އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު
އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުތީ 41 އިންސައްތަ މީހުން
 
ނަތީޖާ ހާމަކުރެވޭވަރުވާނީ 48 ގަޑިއިރުގެ ތެރޭގައި
 
2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.5 އިންސައްތަ މީހުން ވޯޓުލާން ނިކުމެފައިވޭ
 
މިއީ އިރާގުގައި އޮތް ސަރުކާރު އެމެރިކާ ސިފައިން އަރާ 2003 ވަނަ އަހަރު ވައްޓާލިފަހުން އެގައުމުގައި ކުރިޔަށްގެންދިޔަ ފަސް ވަނަ އާންމު އިންތިޚާބު
ކ. މާލެ |
އިރާގުގައި ކުރިޔަށް ގެންދިޔަ އިންތިޚާބުގައި މީހަކު ވޯޓުލާފައި އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލަނީ
އަލްޖަޒީރާ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުތީ 41 އިންސައްތަ މީހުންކަމަށް އިރާގުގެ އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއީ އިރާގުގައި އޮތް ސަރުކާރު އެމެރިކާ ސިފައިން އަރައި 2003 ވަނަ އަހަރު ވައްޓާލިފަހުން އެގައުމުގައި ކުރިޔަށްގެންދިޔަ ފަސް ވަނަ އާންމު އިންތިޚާބެވެ. އަދި ފާއިތުވި އަހަރުތަކުގައި ކުރިޔަށް ގެންދިޔަ ގާނޫނު ހަދާ މަޖިލީސްތަކުގެ އިންތިޚާބުގައި ވޯޓުލާން އެންމެ މަދުން މީހުން ނިކުތީ ވެސް މިއިންތިޚާބުގައެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 44.5 އިންސައްތަ މީހުން ވޯޓުލާން ނިކުމެފައިވެއެވެ.

ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުއެވެ. 11 ގަޑިއިރު ވަންދެން ވޯޓުލުން ކުރިޔަށް ގެންގޮސްފައިވެއެވެ. ނަތީޖާ ހާމަކުރެވޭވަރުވާނީ 48 ގަޑިއިރު ތެރޭގައި ކަމަށް އިންތިޚާބު ކުރިޔަށްދިޔަ ގޮތް މޮނިޓަރ ކުރި މިނިވަން ފަރާތަކުން ވަނީ ބުނެފައެވެ. ނަތީޖާ ހާމަކުރިނަމަވެސް ބޮޑުވަޒީރެއް ކަނޑައެޅުމުގައި ގިނަ ދުވަސްތަކެއް ނަގާނެކަމަށް ބެލެވެއެވެ. ފަހަރުގައި މަސްތަކެއް ވެސް ނަގާފާނެކަމަށް ވަނީ ބެލިވެފައެވެ.

މިހާރުވެސް ވެރިކަންކުރަމުންދާ ޝީއީންނަށް ބޮޑު ތަނުން ކާމިޔާބުލިބޭނެކަމަށް ވަނީ ބެލިފައެވެ. ޝީޢީންގެ ޝެއިޚެއްކަމުގައިވާ މުސްތާގު އަލް ޞަދްރްގެ މޭސްތިރިކަމުގެ ދަށުން ގިނަ ގޮނޑިތަކެއް އެޖަމާއަތުން ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ. ނަމަވެސް މިނަތީޖާއާއެކު އިރާގުގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ނުދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މަދު ބަޔަކު ވޯޓުލާން ނިކުތުމާއެކު ދެން އެކުލަވާލާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 167 ޕާޓީއަކުން 3200 ކެންޑިޑޭޓުން ވާދަކުރިއެވެ. މި އިންތިޚާބުގައި އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ޚާދިމީ ވާދައެއް ނުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved