ހައިޝަމް ހަސަން
ހައިޝަމް ހަސަން - ވިދަމުން އަންނަ އާ ތަރިއެއް!
 
ހައިޝަމް އެ ދައްކާ ކުޅުމަށް "ސެލިއުޓް ކުރުން" ހައްގު ކަމަށް ބުނޭ
 
ގައުމީ ޓީމުން ހައިޝަމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2019 ގައި
ކ. މާލެ |
ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި)
އިމޭޖަސް.އެމްވީ

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ގިނަ ބަޔަކަށް މީގެ ކުރިން ހައިޝަމް ނޭނގުނު ކަމުގައިވީ ނަމަވެސް، މިހާރު ސޯޝާލް މީޑިއާގައި ގައުމީ ޓީމުގެ 14 ނަންބަރު ޖާޒީއަށް ކުޅެމުން އަންނަ ހައިޝަމުގެ ވާހަކަ ނުދައްކާ މީހަކު މަދެވެ.

ބ. އޭދަފުއްޓަށް އުފަން މިހާރު އުމުރުން 22 އަހަރުގެ ހައިޝަމް މި ފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާއަކީ ވަނީ ގައުމީ މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ފުލްކޮށް ކުޅެފައެވެ. އަދި ބަންގްލަދޭޝް އާއި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުތަކުގައި ހައިޝަމުގެ ކުޅުން ފާހަގަކޮށްލެވުނުއިރު، އާދިއްތަ ދުވަހުގެ ހަވީރު ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވި މެޗުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ލަނޑު ޖަހާފައިވަނީ ހައިޝަމް ނަގައިދިން ހުރަހަކުންނެވެ.

ކުލަބު ކެރިއަރު ފެށުނު ގޮތް:

ހައިޝަމުގެ ކެރިއަރަށް ބަލާލާއިރު، ޒުވާން އުމުރުގައި އޭނާ ވަނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ހައިޝަމް ކުލަބު އީގަލްސްގެ ޒުވާން ޓީމާ ގުޅުނީ އެ އަހަރުގެ ޔޫތު މުބާރާތް ކުޅުމަށެވެ. އެ ފަހަރު ހައިޝަމް ވަނީ އީގަލްސްއާއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެއާއެކު 2018 ވަނަ އަހަރު އީގަލްސްގެ ސީނިއާ ޓީމުން ހައިޝަމަށް ފުރުސަތު ލިބިގެންދިޔައެވެ. ހައިޝަމް އީގަލްސްގެ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން އީގަލްސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އޭގެ ފަހުން އީގަލްސްގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދަމުން އައި ހައިޝަމް ވަނީ 2019 ވަނަ އަހަރުވެސް އީގަލްސްއާއެކު ޔޫތު މުބާރާތް ކާމިޔާބުކޮށްފައެވެ.

ލަންކާ މެޗުގައި ލަނޑު ޖެހުމަށްފަހު ދަގަނޑޭ ހައިޝަމް އުރާލައިގެން - އިމޭޖަސް.އެމްވީ

ގައުމީ ޓީމުން ފުރުސަތު ހޯދުން:

ގައުމީ ޓީމުން ހައިޝަމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ފަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެކުލަވާލި ސްކޮޑުގައި ހައިޝަމް ހިމެނުނުއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަޔޮޓް އަތުން ރާއްޖެ ބަލިވި މެޗުގައި ހައިޝަމް ވަނީ ކުޅެފައެވެ.

އޭގެ ފަހުން އެ އަހަރުގެ އޯގަސްޓް މަހު އޮތް ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރަށުން ބޭރުގައި ގުއާމް އަތުން 1-0 އިން ރާއްޖެ މޮޅުވި މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ހައިޝަމް ވަނީ ކުޅެފައެވެ. އޭގެ ފަހުން ގައުމީ ޓީމުން ކުޅުނު ގިނަ މެޗުތަކެއްގައި ހައިޝަމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އަދި ހަމަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ގައުމީ ޓީމާއެކުވެސް ހައިޝަމް ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ.

މި ފަހަރުގެ މުބާރާތާއެކު ގިނަ ބައެއްގެ ތައުރީފު!

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕާއެކު ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ހައިޝަމަށް ލިބެމުން އަންނައިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ހައިޝަމް އެ ދައްކާ ކުޅުމަށް "ސެލިއުޓް ކުރުން" ހައްގު ކަމަށެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުން ލަންކާއާ ދެކޮޅަށް ދެއްކި މޮޅު ކުޅުމާއެކު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގުވަނީވެސް ހައިޝަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހައިޝަމް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ އަކީ އެ މުބާރާތަށްފަހު 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންއަށް ދާ ޒުވާން ގައުމީ ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. ހައިޝަމުގެ އިތުރުން މި ވަގުތު ސީނިއާ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން ދަށުގެ ކޮލިފައިންގައި ވާދަކުރާ ޓީމުގައި ހިމެނެނީ ޒުވާން ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
12%
އަންތަރީސް ވެއްޖެ
71%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
12%
ރުޅި ގަދަ ވެއްޖެ
6%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved