ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުން
ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓު އިތުރުކުރަނީ
 
އެގައުމުގެ އާބާދީގެ 83 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި
 
މިބަދަލާއެކު ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާފައިވާ 3000 މީހުންނަށް އެގައުމަށް އެތެރެވެވޭނެކަމަށް ބެލެވޭކަމަށް ސިންގަޕޫރުން ވަނީ ބުނެފައި
 
އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 8 ގައުމެއްގެ ރައްޔިތުންނަށް ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް އެތެރެވެވޭނެ
ކ. މާލެ |
ސިންގަޕޫރުގައި ވެކްސިން ޖަހާ ސެންޓަރެއްގެ ތެރޭގައި
ރޮއިޓަރސް

ކޮވިޑް-19 އާ ގުޅިގެން ސިންގަޕޫރަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންދާއިރު ކަރަންޓީނުވުމަކާ ނުލާ އެގައުމަށް އެތެރެވެވޭ ގައުމުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 8 ގައުމެއްގެ ރައްޔިތުންނަށް ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް އެތެރެވެވޭނެކަމަށް އެގައުމުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ. އޭގެތެރޭގައި އިނގިރޭސިވިލާތާއި، ފްރާންސް، ސްޕެއިން އަދި އެމެރިކާ ހިމެނޭއިރު މިގައުމުތަކުގެ ރައްޔިތުންނަށް ކަރަންޓީނުވުމަކާ ނުލާ ސިންގަޕޫރަށް ވަދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ސިންގަޕޫރަށް ވަނުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރ މަހުއެވެ. އޭރު އެފުރުސަތު ދީފައިވަނީ ޖަރމަނީ އާއި ބުރުނާއީ އަށެވެ. މިލިސްޓަށް ދެކުނު ކޮރެއާ އަންނަ މަހު އިތުރުކުރާނެކަމަށް ސިންގަޕޫރުން ބުނެއެވެ.

ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާފައިވާ 3000 މީހުންނަށް އެގައުމަށް އެތެރެވެވޭނެކަމަށް ބެލެވޭކަމަށް ސިންގަޕޫރުން ވަނީ ބުނެފައެވެ. ސިންގަޕޫރަށް 2019 ވަނަ އަހަރު 1.91 މިލިއަން މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

ސިންގަޕޫރަށް ކަރަންޓީނުވުމަކާ ނުލާ އެތެރެވެވޭ ގައުމުތައް އިތުރުކުރުމަށް އެހެން ގައުމުތަކާއެކު ވާހަކަދައްކަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއީ އަލުން ސިންގަޕޫރު ހުޅުވުމާލުމަށް އެގައުމުން އެޅި ބޮޑު ފިޔަވަޅެކެވެ. ދެކުނު އޭޝިޔާއަށް ނިސްބަތްވާ ސިންގަޕޫރަކީ ދުނިޔޭގެ އެންމެ މައި އެއް ވިޔަފާރީގެ ހަބެވެ. އަދި އެތައް ހާސް ކުންފުންޏެއްގެ ހެޑް ކުއަރޓަރސް ހުންނަ ގައުމަކީވެސް ސިންގަޕޫރެވެ.

5.45 މިލިއަން މީހުން ދިރިއުޅެމުން އަންނަ ސިންގަޕޫރުގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ފާއިތުވި ދުވަސްތަކުގައި ވަނީ 3000ން މަތިވެފައެވެ. އެގައުމުގެ އާބާދީގެ 83 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެހެންކަމުން ސިންގަޕޫރު ހިމެނެނީ ދުނިޔޭގެ ނިސްބަތުން ވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގެ ތެރޭގައެވެ.

ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލަށް ނުދިޔުމަށް ސިންގަޕޫރު ސަރުކާރުން އެންގުމާއެކު ސިންގަޕޫރުގެ ރައްޔިތުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ވިދާޅުވީ ކޮވިޑްގެ ކޭސްތައް ދަށްވެ ވަކި މިންވަރެއްގައި ހިފެހެއްޓުމުން ފިޔަވަޅުތަކަށް ލުއިތައް ދޭނެކަމަށާއި ނިއު ނޯމަލް އަކަށް ދެވޭނެކަމަށެވެ. އެކަމަށް އެންމެ މަދުވެގެން ތިން މަސްދުވަސް ނުވަތަ ފަހަރެއްގައި ހަމަސް ދުވަސް ވެސް ނަގާފާނެކަމަށް ލީ ވިދާޅުވިއެވެ.

ސިންގަޕޫރުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކުރާއިރު ވެކްސިން ނުޖަހާ މީހުންނަށް ބުދަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެތެރޭގައި މޯލްތަކަށް ވަނުމާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ވަނުން ވެކްސިން ނުޖަހާ މީހުންނަށް މަނާކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
raajjemv logo

All rights reserved