ރާއްޖެ މެޗުގެ ޓިކެޓު ވިއްކުން
ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު ވިއްކަން ފަށާނީ މާދަމާ
 
ޓިކެޓު ގަންނަން ހޯމަ ދުވަހު ސަޕޯޓަރުން ކިޔޫ ހެދި
 
ޓިކެޓު ވިއްކާ ގަޑި އާއި ތަން ފަހުން އިއުލާންކުރާނެ
ކ. މާލެ |
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ޓިކެޓު ގަންނަން ދިވެހި ސަޕޯޓަރުން ހެދި ކިޔޫ
އިސްމާޢީލް ޝާހް

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ވިއްކަން ފަށާނީ އަންގާރަ ދުވަހު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެ މެޗުގެ ޓިކެޓު ހޯމަ ދުވަހު ވިއްކަން ފަށާނެ ކަމަށް ބަލައި، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބައެއް ދިވެހި ސަޕޯޓަރުން ވަނީ ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި ކިޔޫ ހަދާފައެވެ. އެއާއެކު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ސާފް ޗެމްޕިއަންޝިޕުގައި ބުދަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތައް ވިއްކަން ފަށާނީ އަންގާރަ ދުވަހު ކަމަށެވެ. އަދި ޓިކެޓު ވިއްކާ ގަޑި އާއި ތަން ފަހުން އިއުލާންކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅޭ މެޗުތަކުގެ ޓިކެޓް ހޯދުމުގެ ފޯރި ގަދަވެފައިވާއިރު، އާދީއްތަ ދުވަހު ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗުގެ ޓިކެޓުތައް ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ވިއްކަން ފެށުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ.

ޖުމްލަ 4،800 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އާއި، އެފްއޭއެމުގެ ސްޕޮންސަރުންނާއި އަދި ފުޓްބޯޅަ ކުލަބުތަކަށް ވަނީ 2،500 ޓިކެޓު ޚާއްސަކޮށްފައެވެ. އެއާއެކު މިދިޔަ މެޗުގެ ޓިކެޓު ލިބުން ދަތިވުމުން ސަޕޯޓަރުން ގައުމީ ފުޓްބޯޅަ ދަނޑު ކައިރީގައި މުޒާހަރާކުރިއިރު، އެފްއޭއެމުން ފަހުން ވަނީ އިތުރު 1،000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކާފައެވެ. އެ 1،000 ޓިކެޓު ޒުވާނުންގެ މަރުކަޒުން ވިއްކިއިރު، ޓިކެޓް ވިއްކަން ފެށުމުގެ ފަސް ގަޑިއިރު ކުރިން ސަޕޯޓަރުން ޒުވާނުންގެ މަރުކަޒުގެ ކައިރީގައިވެސް އެ ފަހަރު ކިޔޫ ހެދިއެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް އަންގާރަ ދުވަހު ވިއަކަން ފަށާއިރު، އެފްއޭއެމާ ވާހަކަ ދައްކައިގެން ޓިކެޓު ވިއްކުމަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ބާކީ ތިން މެޗު އޮތްއިރު، މުބާރާށތުގެ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ ބުދަ ދުވަހު ކުޅޭ ދެ މެޗަށްފަހުއެވެ. އެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާއިރު، އެ ދުވަހު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ނޭޕާލެވެ. މިހާރު އޮތްގޮތުން އެ ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗުވެސް އެއްވަރުވެއްޖެނަމަ ފައިނަލުގައި ކުޅޭނީ ރާއްޖެ އާއި ނޭޕާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
100%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved