ވޯލްޑް ކަޕް - ދެކުނު އެމެރިކާ ކޮލިފައިން
އާޖެންޓީނާ މޮޅުވިއިރު، ބްރެޒިލުގެ ސިލްސިލާ ނިމުމަކަށް
 
އާޖެންޓީނާ މޮޅުވީ އުރުގުއޭ އަތުން 3-0 ގެ ނަތީޖާއަކުން
 
ކޮލަމްބިއާ އާއި ބްރެޒިލް އެއްވަރުވީ 0-0 ގެ ނަތީޖާއަކުން
ކ. މާލެ |
އާޖެންޓީނާ އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހޯމަ ދުވަހުގެ ފަތިހު ކުޅުނު މެޗުން އުރުގުއޭ އަތުން އާޖެންޓީނާ މޮޅުވިއިރު، ކޮލަމްބިއާއާ އެއްވަރުވެ ބްރެޒިލުގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ އުރުގުއޭ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަޔަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅައަކުން އާޖެންޓީނާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

އަދި އޭގެ ހަ މިނެޓު ފަހުން ލަޓާރޯ މާޓިނޭޒްގެ އެހީތެރިކަމާއެކު ރޮޑްރީގޯ ޑެ ޕޯލް ވަނީ ލަނޑެއް ޖަހައި، އާޖެންޓީނާގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި އާޖެންޓީނާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ލޮ ސެލްސޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ މާޓީނޭޒެވެ.

ކޮލަމްބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ކޮލިފައިންގައި ހޯމަ ދުވަހުގެ ފަތިހު ކުޅުނު މެޗުން ކޮލަމްބިއާ އާއި ބްރެޒިލް އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގެ ކުރިން ކޮލިފައިންގައި ކުޅުނު ނުވަ މެޗުންވެސް ބްރެޒިލް ވަނީ މޮޅުވެފައެވެ.

ކޮލަމްބިއާގައި ކުޅުނު މި މެޗުގައި ބްރެޒިލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ލަނޑެއް ޖަހަން އެ ޓީމުގެ ފްރެޑް އާއި ރަފީނިއާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މި މެޗުގައި ކޮލަމްބިއާގެ ޑިފެންޑަރުން ވަނީ ބްރެޒިލުގެ ތަރި ނޭމާ ހުއްޓުވަން މޮޅު ކުޅުމެއް ދައްކާފައެވެ.

މި ނަތީޖާތަކާއެކު ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި ބްރެޒިލުގެ ސައްތައިން ސައްތަ ރިކޯޑަށް ނިމުން އައިރު، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރުވަނައިގައި އޮތް އުރުގުއޭއަށް 11 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
60%
އަންތަރީސް ވެއްޖެ
20%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
20%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved