މީރާގެ ތަފާސްހިސާބު
މިދިޔަ މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަނެފި
 
ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ
 
މިއީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 8.6 އިންސައްތަ އިތުރު އަދަދެއް
 
މި އަދަދަކީ ވޭތުވެދިޔަ އަހަރު މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 އިންސައްތައަށްވުރެ އިތުރު އަދަދެއް
ކ. މާލެ |
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ،
ޔޫސުފް ސޮފްވާން ރަޝީދު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން 1.98 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން ބުނީ ސެޕްޓެންބަރު 2021 ގައި 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށާއި، މި އަދަދަކީ ވޭތުވެދިޔަ އަހަރު މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 އިންސައްތައަށްވުރެ އިތުރު އަދަދެއް ކަމަށެވެ. އަދި، ސެޕްޓެމްބަރ 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 8.6 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ސެޕްޓެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. އެގޮތުން، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް ވަނީ ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައެވެ. މިއީ ވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި މީރާއިން ފާހަގަކުރެއެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 37.6 އިންސައްތަ ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 27.9 އިންސައްތަ ނުވަތަ 553.11 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ (20.7 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ (3.7 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ (2.7 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ (7.5 އިންސައްތަ) ލިބިފައިވެއެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved