިގެ ކުރިއެރުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބްރެޒިލުގެ ކުރީގެ ވޮލީ ކުޅުންތެރިޔާ ގްރާސާ ރާއްޖެ ވަޑައިގެންނެވިއިރު، އެ މަނިކުފާނު ވެގެންގޮސްފައިވަނީ އޮލިމްޕިކް ކުޅިވަރު ފެޑަރޭޝަންތަކުގެ ރައީސުންގެ ތެރެއިން ރާއްޖެ ވަޑައިގެންނެވި ދެވަނަ ރައީސަށެވެ. މީގެ ކުރިން 2019 ވަނަ އަހަރު ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ ރައީސް ތޯމަސް ވެއިކާޓް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved